ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއް ގޮތަށް ކަމަށްވާތީ މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒްގަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވީ ރާއްޖެ އަކީ ސުލްހަވެރިކަމާއި ފާގަތިކަން ލިބި ރައްޔިތުންގެ އުއްމީދުތައް ހާސިލްވާ ގައުމަކަށް ވުމަށް އެދޭ ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވަނިކޮށެވެ.
އިންޑިއާގެ ސަފީރު ވަނީ ގާސިމް އިބްރާހިމާއި ބައްދަލުވުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
މީގެކުރިން ގަލޮޅޮ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ދެއްވި ފަރިއްކޮޅަކަށް ސަފީރު ވަޑައިގަތުމުން ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވަނީ ސަފީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރިޔާޒުގެ ފާޑުކިޔުންތަކަށް ސަފީރު އަކިލޭޝް ވަނީ ޖަވާބު ދެެއްވާފަ އެވެ. އެގޮތުން ސަފީރު ވިދާޅުވީ މަހްލޫފް އެކޭ އެއްގޮތަށް ރިޔާޒް ރަޝީދަށްވެސް ރޭގަނޑުގެ ފަރިއްކޮޅަކަށް ދައުވަތު އެރުވިދާނެ ކަމަށާއި އަދި އެ ދައުވަތު ގަބޫލުކޮށް ފަރިއްކޮޅަށް ވަޑައިގަތުމަށް ތައްޔާރަަށް ހުންނެވި ކަމަށެވެ.
އިންޑިއާ ސަފީރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ