ތުރުކީން، ތައުލީމީ ދާއިރާގެ 15،000 އަށްވުރެ ގިނަ މުވައްޒަފުން ސަސްޕެންޑް ކޮށްފި

ތުރުކީ ސަރުކާރުން، އެގައުމުގެ ތައުލީމީ ދާއިރާގެ 15،000 އަށްވުރެ ގިނަ ސަރުކާރު މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ.
ތުރުކީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ ތެރެއިން 15،200 މީހުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، މި އެންމެން ސަސްޕެންޑް ކުރެވުނީ މިދިޔަ ހުކުރުދުވަހު ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން ކަމަށެވެ. އަދި އެކަމުގެ ތަހްގީގު ކަމާބެހޭ ފަރާތްތަކުން މިހާރު ފަށާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އަނެއްކޮޅުން، ސަރުކާރުގެ ހުރިހާ ޔުނިވަރސިޓީތަކުގެ ޑީނުން މަގާމުން އިސްތިއުފާ ދެއްވުމަށްވެސް މިހާރު އަންގަވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ތުރުކީގެ ސަރުކާރު ވައްޓާލަން ސިފައިންގެ ބަޔަކު ހުކުރު ދުވަހު ކުރި ބަޣާވާތާ ގުޅިގެން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައި، ބަޣާވާތާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ 7،500 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔިލްޑިރިމް ރޭގައި ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
"މިހާތަނަށް ތުހުމަތުކުރެވޭ 7،543 މީހުން ވަނީ ހައްޔަރު ކުރެވިފައި. މިއަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް. ހައްޔަރުކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 100 ފުލުހުންނާއި، ސިފައިންގެ 6،038 މީހުންނާއި، 755 ފަނޑިޔާރުންނާއި، ޕްރޮސެކިއުޓަރުންނާއި، 650 މަދަނީން" ތުރުކީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ