ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރޮއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން މި އަތޮޅުގައި ވަކިން އޮންނަ މީދުއަށާއި ހުޅުދު އަށް ޒިޔާރަތްކުރައްވައި ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ މެންދުރުފަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ މީދު އަށެވެ. މީދޫ ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ވިދާޅުވީ ސަރުކާރުން އެރަށުގައި ކުއްލިއްޔަތުން ދިރާސާތުލް އިސްލާމިއްޔާގެ ގޮތްޕެއް ހުޅުވަން ހަމަޖައްސައިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ރަށަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށަކަށް ވާތީ، ދަނޑުވެރިންނަށް މިހާރު ކުރިމަތިވެފައިވާ ގަސް ކާނާ ފަދަ ބާވަތްތައް ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާތީ އެކަން ވެސް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"މީގެ ކުރީ ފަހަރެއްގައި ވެސް އަޅުގަނޑު މިރަށަށް އައުމުން ރައްޔިތުން އެދިވަޑައިގެންފައިވާ ކުއްލިއްޔަތުން ދިރާސާތުލް އިސްލާމިއްޔާގެ ގޮތްޕެއް މިރަށުގައި ހުންނަން،" މައުމޫން ވިދާޅުވި އެވެ. "އެކަމާ އަޅުގަނޑު ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރިން. އެހެންވީމާ އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭގައި މި ރަށުގައި ކުއްލިއްޔާގެ ގޮތްޕެއް ހުޅުވޭނެ."
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދަނޑުވެރިންގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އަށް ހުށަހަޅައިގެން ދަނޑުވެރިންނަށް ގަސް ކާނާ ލިބޭނޭ ގޮތް ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ދެ ރަށަށް ވަކިވަކިން ކުރެއްވި ޒިޔާރަތުގައި ހުޅުދު އަށް ވަޑައިގެން މައުމޫން ވިދާޅުވީ އެރަށުގެ ހުކުރު މިސްކިތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ރައްޔިތުން އާ މިސްކިތެއް އިމާރާތްކޮށް ދެއްވުމަށް އެދެމުން އަންނާތީ އެކަން ވެސް ވަރަށް އަވަހަށް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް މައުމޫން މީދުއަށާއި ހުޅުދު އަށް ވަޑައިގަތުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އިސްތިއުފާ އަށް ވެސް ގޮވައި ބެނާތައް ހިފައިގެން ތިބެ އަޑުގަދަކޮށް ހަމަނުޖެހުން އުފެއްދުމަށް ވެސް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ކޮންޓްރޯލްކޮށްފަ އެވެ. މީގެ އިތުރުން މައުމޫނުގެ ދަތުރުފުޅު ކަވަރުކުރަން ދިޔަ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ދަތުރުކުރި ލޯންޗު ހުޅުދޫ ބަނދަރުން ނައްޓާލަން އުޅެނިކޮށް ބަޔަކު ވަނީ ގާ ވެސް އުކައިފަ އެވެ. މި ލޯންޗުގައި މައުމޫނުގެ ދެ ދަރިކަނބަލުން ވެސް ތިއްބެވި އެވެ. އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
ރިޔާސީ އިންތިހާބު 2008: މީދު އާއި ހުޅުދޫ ރައްޔިތުންނާ ރައީސް މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ