ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމުގެ މައްސަލައިގެ ކޮމެޓީގެ ރިޕޯޓުން ރައްޔިތުން ސިހިގެންދާނެ: ޑީއާރުޕީ

ކިއުބާގެ ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުން ދެ ގައިދީއަކު ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތްކުރާތީ އެ ކަން ބަލައި ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓުން ގިނަ ބަޔަކަށް ސިހުން ލިބިގެންދާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.
އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ނާއިބު މުގައްރިރު އަލީ ވަހީދު ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަން ސަރުކާރުން މަސައްކަތްކުރާތީ އެކަމާ ގުޅޭ ގޮތުން ބޭނުންވި ގިނަ ޖަވާބުތައް ކޮމެޓީގެ ރިޕޯޓުން އެނގޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރައްޔިތުން ކަންބޮޑުވާވަރުގެ ކަންތައްތައް އެ ރިޕޯޓުން ފެނިގެންދާނެއޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އެ ކޮމެޓީ ރިޕޯޓަށް، އެ ނިންމާފައިވާ ނިންމުންތަކަށް ލިބިގެންދާނެ. ކުރުކޮށް ދަންނަވާ ކަމަށްވާ ނަމަ ކުރިން ހީކުރި ވަރަށް ވުރެ ހައިރާން ކުރުވަނިވި ފައިންޑިންސްތަކެއް [ހޯދުންތަކެއް] އެ ރިޕޯޓުގައި ހުންނާނެ،" ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑުމެންނެއް މަޖިލީހުގެ ގަވާއިދުން ބޭރުން އެ އެއްޗެހި ލީކްކޮށް ހިއްސާކުރާކަށް ނެތިން."
އޭނާ ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ވަރަށް ހައިރާން ކުރުވަނިވި ހޯދުންތަކެއް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހޯދިފައިވާއިރު ވެސް އެކަމާ ކަންބޮޑުވާންނުޖެހޭ ކަމަށް ދޭހަވާ ގޮތަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވާހަކަ ދައްކަވަމުން ގެންދަވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަލީ ވަހީދު، އެ ވާހަކަތައް ކުށްވެރި ކުރެއްވި އެވެ.
މި ހަފުތާގައި "ހަވީރަ" ށް ވާހަކަ ދައްކަވަމުން ޕްރެސް ސެކްރެޓަރީ ވިދާޅުވެފައި ވަނީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނަޔަސް އެ މީހުންގެ ފަރާތުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރިޔަނުދީ، ރާއްޖޭގެ ދިފާއީ ނިޒާމު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވެސް ހިމެނިވަޑައިގަންނަވާއިރު އެ ދެ ބޭފުޅުން ވެސް ވަނީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މައުލޫމާތު ދެއްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ޗީފް އޮފް ޑިފެންސް ފޯހާއި ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރެއްވި މައުލޫމާތުތަކުގެ ތެރެއިން ޕްރެސް ސެކްރެޓަރީ މީޑިއާ އަށް ހާމަކުރެއްވި މައުލޫމާތުތަކާއި އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ދެއްވި މައުލޫމާތުތަކުގައި ފަރަގެއް ވޭތޯ ދެންނެވުމުން އަލީ ވަހީދު ވިދާޅުވީ އެ ދެ ބޭފުޅުން ކޮމެޓީގައި ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ވަކި އެއްޗެއް މި ވަގުތު ވިދާޅުވުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ.
"ތަހުގީގަށް ހާޒިރުކޮށް އިންޓަވިއުކުރި ބޭފުޅުން ސީދާ ވިދާޅުވި ގޮތަށް ޔައުމިއްޔާ ކުރެވިގެން މި ރިޕޯޓް އެކުލެވިފައިވާނީ. އެހެންވީމަ މީގައި ނޯންނާނެ އަޅުގަނޑުމެން އުފައްދައިގެން ލިޔުނު އެއްވެސް އެއްޗެއް،" އަލީ ވަހީދު ވިދާޅުވި އެވެ. "އެ ރިޕޯޓް އައުމާއެކު އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ތެރޭގައި ސިހުން ލިބޭ ފަދަ ނުވަތަ ހައިރާންކަން ލިބޭ ފަދަ މައުލޫމާތު މީގައި ހުންނާނެ އޭ."
އިއްޔެގެ ނިއުސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ބަދަލުކޮށްފައިވާ "ސިއްރު" ލިޔުންތަކެއް ފޮރިން މިނިސްޓްރީން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ލިޔުންތައް ހާމަ ކުރުމަކީ ޑީއާރުޕީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ކޮންމެހެން ބޭނުންނުވާ ހާލަތުގައި އެ ލިޔުންތައް އާންމުނުކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ މެމްބަރުން ދެކެވަޑައިގަންނަވާކަން ބަޔާންކުރައްވައި އެ ކަމުގައި ކޮމެޓީން ގޮތެއް ނިންމައި ރިޕޯޓް ވީހާ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގެން ޑީއާރުޕީން ވަނީ އިއްޔެ ކޮމެޓީގެ މުގައްރިރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
"އެމެރިކާގެ ހާރިޖިއްޔާގެ މައުލޫމާތުތަކެއް އަޅުގަނޑުމެން އިސްވެ ހާމަކުރާކަށް އަޅުގަނޑުމެން ގަބޫލެއް ނޫން. އެއީ ރަނގަޅު ގޮތެއް ވެސް ޒިންމާދާރު ގޮތެއް ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އެމެރިކާ ފަދަ ގައުމުތަކަކީ އަބަދުވެސް ދިވެހިރާއްޖެއާ ވަރަށް ގާތްގުޅުން ބާއްވާ ގައުމުތަކެއް. އެހެންވީމަ މި ކަމުގެ ސަބަބުން ]ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ "ސިއްރު" ލިޔުންތައް ނުހިމެނުމުން[ އެއްވެސް އަސްލަކަށް ބަދަލެއް ނާންނާ. މި ރިޕޯޓުގައި ބޭނުންވާ މައުލޫމާތުތައް ވަރަށް ސަރީހަކޮށް ހުންނާނެ،" ގުއަންޓަނާމޯ ބޭ ޖަލުން ބަޔަކު ރާއްޖެ ގެންނަން އުޅޭކަން ފަޅާ އަރުވާލި އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އިނީޝިއޭޓްކޮށްގެން މި ކުރި މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެއޭ. އެ ކަމުގެ ނަތީޖާ، ތަފުސީލުތައް ރިޕޯޓުން ފެނިވަޑައިގަންނަވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ