ހެޔޮނުވާނެ! މިކަމަށް ސަމާލުކަންދީބަލަ! ފޯނުހިފައިގެން މިސްކިތަށް އަރާ އެހެން މީހުންގެ ނަމާދަށް އުނދަގޫކުރީމާ ފާފަވެރިނުވާނެކަމަށް ހީކުރަނީތަ؟

މައްޗަންގޮޅި ސަހަރާ މިސްކިތުގައި އިއްޔެ ޖަމާޢަތުގައި ޢަޞްރުނަމާދުކުރަނިކޮށް 2 މީހެއްގެ ފޯނު 2 ފަހަރުމަތިން ރިންގްވެ ގިނަ ބައަކަށް ނަމާދުން ބޭރުވާންޖެހުނެވެ. އެކަން އެގޮތަށް މެދުވެރިވަނީ އިތުރު ޙަރަކާތެއް ނުކުރަންވެގެން ފޯނުނަގައި ނިއްވާނުލާތީއެވެ. ނުވަތަ ރިންގްވުން ނުހުއްޓުވާތީއެވެ. 
އެހެންކަމުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަމަށް ދެކެމެވެ.  
މިއަދު ފޯނު ވެފައިމިވަނީ ހަށިގަނޑާއިވަކިން ގެންގުޅޭ ގައިގެ ގުނަވަނަކަށެވެ. ފޯނާއި ނުލައި ހިނދުކޮޅަކުވެސް އުޅެވޭ ކަމަކަށް ނުވެއެވެ. ފޯނު ނިއްވާލައިފިނަމަ ހީވަނީ ހިތުގެ ވިންދުހުއްޓުން ފަދަ ކަމެއްގެ ގޮތުގައެވެ.  
ފޯނު ނުގެންގުޅޭކަށް ނުބުނަމެވެ. ހަށިގަނޑާއިވަކިން ގެންގުޅޭ އެގުނަވަނުން ހެޔޮ ޢަމަލުކޮށްފިނަމަ ޘަވާބު ލިބޭނެކަމަށް ޤަބޫލުކުރާފަދައިން ނުބައިކަމެއް ކޮށްފިނަމަ ޢަޛާބުލިބޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. އެގުނަވަނުން އެހެން މީހުންގެ ނަމާދަށް އުނދަގޫކުރެވޭނަމަ އެކުރެވެނީ ފާފައެކެވެ.    
ޢިލްމްވެރިން ވިދާޅުވަނީ އެޙާލަތުގައި ފޯނު ތަޅުމުގައި އޮތަސް ނަގައި ނިއްވައިލުމަށެވެ. ޖީބުގަ އޮތަސް ނިއްވައިލުމަށެވެ. އަޑު ކަނޑުވާލުމަށެވެ. އެކަމުގެ ސަބަބުން ނަމާދު ބާޠިލްވެސް ނުވާނެ ކަމަށެވެ. އެހެން އެވިދާޅުވާ ސަބަބަކީ އެގޮތަށް ކަންތައް ނުކުރުމުން ގިނަބައަކަށް ނަމާދުން ބޭރުވާންޖެހޭތީއެވެ. 
އެއްވެސް އިތުރު އަޑެއް ނުއިވުނަސް މިއުޅެނީ ޚުޝޫޢަތްތެރިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރިނުވެވިގެންނެވެ. އެޙާލަތުގައި ތިއްބައި އިތުރު އަޑެއް އިވުމުން ދެން ކަންކަން ވާނެ ގޮތާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ އެމީހާގެ ޚުޝޫޢަތްތެރިކަން ގެއްލިގެންދާކަން އެމީހަކަށްވެސް ރަނގަޅަށް އެނގޭނެއެވެ.  
މިކަން މެދުވެރިވާ ސަބަބެއްވެސް އޮވެއެވެ. ފޯނުގެ ރިންގް ކަނޑާނުލައި ނަމާދަށް ތިބޭ މީހުން ޝައިޠޯނާއަށް އެނގެއެވެ. އެހެންވެ އޭނާއާއި ގުޅުން ހުރި ކޮންމެވެސް މީހަކަށް ވަސްވާސްދީގެން އޭނާގެ ފޯނަށް ގުޅުވަނީއެވެ. އެންމެންގެ ނަމާދު ހަލާކުކޮށްލުވުމަށެވެ.  
ދެވަނަސަބަބަކީ ޝައިޠޯނާގެ ބަހަށް ހެއްލި ނަމާދުނުކުރާ މީހުން ގިނަވީމާ ނަމާދުގެ ވަޤުތުތައްވެސް ނުއެނގި ތިބެ ގުޅަނީއެވެ.  
ނިކަން ވިސްނައިލަބަލާށެވެ! ކުރިނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވުނުކަން އެނގެނީއެއް ނޫނެވެ. އެނަމާދު ޤަބޫލުފުޅުކުރެއްވެވިކަން އެނގެނީއެއް ނޫނެވެ. ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ލިބޭނީ ކޮން ޘަވާބެއް ހެއްޔެވެ؟ މިޙާލަތުގައި ތިބެންޖެހިފައިވާއިރު އެތައް ބައެއްގެ ނަމާދަށް ތިމާގެ ސަބަބުން ގެއްލުން ލިބުނީމާ އެކަމުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟  
މީސްތަކުންނޭވެ! މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. ނަމާދެއްކުރުމުން ޘަވާބު ލިބޭނެ ފަދައިން އެހެން މީހުންގެ ނަމާދަށް އުނދަގޫކުރިމާ ޢަޛާބު ނުލިބޭނެކަމަށް ޤަބޫލުކުރަނީހެއްޔެވެ؟ އެކަން އެހެންނަކުން ނުވާނެއެވެ. ނަމާދަށް ހުއްޓައި ފޯނު ރިންގްވާން ފަށައިފިނަމަ ނަގައި ނިއްޔާނުލީމާ އެކަންވާނީ ތިމާގެ ނަމާދަށް ގެއްލުން ލިބޭނެ ކަމަކަށެވެ. އަދި އެހެން މީހުންގެ ނަމާދަށް ކުރެވޭ ބޮޑު އުނދަލުކަށެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ