މުޅި ރާއްޖެއަށް ވޮލީއާ ގުޅޭ ޕްރޮގްރާމްތައް ފުޅާކޮށް ކޯޗުން ތަމްރީނުކުރަނީ

ވޮލީބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އިތުރަށް ހަރުދަނާކޮށް، އަތޮޅުތެރެއަށް އެ ޕްރޮގްރާމް ފުޅާކުރުމަށްޓަކައި ކޯޗުން ތަމްރީނުކުރަން ނިންމާފައިވާކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ވޮލީބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުން ވަރަށް މުހިއްމު ކަމަށާއ،ި އެކަމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާކަމަށް ލަޠީފް ވިދާޅުވިއެވެ. އެގޮތުން، ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއް ވޮލީބޯލް އެސޯސިއޭޝަނުގައި މިހާރު މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ވައިޑީޕީ އަތޮޅު ތެރެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯހެއް، އަންނަ ސެޕްޓެމްބަރުމަހު ބާއްވާނެކަމަށާއި، މި ކޯހަށް ކޮންމެ އަތޮޅަކަށް ވެސް ޖާގަ ދެއްވާނެކަމަށް ލަޠީފް ވިދާޅުވިއެވެ. ވޯލްޑް ވޮލީބޯލް ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް ވައިޑީޕީ ހިންގުމުގައި މާލޭގައި ހުރި އެކަޑެމީތަކުން ކުރާ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ވެސް ވޮލީބޯލް އެސޯސިއޭޝަނުގެ ފަރާތުން އެހީތެރިކަން ދެވެން އޮތް މިންވަރަކަށް ދެއްވާނެކަމަށް ވިދާޅުވިއެވެ. ލަޠީފްގެ ވަނީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޮޑަށް ހޭދަ ކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ދުނިޔޭގެ ވޮލީބޯޅައިގެ ދުވަހުގެ ތަހުނިޔާ ވެސް ރައީސަށް އަރިސް ކުރެއްވިއެވެ. ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ޝަރަފުވެރިކޮށްދެއްވި، މި އިވެންޓުގައި، ބްލޫސް ފޯ ވޮލީބޯލް، މައި ސްޕޯޓްސް އެކަޑެމީ އަދި މުނީޒް ވޮލީބޯލް މޫވްމަންޓްގެ ދަރިވަރުންނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނާއި ވޮލީބޯޅައިގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ބައިވެރިވިއެވެ. މި އިވެންޓުގައި ދުވަހާ ގުޅޭ ކޭކެއް ވެސް ފެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ