އާ ޓާމިނަލް ހުޅުވަން އަދި މާ އަވަސް، ހުޅުވިއަސް ލިބޭނެ އިގްތިޞާދީ ފައިދާއެއް ނެތް: އަމީރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26ވަނަ ދުވަހު މިނިވަން ދުވަހާ ދިމާކޮށް ހުޅުވަން މާ އަވަސްކަމަށާއި، އަވަހަށް ހުޅުވި ނަމަވެސް ލިބޭނެ އިގްތިޞާދީ އެއްވެސް ފައިދާއެއް ނެތް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކުރިއެެވެ. ނަމަވެސް ފަސް އަހަރު ނިމުނުއިރު ވެސް އެ މަސައްކަތް ނިންމައިލެވޭ ގޮތެއް ނުވިއެވެ. އެއާއެކު މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ އިސްކަން ދީގެން ކުރަން ފެށި މަސައްކަތަކީ ވީއައިއޭގެ އާ ޓާމިނަލް އަވަހަށް ނިންމައި ބޭނުންކުރަން ފެށުމެވެ. ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާށެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި، މިހާރު އިއުލާނުކޮށްފައި އޮތީ މި މަހު އަންނަ މިނިވަން ދުވަހާ ގުޅުވައި އެ ދުވަހު އާ ޓާމިނަލް ހުޅުވާށެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން ވިޔަސް، ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އަދި މާ އަވަސްކަމަށާއި އެ ތަން އަދި ރަނގަޅަށް ތަރައްގީނުވާ ކަމަށެވެ. މީގެ އިތުރުން މިހާރު އާ ޓާމިނަލް ހުޅުވަނު ނަމަވެސް، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލިބޭނެ މާލީ އެއްވެސް ލުޔެއް ވެސް ނުވަތަ އާމްދަނީ އިތުރުވާނެ ގޮތެއް ވެސް ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ. ވީއައިއޭގެ އާ ޓާމިނަލް: -- ފޮޓޯ/ ވީއައިއޭ "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މި ހުޅުވަނީ ރަނގަޅަކަށް ވެސް ނޫން. އަސްލު ކިރިޔާ ޖުލައި 26އަށް މަސައްކަތް މި ނިމެނީ،" އަމީރު ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުގެ ޕްލޭންގައި، އޮތީ އެއާޕޯޓުގެ އާ ޓާމިނަލް ނިމުމުން ތިން މަހާއި، ހަ މަހާ ދެމެދުގެ މުއްދަތެއް، ތަން ހިންގަން ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަމަށް ޚާއްސަކުރަން އޮންނާނެ ކަމަށެވެ. "އެކި އެކި ޑްރިލްތައް ހިންގަން ހުންނާނެ. މީގެ އެއްވެސް ކަމެއް ނުކޮށް ހަމަ ޖުލައި ސައްބީހުގައި ތިމަންނަ އެ ތަން ހުޅުވާނަމޭ ބުނެފައި އޮތީމާ އެތާގައި ހަމައެކަނި މޯލްޑިވިއަންގެ ކައުންޓަރެއް ބަހައްޓައިގެން އެ ކަން ކުރާ ގޮތަށް އޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ސަރުކާރުގެ އެހެން ސިޔާސަތުތައް ވެސް މިފަދައިން ހުންނަ ނަމަ، އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގައި މާ ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ޞާލިހަށް ކަމަށެވެ. ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ 'ކޮންޓެއިނަރެއް' ހެން ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ޞާލިހު އެ ޑިޒައިން ބަދަލުކުރެއްވީ ކަމަށެވެ. އެހެންކަމުން ޓާމިނަލްގެ ރީތިކަމަށް ރައީސް މުއިއްޒަށް، އަދި ޔާމީނަށް ވެސް އެއްވެސް ކްރެޑިޓެއް ހައްގުނުވާކަމަށް އަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ