އައިއެސް ފަދަ ޖަމާއަތްތަކުން ހިންގަނީ ދީނުގެ އުސޫލުތަކާ ގުޅުން ހުރި ކަމެއް ނޫން: މައުމޫން
އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ފާޅުގައި އަދި މީޑިއާގެ ކުރިމަތީގައި ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކަކީ، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.ޓެރަރިޒަމާ ދެކޮޅަށް ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން މައްކާގައި ބޭއްވި ހަތަރު ދުވަހުގެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި، ޖަލްސާގެ ބައިވެރިވި ވަފުދުތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ޓެރަރިޒަމަކީ ވަކި ދީނަކަށް އަދި ވަކި ގައުމަކަށް ނިސްބަތް ކުރެވޭނެ ހަރަކާތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ތަފާތު ސިޔާސީ، އިގުތިސޯދީ، އިޖްތިމާއީ އަދި ދީނީ މައްސަލަތަކަކާ ގުޅިގެން މުޅި ދުނިޔޭގައި ހިނގަމުންދާ ކަންްތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އެއްވެސް ކުށެއް ނެތް މައުސޫމް ބައެއްގެ ލޭ އޮހޮރުވުމާއި ޝަރީއަތަކާ ނުލައި ހިތުހުރި ގޮތަކަށް، މީހުން މެރުމާއި ގައުމުތަކުގެ އަމަން އަމާންކަން ނަގާލުމާއި މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި މަދަނީ އަދި އިގުތިސޯދީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދިނުމަކީ، އެއްވެސް ދީނެއް ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި ތަހުޒީބު ވެފައިވާ ދުނިޔޭގެ ހަމަ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ނުވަތަ ބަޔަކު ގަބޫލު ކުރާނެ ކަމެއް ވެސް ނޫނެވެ،" މައުމޫން ވިދާޅުވި ކަމަށް، އެމަނިކުފާނުގެ އޮފީހުން ބުންޏެވެ. މައްކާގައި ބޭއްވި ރާބިތާގެ ޖަލްސާގަައި، ކުރީގެ ރައީސް މައުމޫނާ އެކު ބައިވެރިވެވަޑައިގަތް، ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝޭހު މުހައްމަދު ރަޝީދު އިބްރާހީމް (ވ) އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން. ރާބިތާގެ ފަރާތުން ޓެރަރިޒަމާ ދެކޮޅަށް ބޭއްވެވި ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާ އިން ނިންމި ނިންމުންތަކަށް، ހުރިހާ ގައުމުތަކުން އަމަލު ކުރުމަށް މައުމޫން ވަނީ ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މައްކާގައި ބޭއްވި، ޖަލްސާގެ ނިންމުންތަކަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ހަރަކާތްތަކުން އިސްލާމީ ދުނިޔެ އާއި މުޅި ދުނިޔެ ސަލާމަތް ވުމަށް މަގު ދައްކައިދޭ ނިންމުންތަކެކެވެ.ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާގެ ނިންމުންތަކުގެ ތެރޭގައި، ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި، ހުރިހާ ގައުމުތަކެއްގެ ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ މުޖްތަމައު ބައިވެރިވާ ފުރިހަމަ ސްޓްރެޓެޖީއެއް ގާއިމް ކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ ސްޓްރެޓެޖީއެއްގެ ތެރޭގައި، މުސްލިމުންނާ ދެކޮޅަށް ބައެއް ގައުމުތަކުގައި ހިނގަމުންދާ، އދ. މަޖުލީހުގެ ޗާޓަރާއި ބައިނަލްއަގާވާމީ އުސޫލުތަކާ ޚިލާފު، ބޭއިންސާފު އަމަލުތައް ހުއްޓުވުމާއި އެކިއެކި ނަބީބޭކަލުންނަށާއި ދީންތަކަށް ފުރައްސާރަ ކުރުމުގެ އަމަލުތައް މަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން މިނިވަންކަމާއި އިންސާނީ ހައްގުތަކުން މަހުރޫމް ވެފައިވާ އެންމެންނަށް އެމީހުންގެ ސިޔާސީ އަދި އިންސާނީ، ދީނީ ހައްގުތައް ލިބިދިނުން ވެސް، އެ ސްޓްރެޓެޖީގެ މުހިންމު ބަޔަކަށް ވާންޖެހޭނެ ކަމަށް އޭގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ