ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދަންޖެހޭ ގޮތަށް އުސޫލު ފާސްކޮށްފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދަންޖެހޭ ގޮތަށް ފަނޑިޔާރުން ބަދަލުކުރުމާ ބެހޭ އުސޫލު ފާސްކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާންމުކޮށްފި އެވެ.އެ އުސޫލު ބުނާ ގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ ފަނޑިޔާރުންގެ ގާނޫނާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޖޭއެސްސީއަށް ހުށަހެޅުމުންނެވެ. ނަމަވެސް އެގޮތަށް ފަނޑިޔާރަކު ބަދަލުކުރުމުގައި ސުޕްރީމް ކޯޓުގެ ވިސްނުން ހުރި ގޮތް ބެލުމަށް އެކަން އިސްވެ ކޯޓަށް ހުށަހެޅުމުގެ ބާރު ޖޭއެސްސީއަށް އޮންނާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.އެގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައިފި ނަމަ އެކަން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ފޮނުވަންޖެހެ އެވެ. އަދި އެ ފަނޑިޔާރަކު ބަދަލުކުރަން ފެންނަ ކަމަށް އެ ކޯޓުން ލަފާ ދީފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެ ލަފައާ އެއްގޮތަށް އަމަލުކުރަން ޖޭއެސްސީން ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.އެ އުސޫލު ބުނާގޮތުން އެ އުސޫލުގެ ދަށުން ކޮންމެ ފަނޑިޔާރަކު ވެސް ބަދަލު ކުރެވޭނީ އޭނާ މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށެވެ. އޭގެ ބަދަލުގައި އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށް ވުރެ މަތީ ކޯޓަކަށް ނުވަތަ ދަށު މަރުހަލާގެ ކޯޓަކަށް އެ އުސޫލުގެ ދަށުން ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެ އުސޫލު ބުނާގޮތުން އެ އުސޫލުގެ ދަށުން އެހެން ކޯޓުތަކަށް ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓާއި ހައި ކޯޓުން ނޫން އެހެން ކޯޓުތަކުގެ ފަނޑިޔާރުންނެވެ.އެ އުސޫލުގައިވާ ގޮތުން ފަނޑިޔާރު ކަމަށް އައްޔަންކުރިތާ އެއް އަހަރު ނުވާ ފަނޑިޔާރަކު އެ އުސޫލުގެ ދަށުން އެހެން ކޯޓަކަށް ބަދަލެއް ނުކުރެވޭނެ އެވެ. އަދި އެ އުސޫލުގެ ދަށުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމަށް ފަހު އެއް އަހަރު ވަންދެން އެ ފަނޑިޔާރަކު އަމިއްލައަށް އެދިގެން ވެސް އެހެން ކޯޓަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.މީގެ އިތުރުން ފަނޑިޔާރަކު ބަދަލު ކުރުމަށް ކޮމިޝަނުން ނިންމައި، އެކަން އެ ފަނޑިޔާރަށް އަންގާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރަކު ބަދަލު ކުރަންޖެހެ އެވެ. އެ އުސޫލުގެ ދަށުން ފަނޑިޔާރުން ބަދަލު ކުރުމުގައި ޖޭއެސްސީއަށް ލަފާ ދިނުމަށް ކޮމެޓީއެއް ވެސް އޮންނަންޖެހެ އެވެ."ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި ލަފާ ދޭ ކޮމެޓީ" ގެ ނަމުގައި އޮންނަ އެ ކޮމެޓީގައި ހަތް މެމްބަރުން ތިބެންޖެހެ އެވެ. އެއީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި ހައި ކޯޓުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރުގެ އިތުރުން ދަށު ކޯޓުތަކުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަ ވަކީލު ކަމަށް އެ އުސޫލުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ