ރައްޔިތުންގެ މަޖިލީސް: ތިމަރަފުށީ ދާއިރާގެ މެންބަރުގެ ފުރުސަތު އެ ޕާޓީގެ އެހެން މެންބަރަކަށް ދިނުމުން މުސްތަފާ ކޯފާގަދަވެ އަޑުގަދަކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ، ތިމަރަފުށީ ދާއިރާގެ މެންބަރު މުހަންމަދު މުސްތަފާ އަށް ވުރެ ކުރިން، އެ ޕާޓީގެ އަނެއް މެންބަރު، ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދަށް ފުރުސަތު ދެއްވުމުން އެކަމާ ނުރުހުން ފާޅުކޮށް، އޭނާގެ ފުރުސަތު ގެއްލުވާލީ ކަމަށް ވިދާޅުވެ، މަޖިލީހުގެ ތަޅުމުގައި ހަޅޭއްލަވައި ޕާޓީގެ މެންބަރުންނަށް މުސްތަފާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.ހަޅުތާލުކުރުމުގެ ބިލްގެ ބަހުސުގައި ނިޒާމީ ނުކުތާ ނަންގަވައި މުސްތަފާ ވިދާޅުވީ އޭނާގެ ފުރުސަތަށް އެދިވަޑައިގެންފައި ވަނިކޮށް އޭނާ އަށް އެނގިވަޑައިނުގެން އެ ފުރުސަތު އެހެން ގޮތަކަށް ބަދަލުނުކުރެވޭނެ ކަމަށާއި އެއީ ރިއާސަތަށް ވެސް އަދި އެ ހައްގަކީ އޭނާގެ ޕާޓީ އަށް ވެސް "އަރައިގަނެވޭނެ" ހައްގެއްނޫން ކަމަށާއި ސީނިއަރުންނާއި ޖޫނިއަރުންނާއި ނަސްލީ އިމްތިޔާޒާއި ތަފާތުކުރުންތަކަކީ ޕާޓީ ތެރޭގައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ފުރުސަތު ލިބެން ޖެހޭނީ އޭނާ އަށް ކަމަށެވެ.އެ މައްސަލަ އިތުރަށް ގޯސްވެ މަޖިލީހުގެ ތަޅުން ހޫނުވީ، މެންބަރުން ވާހަކަ ދެއްކެވުމަށް ހުރަސްއެޅޭ ގޮތަށް މުސްތަފާ އަޑުގަދަ ކުރައްވައި ފުރުސަތަށް އެދި "ހަޅޭއްލަވައި" އަޑުގަދަކުރައްވަން ފެއްޓެވުމުން އެހެން މެންބަރުން ވެސް އެ މައްސަލައިގެ ތެރެއަށް ވެންނެވުމުންނެވެ. އަދި އެއާ އެކު މައްސަލަ އިތުރަށް ގޯސްވެ، ގިނަ މެންބަރުންތަކަކަށް ރިޔާސަތުން އިންޒާރު ދެއްވި އެވެ.އެ މައްސަލައިގައި ބައެއް އަމިއްލަ މެންބަރުންނާއި އިދިކޮޅު ޑީއާރުޕީގެ މެންބަރުން ވިދާޅުވީ، އެމްޑީޕީގައި ޑިމޮކްރަސީ ނެތްކަން އެ މެންބަރުން އަމިއްލަ އަށް ވިދާޅުވަމުން އެ ގެންދަވަނީ ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަސީ ނެތް ޕާޓީއެއް ކަމަށާއި ޕާޓީގެ ދާހިލީކަންކަން ހަމަނު ޖެހޭ މިންވަރު އެކަމުން ހާމަވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ ފުރުސަތަކީ މުސްތަފާ އަށް ދޭން ޖެހޭނެ ފުރުސަތެއް ކަމަށާއި އެމްޑީޕީން ފުރުސަތު ނުދެއްވައިފި ނަމަ އެމްޑީޕީން ކެނޑިވަޑައިގެން ޑީއާރުޕީއަށް ވެންނެވުމުން ޑީއާރުޕީގެ ފުރުސަތު މުސްތަފާ އަށް ދެއްވާނެ ކަމަށް ޑީއާރުޕީގެ މެންބަރުން ވިދާޅުވި އެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ ޕާޓީތަކުން ފުރުސަތަށް އެދޭ މެންބަރުންގެ ތަރުތީބު ކަނޑައެޅުމަކީ، އެ ޕާޓީއެއްގެ ޕާލަމެންޓްރީ ލީޑަރަށް ނުވަތަ ވިޕަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެހެންކަމުން ލިސްޓުގައިވާ މުސްތަފާގެ ނަމަށް ޕާޓީން ބަދަލު ނުގެނެވޭނެ ކަމަށެވެ.ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވީ، ޕާޓީތަކުން ފުރުސަތަށް އެދެމުންދާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ތަރުތީބު ކަނޑައެޅުމަކީ ޕާޓީގެ ޕާލަމެންޓްރީ ލީޑަރަށާއި ވިޕުންނަށް މަޖިލީހުގެ ގަވާއިދުން ލިބިދޭ ބާރެއް ކަމަށެވެ. އަދި އެ މައްސަލަ އަކީ އެމްޑީޕީގެ ދާހިލީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ތެރެއަށް އެހެން ޕާޓީތަކުގެ މެންބަރުން ނުވެންނެވުމަށް ރިޔާސަތުން އެދިވަޑައިގެންނެވި އެވެ. އަދި އެ ކަމަކީ އެމްޑީޕީގެ ދާހިލީ ކަމަކަށް ވާތީ އެމްޑީޕީ އަމިއްލައަށް އެ ކަން ހައްލު ކުރުމަށް ވެސް ރިޔާސަތުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް މުސްތަފާ ތަކުރާރުކޮށް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ތަޅުން އިތުރަށް ހޫނުވި އެވެ. އެންމެ ފަހުން އެ މައްސަލަ ހައްލުވީ، މުހައްމަދު ނަޝީދަށް ލިބުނު ފުރުސަތު މުސްތަފާ އަށް ދޫކޮށްލެއްވުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ