ސުލްޙައިގެ މަޝްވަރާތައް ބަދަލުވީ ޓްރަމްޕާއި ޒެލެންސްކީގެ ހޫނު ޒުވާބަކަށް!

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތައް ކުރުމަށް، ޓްރަމްޕާއި ޔޫކްރޭނުގެ ޒެލެންސްކީ ބޭއްވި ބައްދަލުވުން ހޫނުވެ، ނޫސްވެރިންގެ ކުރިމަތީގައި ދެ ރައީސުންގެ މެދުގައި ބޮޑު ޒުވާބެއް ވަނީ ހިނގާފައި.
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތައް ކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބޭއްވި ބައްދަލުވުން ހޫނުވެ، ނޫސްވެރިންގެ ކުރިމަތީގައި ދެ ރައީސުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައިފި އެވެ.
ރަޝިޔާގެ ރައީސް ވްލެޑެމީރް ޕޫޓިން ކޮޅަށް ވަރަށް ބޮޑަށް ބުރަވެވަޑައިގެން، ޓްރަމްޕް، ޒެލެންސްކީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް، ޒެލެންސްކީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުން ބެލެވިފައިއޮތީ، ދެ ރައީސުންގެ ގުޅުން އަލުން އިއާދަކުރުމުގެ ފުރުސަތެއްގެ ގޮތުގަ އެވެ.
ނަމަވެސް، ނޫސްވެރިން ބައިތިއްބައިގެން ބައްދަލުވުން ފެށުމާ އެކު، މަޝްވަރާތަކުގެ މިސްރާބު ބޮޑު ޒުވާބަކާ ދިމާއަށް އެނބުރުނެވެ. 
އެ ބައްދަލުވުމުގައި ދެ ރައީސުންގެ މެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ހޫނުވީ، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޕުޓިންއާ އެކު ހާރިޖީ މަޝްވަރާގެ އުސޫލު އިސްކުރަންޖެހޭ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވިދާޅުވުމާއެކު އެވެ.
ވާންސް އެހެން ވިދާޅުވުމުން، ޒެލެންސްކީ ވަނީ، ޕޫޓިން އާ އެކު މީގެ ކުރިން ވެސް ޔޫކްރޭނުން މަޝްވަރާ ކުރެވުނު ކަމަށާއި، ޔޫކްރޭނުގެ ބިންތަކަށް ރަޝިޔާ ސިފައިން އަރައިގަތީ، ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން ކަމަށް ވިދާޅުވެފަ އެވެ.
ޒެލެންސްކީގެ ރާގާ މެދު ހިތްހަމަނުޖެހިވަޑައިގެން، ވާންސް ވަނީ، އެމެރިކާގެ ރައީސަށް އިހުތިރާމް ކުޑަވާ ގޮތަށް ޒެލެންސްކީ ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެމެރިކާއިން ފޯރުކޮށްދޭ އެހީއަށް، ޔޫކްރޭނު "ޝުކުރުވެރި"ވާންޖެހޭ ކަމަށް ވެސް ވާންސް ވިދާޅުވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވަން ޒެލެންސްކީ މަސައްކަތް ކުރެވުމުން ޓްރަމްޕް ވަނީ ޒެލެންސްކީ ހުއްޓުވައިފަ އެވެ. އަދި އެމެރިކާ ނެތް ނަމަ، ޔޫކްރޭނު މިހާރު އޮންނާނީ ސުންނާފަތިވެފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފަ އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ އަރައިރުމަށްފަހު، ބައްދަލުވުން ކުރުކޮށްލައްވައި، ވައިޓް ހައުސް ދޫކުރައްވައި ވަޑައިގަތުމަށް ޒެލެންސްކީއަށް އެންގެވި އެވެ. ޒެލެންސްކީ ވައިޓް ހައުސް ދޫކުރައްވާ ވަޑައިގެންނެވީ، ޔޫކްރޭނުގެ ވަފްދަށް މެނދުރުގެ ރަސްމީ ފަރިއްކޮޅަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.
މި މަޝްވަރާތަކަށްފަހު، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުން އެމެރިކާއާ ގުޅިގެން ނަފާ ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އޮތީ ހަމަޖެހިފަ އެވެ.އެ އެއްބަސްވުމަކީ، އެމެރިކާއިން ޔޫކްރޭނަށް ފޯރުކޮށްދީފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އެހީގެ އަގު އަދާކޮށް، މުސްތަގުބަލުގައި ވެސް އެހީ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.ނަމަވެސް، މި ބައްދަލުވުމަށްފަހު އެ އެއްބަސްވުމާ މެދު ޓްރަމްޕްގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޒެލެންސްކީ އާ މެދު ޓްރަމްޕް އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށް ކަމަށް ޔޫރަޕުގެ ގައުމުތަކުގެ ވެރިން ވަނީ ސިފަކުރައްވައި، ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ