މިއަދު ފެނުނީ ސަރުކާރުން މިނިވަން ވޯޓަކަށް ބިރުގަންނަވަރު- މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް މިއަދު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ފެނުނީ ސަރުކާރުން މިނިވަން ވޯޓަކަށް ބިރު ގަންނަ މިންވަރުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދެންމެ އެމަނިކުފާން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އެމަނިކުފާން ވިދާޅުވެފައިވަނީ މިއަދު މަޖިލީހުން ފެނުނީ ލަދުގަންނަވަރުގެ ކަންކަންކަމަށާއި ސަރުކާރުން މިނިވަން ވޯޓަކަށް ބިރު ގަންނަ މިންވަރުކަމަށެވެ. އަދި، މިއީ މުޅި ނިޒާމު އިސްލާޙުކުރަންޖެހޭ ސަބަބުކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މަޖިލީހުން ފެނުނީ މުޅިންވެސް ލަދުގަންނަވަރުގެ ކަންކަން! ސަރުކާރުން މިނިވަން ވޯޓަކާމެދު ބިރުގަންނަ މިންވަރު. މުޅި ނިޒާމު އިސްލާޙުކުރަންޖެހޭ ސަބަބު" ރައީސް މައުމޫނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސް މަސީޙުގެ އިތުބާރު ނެތްކަމަށް ފާސްވެފައިނުވާއިރު މިއަދު އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ގެންގޮސްފައިވަނީ، އެހެން ވޯޓުތަކުގައި މަޖިލީހުން ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް މެދުވެރިކޮށެއްނޫނެވެ.
ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު، އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އަދިވެސް މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ