މިވަގުތު ޖަލު ބަންދުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަ އަމީތު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަގުތުން ދޫކޮށްލާ އެމީހުންގެ މައްޗަށް ކުރަން ނިންމާފައިވާ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހައްޔަރު ކޮށްފައިވާ 4 މެމްބަރުގެ ތެރެއިން ފާރިސްގެ މައްޗަށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރާއިރު އަނެއް ތިން މެންބަރުންގެ މައްޗަށް ކުރަނީ މަޖިލީސް މެންބަރުން ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތްކަމުގެ ތުހުމަތެވެ.
އުމަރު މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި، އެ ހަތަރު މެންބަރުންނަކީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށާއި މި ސަރުކާރު ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށާއި އެހެންކަމުން ރައީސް ޔާމީނާއި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ މިފަދަ އަގުހުރި ހިދުމަތްތެރިން ޖަލުގައި ތިބެންޖެހޭ ސަަބަބެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
"މީ ޕީޕީއެމްއައް ބޮޑެތި ގުރުބާނީތަކެއް ވެލައްވާފައިވާ މި ޕާޓީގެ ބޮޑެތި ހިދުމަތް ތެރިންނެވެ. މި ޕާޓީ ވެރިކަމަށް ގެނައުމަށާއި ރައީސް ޔާމީންގެ ވެރިކަން ކުރިއެރުވުމަށް އެތަކެއް ގުރުބާނީ ތަކެއް ވެލެއްވިއެވެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނަށް މަޖިލީހުގެ ތެރެއިން ކުރިމަތިވެފައިވާ ގޮންޖެންތަކުގެ ހައްލަކީ މެންބަރުން ހައްޔަރުކޮށް މަޖިލީސް ނުބޭއްވުން ކަމަށްވާނަމަ ރޫޅިގެން އެ ދަނީ ދުސްތޫރީ ނިޒާމު ކަމަށެވެ. އަދި ގެއްލިގެން އެދަނީ ރައްޔިތުންގެ ފަރާތުން ވެރިކަމަށް އޮންނަންޖެހޭ އިތުބާރާއި ޔަގީން ކަން ކަމަށެވެ.
“އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ރައީސް ޔާމީން ބޭނުންވާނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ ދަންމަރެވެ. އެ ދަންމަރު އުފުލިފައިވާ ވެރިއެއްގެ އަތުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ.” އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ހިދުމަތްތެރިން ދޫކޮށްލާ އެމީހުންގެ މައްޗަށް އުފުލިފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނަރަލް އަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރައީސްއަށް އޮތް ގޮންޖެހުންތަކުގެ ހައްލަކީ މެންބަރުން ޖަލަށް ލުމެއް ނޫން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ