އެޗްއާރްސީއެމްގެ މެންބަރަކަށް ކުރިމަތިލެއްވި މަގްސޫމްގެ ރިފެރަލްއަކަށް އިންޓަވިއުގައި ބައިވެރިވީ ހަބީބު އެޗްއާރްސީއެމްގެ މެންބަރަކަށް ކުރިމަތިލެއްވި މަގްސޫމްގެ ރިފެރަލްއަކަށް އިންޓަވިއުގައި ބައިވެރިވީ ހަބީބު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރަކަށް ކުރިމަތިލެއްވި އަހްމަދު މަގްސޫމްގެ އިންޓަވިއުގައި ރިފެރަލްއަކަށް އެޗްއާރްސީއެމްގެ މެންބަރަކަށްވިތާ އަހަރެއް ވެސް ނުވާ އިސްމާއިލް ހަބީބް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ބައިވެރިވެވަޑައިގެންފި އެވެ.
އެޗްއާރްސީއެމްއަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ތިން ނަމުގެ ތެރޭގައި އައްޑޫ ހުޅުދޫ، ސީބްރީޒް، މަގްސޫމްގެ އިތުރުން ދެން ހިމެނެނީ ހ. ގުރުސް، އަމީރާ ނައީމް އަދި ދަފްތަރު ނަންބަރު ދރ 72، ފާތިމަތު ނަފްއަތު އަބްދުލްވައްހާބް އެވެ.
އޭގެ ތެރެއިން މަގްސޫމް މަސައްކަތް ކުރައްވަނީ އެޗްއާރްސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ. އެ ޑިޕާޓްމަންޓާއި ހަވާލުވެގެން ހުންނަވަނީ އެޗްއާރްސީއެމްގެ މެންބަރު, މޫމިނާ ވަހީދެވެ. އަމީރާ މަސައްކަތް ކުރައްވަނީ އެޗްއާރްސީއެމްގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޑިރެކްޓަރަކަށެވެ. އެ ޑިޕާޓްމަންޓް ބަލަހައްޓަވަނީ އެޗްއާރްސީއެމްގެ މެންބަރު ޝިފާތު އަބްދުއްރައްޒާގަށްވެ.
ނަމަވެސް ސަދަން ރީޖަނަލް އޮފީހާއި ހަވާލުވެގެން ހުންނެވި ހަބީބު ވަނީ މަޖިލިސް ކޮމިޓީގައި މަގްސޫމްގެ ރިފެރަލްއަކަށް ވަޑައިގެން އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަދައްކަވާފަ އެވެ. ހަބީބް އާއި މަގްސޫމް އަލަށް ވެސް ބައްދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9، ގަ އެވެ.
ކޮމިޓީގައި ހަބީބް ވިދާޅުވީ މަގްސޫމްއަކީ ގަޑިއަށް ވަރަށް ފަރުވާތެރި، މުވައްޒަފުން ގޮވައިގެން އުޅެން އެނގޭ ތައުލީމީ ބޭފުޅެއް ކަމަށާއި އެޗްއާރްސީއެމްގެ މެންބަރަކަށް އޭނާ އައްޔަން ކުރަން ރެކޮމެންޑް ކުރާ ކަމަށެވެ.
"ވަރަށް ހިނިތުންވުމާ އެކީގައި ވަރަށް މުވައްޒަފުންނާ ގުޅިގެން ވަރަށް ރަނގަޅު ސުލޫކެއްގައި އޭނަ މަސައްކަތް ކުރައްވަނީ. ވަރަށް ސުލޫކު ރަނގަޅު ނަޒާހަތްތެރި ބޭފުޅެއް ގޮތަށް އަޅުގަނޑަށް ފެންނަނީ. މިފަދަ ބޭފުޅުންނަކީ ހަގީގަތުގައި ކޮމިޝަންތަކުގެ މެންބަރުންނަށްވުމަށް މުހިންމު ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން ކުރުމުން ހަބީބް ވިދާޅުވީ އެކި ބޭފުޅުންގެ ރިފެރަލްއަށް ވަޑައިގަތުމަކީ އާކަމެއް ނޫން ކަމަށެވެ. އެގޮތުން އެދޭ ކޮންމެ މީހެއްގެ ރިފެރަލްއަކަށް ދިޔުމަކީ ލިބޭ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މެންބަރަކަށް ހުރިއިރު ދިޔައިން އިލެކްޝަނުގެ މީހުންގެ ވެސް ރިފަރެލްއަކަށް. އާކަމެއް ނޫނޭ މިދެންނެވީ. ވަރަށް ގިނައިން އަޅުގަނޑު ގޮސް ހުންނާނެ އެކި ބޭފުޅުންގެ. އަޅުގަނޑު ކައިރީގައި އެދޭ މީހެއްގެ ރިފެރަލްއަކަށް ދިޔުމަކީ އެމީހަކު ބުނުމަކީ އެ މީހެއްގެ ހައްގެއް. އަޅުގަނޑު ދިޔުމަކީ އަޅުގަނޑުގެ ވެސް ހައްގެއް ނޫންތޯ،" ހަބީބް ވިދާޅުވި އެވެ.
އެޗްއާރްސީއެމަށް ކުރިމަތިލެއްވި އަމީރާގެ ރިފެރަލްއަކަށް ވަޑައިގެންނެވީ އެ ކޮމިޝަންގެ އެސްޖީ އާމިނަތު ނައުޝާން އަބްދުލް މުހައިމިނެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވާނެ އެވެ. ހުސްވާ އެއް މަގާމަށް މުހައްމަދު ޝަފީގް މަހްމޫދު ވަނީ އައްޔަން ކުރަން ފާސްކޮށްފަ އެވެ.
އެޗްއާރްސީއެމަށް އައްޔަން ކުރަން މުއިއްޒު ފޮނުއްވި ތިން ބޭފުޅުންނާގެ ތެރެއިން ބޭފުޅަކު ފާސްކުރަން މާދަމާ ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ