ޔުމްނު ވެއްޓުނު ހާދިސާ: އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ހާއްސަ ޕޯޓަލްއެއް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ޕޯޓަލްއެއް ހުޅުވާލައިފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ހާދިސާއާ ގުޅޭ މައުލޫމާތު ފޮޓޯ ނުވަތަ ވިޑީއޯ އަދި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެ މައްސަލަ ބެލުމަށް ރައީސް އެކުލަވާލި ހާއްސަ ކޮމިޝަން (އިންކުއަރީ ކޮމިޝަން)އިން ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން އިންކުއަރީ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލެއް އޮތްނަމަ ވެސް އެ ޕޯޓަލް މެދުވެރިކޮށް ސުވާލު ހިއްސާކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ.
އެ ކޮމިޝަނަކީ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދާ އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ލަފާ ދިނުމަށް އެފެއްދި ކޮމިޝަނެއްކަން ރައީސްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވެފައި ވަނީ މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް ވަރަށް ހައްސާސް މައްސަލައެއް ކަމުން މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ލަފާދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައި ނިންމަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް މުނައްވަރު ވިދާޅުވެފައިވީ ނަމަވެސް ސީދާ މި މައްސަލަ ބަލައި ނިންމަން ހޭދަ ވާނެ މުދަތެއް ހާމައެއް ނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ