ޖޭއެސްސީގެ މެންބަރަކަށް ވެލެޒިނީ ހުންނެވިހާ ދުވަހަކު ސަރުކާރަށް އެއްބާރުލެއްވުން ނުދެއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް [ޖޭއެސްސީ]އަށް ރައީސް އައްޔަން ކުރައްވާފައި ހުންނެވި އެ ކޮމެޓީގެ މެންބަރު އައިޝަތު ވެލެޒިނީ އެ މަގާމުގައި ހުންނެވިހާ ދުވަހަކު ސަރުކާރަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވެރިކަން ކުރަމުން އަންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ ވެސް މެންބަރު މުހައްމަދު މުސްތޮފާ މިއަދު ވިދާޅުވެއްޖެ އެވެ.ސަން އޮންލައިނާ ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވީ ވެލެޒިނީގެ އަމަލުތައް ހުންނަނީ އަހުލާގީ ގޮތުން ވަރަށް ދަށްފެންވަރެއްގައި ކަމަށާއި އެ "އަންހެން މިހާ"ގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތްތަކަށް ހުރަސްއެޅެމުން އަންނަ ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވެސް އެންމެ ބޮޑު ހަލާކަކީ ވެލެޒިނީ ކަމަށާއި އެފަދަ ދެތިން މީހަކު ޕާޓީގެ ތެރޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ."މިޕާޓީ އާއި ސަރުކާރުގެ އިއްޒަތާއި ހަލާކާއި ކަރާމާތް ނަގާލާ މީހަކީ ވެލެޒިނީ. އޭނާގެ އަމަލުތައް ހުންނަ ގޮތުން ފަނޑިޔާރުން އެބަތިއްބަވާ އިސްނަގަން ނުކެރިފައި. ބައެއް ފަނޑިޔާރުން ރޯ ދަރަޖަ އަށް އެބަދޭ އޭނަގެ ހަޔާތްކުޑަކަމުން. އެކަމުގެ ސަބަބުން ސަރުކާރުގެ ވެސް، ރައީސްގެ ވެސް އަދި ޕާޓީގެ ވެސް އަބުރުދަނީ. އަޅުގަނޑަށް އެނގޭ ޖޭއެސްސީގައި އިނދެގެން މި އަންހެން މީހާ ކުރާ ނޭތްގާނީ ދަށުދަރަޖައިގެ އަމަލުތައް. އެ އަންހެން މީހާ އަކީ  ބޮޑު މޮޔައެއް. އަޅުގަނޑު މިބުނަނީ މީނަ ޖޭއެސްސީގައި ހުރިހާ ހިނދަކު އަޅުގަނޑު ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭނަމޭ،" މުސްތޮފާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ވެލެޒިނީ އެ މަގާމުގައި ހުންނެވުމާ ދެކޮޅުހައްދަވަނީ އޭނާ އެކަނި ނޫން ކަމަށާއި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ރައީސް މުސާ މަނިކު ވެސް އެކަމާ ވަރަށް ބޮޑަށް ދެކޮޅުކަމަށާއި ޕާލިމެންޓްރީ ގުރޫޕުގެ އެހެން މެންބަރުން ވެސް އެކަމާ ދެކޮޅު ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި މައްސަލަތައް ޖެހެންޖެހެނީ ވެސް ވެލެޒިނީގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ."އަޅުގަނޑު އެކަންޏެއްނޫން މި އުޅެނީ. އަޅުގަނޑު ފަހަތުގައި އެބަތިއްބެވި މި ޕާޓީގެ ޕާލިމަންޓުގެ ބައިވަރު މެންބަރުން. މޫސާ މަނިކު ވެސް އެއްގޮތަކަށް ވެސް މިކަމާ ގަބޫލެއް ނޫން. އޭނާ ހަމަ އިންކާރު ކުރޭ މިކަމާ،" މުސްތޮފާ ވިދާޅުވި އެވެ.މުސްތޮފާ ވިދާޅުވީ ވެލެޒިނީ ޖޭއެއްސީގެ މެންބަރުކަމުން ވަކި ކުރަންދެން ދެކޮޅު ހެދުމުގައި ދެމި ހުންނަވާނެ  ކަމަށާއި އޭނާ އެކަން ކުރައްވަނީ ސަރުކާރާއި އެމްޑީޕީގެ ހައްގުގައި ކަމަށެވެ."އަޅުގަނޑު ވަރަށް ލޯބިވޭ ޕާޓީ ދެކެ. އަޅުގަނޑު ޕާޓީ އަކާ ދުރަކަށް ނުދާނަން. އަޅުގަނޑު މި އުޅެނީ ޕާޓީގެ ހައްގުގައި އެ... އަންހެނާގެ ސަބަބުން މި ސަރުކާރާއި ރައްޔިތުންގެ އަގު ވެއްޓެނީ،" މުސްތޮފާ ވިދާޅުވި އެވެ.މުސްތޮފާގެ އެ ދުހުމަތުތައް ދޮގުކުރައްވަމުން ވެލެޒިނީ މިއަދު ވިދާޅުވީ އޭނާ އަބަދު ވެސް މަސައްކަތް ކުރައްވާފައި އޮންނާނީ މިނިވަން މުސްތަގިއްލު ކަމާ އެކު ޖުޑިޝިއަރީގެ ކަންތައްތައް ހިންގެވުމަށް ކަމަށާއި މުސްތޮފާ އެވިދާޅުވާ ފަދަ ދަށުދަރަޖައިގެ އަމަލުތަކެއް ދުވަހަކު ވެސް ހިންގާފައި ނޯންނާނެ ކަމަށެވެ."އަޅުގަނޑަކީ އެތަނުގައި ވަކި ޕާޓީ އެއްގެ ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ މީހެއް ނޫން. އަޅުގަނޑެއް ވެސް ބަލަހައްޓައިގެނެއް ނިއިންނާނަން. ކުރީގެ ސަރުކާރުގައި އޮފީސްތައް ހިންގާ އުސޫލުން ކަންތައްތައް ހިނގަން ފެށީމާ. އެހެންވެ އަޅުގަނޑު މަގުމައްޗަށް ވެސް ނުކުމެ މި އުޅެނީ. އެވިދާޅުވާ ފަދަ އަމަލުތަކެއް ދުވަހަކު ވެސް ކޮށްފައެއް ނޯންނާނެ. އެބުނާ ފަދަ އަހުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކެއް ކޮށްފައި އޮތިއްޔާ ފުލުސް އޮފީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވަންވީ. އަޅުގަނޑު ނޫޅެން ސިޔާސީ ބޭފުޅުން ދައްކާ ވާހަކައަށް ރައްދުދޭކަށް. އެއީ ސިޔާސީ މީހެއް [މުސްތޮފާ]. އެ ބޭފޫޅުން ދައްކާނީ ސިޔާސީ ވާހަކަ،" ވެލެޒިނީ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ރައީސް ނަޝީދު އެއްވެސް ގޮތަކަށް އެކަމަނާ ޖޭއެއްސީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށާއި އަދި މަޝްވަރާއެއް ވެސް ދެއްވާފައި ނުވާކަމަށެވެ."އަޅުގަނޑު ފޮނުވާ ސިޓީތައް ރައީސް އަށް ކޮޕީކޮށްފައި ހުންނާނީ. ރައީސް އެއްވެސް އިރެއްގައި އެއްވެސް މަޝްވަރާއެއް ވެސް އަދި ހިތްޕުޅުހަމަޖެހިވަޑައިގަނެގެން ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ. އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ވަރަށް މިނިވަންކޮށް. އަޅުގަނޑު ވަކި ކުރިއަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް. އެއީ ރައީސް އަށް އޮތް ބާރެއް." ވެލެޒިނީ ވިދާޅުވި އެވެ.ނިމިދިޔަ އަހަރުގެ އޮގަސްޓް ފަސްވަނަ ދުވަހު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ސަން އޮނަލައިންއަށް ވިދާޅުވެފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ ވެލެޒިނީ ކުރައްވަމުން ގެންދަވާ އަމަލުތަކަށް އެއްވެސް ޝައްކެތް ނެތި ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށާއި ވެލެޒިނީގެ އަމަލުތައް ކުށްވެރި ކުރަމުންދާ ފަރާތްތަކަކީ، ހާމަކަން ބޮޑު ގޮތެއްގައި ހިޔާލުފާޅުކުރުމަކީ ގަބޫލުކުރެވޭ ކަމެއްގެ ގޮތުގައި އޮންނަ ކުރީގެ ސިޔާސީ ސަގާފަތަށް ނިސްބަތްވާ ބަޔެއް ކަމަށެވެ.މުސްތޮފާގެ ވާހަކަތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބަހެއް ހޯދުމަށް އެމްޑީޕީގެ ޕާލެމެންޓް ގްރޫޕުގެ ރައީސް މުސާ މަނިކަށް ގުޅިއިރު އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތްނުވެފަ އެވެ.ވެލެޒިނީ ވަނީ މީގެ ކުރިން ޖޭއެއްސީގެ ތަފާތު މެންބަރުންގެ މައްޗަށް ތުހުމަތުތައް ކުރައްވައި އިލްޒާމްތައް އެބޭފުޅުންގެ އިސްތަށި ފުޅުގައި އަޅުއްވަމުން ގެންދަވާފަ އެވެ. އަދި އޭނާ ވަނީ ޝަރުތު ހަމަވާ ކަމަށް ޖޭއެސްސީން ފާސްކޮށްފައިވާ 59 ފަނޑިޔާރަކު ހުވާކުރެއްވުމަށް ނިމިދިޔަ އަހަރުގެ އޮގަސްޓް ފަސްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތައް ހުރަސް އަޅައި އެތަނުގައިވެސް އަޑުގަދަ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ