އިންސާނާގެ ޙަޔާތަށް މުހިއްމު ދެ ޖުމުލަ (2)
ކުރީ ދުވަހުގެ ލިޔުމުގައި އޮންނާނީ އިންސާނާގެ ހަޔާތަށް މުހިންމު ދެ ޖުމުލައިގެ ތެރެއިން ފުރަތަމަ ޖުމުލަ ކަމަށްވާ "ﷲގެ އަޅާ އޭނާގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ."، މި ޖުމުލައަށް ބަލައިލާފައެވެ. މިއަދުގެ ލިޔުމުގައި މި ބަލައިލަނީ އޭގެ ދެވަނަ ޖުމުލަ ކަމުގައިވާ "އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ."، މި ޖުމުލައަށެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އިންސާނާއަށް ކުރެވޭ ހުރިހާ ފާފައަކާއި ހެދޭ ހުރިހާ ގޯހެއްގެ ފާފަ ފުއްސެވުމާއި ޢަފޫކޮށްދެއްވުން އޮތީ ހަމައެކަނި މާތް ﷲއަށެވެ. އެ އިލާހުގެ އޯގާވަންތަކަމާއި ތަނަވަސް ރަޙުމަތަށް އުންމީދުކުރާ އަޅާއަށް މާޔޫސްކަމުން އަރައިގަނެވޭނެވެ. ހިތާމަތަކާ ދުރުގައި ހުރެވޭނެއެވެ. ކޮންމެ އިންސާނަކީ ވެސް ކުށްތަކަށް އަރައިގަނެވޭނޭ މީހެކެވެ. އޭނާގެ ޠަބީޢަތަކީ ހަނދާންނެތޭ ޠަބީޢަތެކެވެ. "އަލްއިންސާން" މި ނަމުގެ މާނައަކީ ވެސް ހަނދާން ނެތުމެވެ. އެހެންކަމުން ގަސްތަކައިނުލާ ވެސް އަދި ހަނދާން ނެތުމުގެ ސަބަބުން ވެސް އިންސާނާއަށް ކުށްކުރެވޭނެއެވެ. ގޯސް ހެދޭނެއެވެ. އެ ކަމަކީ އޭނާގެ ދިރިއުޅުން ހުއްޓައިލާ މާޔޫސްކަމުގެ ތެރެއަށް އަމިއްލަ ނަފުސު އެއްލައިލަން ޖެހޭ ސަބަބެއް ނޫނެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ. ކުށެއް ކުރެވުމުން އަވަހަށް ތައުބާވާން އާދަކުރާށެވެ. ތިރިމިޛީއާއި އެ ނޫން ބޭފުޅުން އަނަސްގެފާނުގެ ކިބައިން ރިވާކުރެއްވި ބަސްފުޅެއްގައި ވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «كلُّ ابنِ آدمَ خطَّاءٌ، وخيرُ الخطَّائينَ التَّوَّابونَ» (الترمذي: 2499) މާނައީ: "ކޮންމެ އާދަމުގެ ދަރިއެއް ވެސް ފާފަކުރާނެއެވެ. ފާފަކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ." އަޅުގަނޑުމެންގެ އިޖްތިމާޢީ ދިރިއުޅުމަށް ބެލިޔަސް މިއަދު ފެންނާން އޮތީ ކުށްކުރުން އިތުރުވަމުން އަންނަތަނެވެ. އަދި ކުށް އެއީ ކުށެއް ކަމުގައި ޤަބޫލުނުކުރާ ކަމެވެ. އޭގެ ސަބަބުން އިޞްލާޙުކުރަން ޖެހޭ ކަމެއް އޮންނަ ކަމަށް ކުށްވެރިޔާއަށް ޤަބޫލެއް ނުކުރެވެއެވެ. ދެން ފެށެނީ ޙައްޤުތަކުގެ މައުޟޫޢުއެވެ. ޙައްޤުތަކުގެ އެ ދައުވާ ކުށްވެރިޔާގެ ލޮލުގައި އަޅުވަނީ ނުރައްކާތެރި އަނދުނެކެވެ. އެއީ އޭނާއަކީ "މަޢާފަށް އެދެންޖެހޭ ވަރުގެ ކުށެއް ކުރި މީހެއް ނޫން" ކަމުގެ އިޙުސާސްތަކެވެ. އޭގެ ސަބަބުން ބަންދުވަނީ އިޞްލާޙުގެ ދޮރެވެ. ގެއްލުނީ އިޖުތިމާޢީ ހަމަޖެހުމެވެ. ކުށެއް ކުރެވިއްޖެ ކޮންމެ މީހަކު އެ ކުށަށް އިއުތިރާފުވެ އެ ކަމުން އޭނާއަށް ލިބުނު ނުތަނަވަސްކަމުން އަރައިގަތުމަށް ވުރެ މޮޅުގޮތަކީ ކޮބައިތޯއެވެ؟ އޭނާގެ ކުށުގެ ޝިކާރައަކަށްވި، އަނެކާގެ ކިބައިން މަޢާފަށް އެދުމަކީ އެ މީހަކަށް ވެސް ހިތްހަމަޖެހުން ލިބޭނޭ ކަމެއް ނޫންހެއްޔެވެ؟ ކުށްވެރިކަން މުޖުތަމަޢުގައި ތަކުރާނުވުމަށް އެޅޭނޭ އެންމެ ބޮޑު ފިޔަވަޅަކީ ކުށަށް އިއުތިރާފުވެ މަޢާފަށް އެދުން ނޫން ދެން ކޮންކަމެއް ތޯއެވެ؟ މި ކަން މި މަގުން ހާސިލުވާނޭ އެންމެ ފުރިހަމަ ހައްލު ނަބަވީ އިރުޝާދުފުޅުގައި އެ އޮތީއެވެ. "وخيرُ الخطَّائينَ التَّوَّابونَ" މާނައީ: " ފާފަކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ." އެހެންކަމުން ﷲއަށް ފުރިހަމަ ގޮތުގައި ކިޔަމަންވާ އަޅާއަށް އޮތް އެންމެ ބޮޑު އުންމީދަކީ ﷲގެ ފަރާތުން އަންނަ ފުއްސެވުމެވެ. ތައުބާ ލެއްވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވެއްޖެ މީހާއަށް އުފާވެރިކަން ހުއްޓެވެ. މި ދުނިޔޭގައި ވެސް އޭނާއަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ވެއެވެ. އަދި އާޚިރަތުގައި ދިންނެވުމާއި ނަސީބުލިބުން ވެއެވެ. ސުވަރުގޭގެ ބަގީޗާތަކުގައި ހަމަޖެހޭ ދިރިއުޅުމެއް އޭނާއަށް ވެއެވެ. މާތް ﷲއަކީ އެއިލާހަށް ކިޔަމަންގަތް އަޅުންނަށް ހިބަކޮށްދެއްވުމަށް ޓަކައި ސުވަރުގެ އުފެއްދެވި ރަސްކަލާނގެއެވެ. އެ ސުވަރުގެ ލިބުން އޮތީ އެ އިލާހު ލޯބިވެވޮޑިގަންނަވާ ޢަމަލުތައް މަތީ ދެމިތިބޭ އަޅުންނަށެވެ. އެއިލާހު އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ޢަމަލަކީ ތައުބާވުމެވެ. އެ އިލާހުގެ ރަޙުމަތުން އަޅާއަށް ތައުބާ ލެއްވުމަށް ﷲ ލޯބިކުރައްވައެވެ. ﷲ ރަޙުމަތް ނުލައްވައިފި ނަމަ އެއްވެސް އިންސާނަކަށް ފާފަފުއްސަވައި ދެއްވާނީ ފަހެ، ކާކުހެއްޔެވެ؟ އިންސާނާގެ ޙަޔާތަށް މުހިންމު ދެ ޖުމުލަ ކަމުގައިވާ "ﷲގެ އަޅާ އޭނާގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ." އާއި "އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ." މިއީ އޭނާ މި ދުނިޔޭގެ ދިރިއުޅުމުގައި ހިތްހަމަޖެހޭ އުފާވެރި ޙަޔާތެއް ލިބިގަތުމަށް ޓަކައި ވަރަށް މުހިންމު ދެ ޖުމުލައެވެ. މިއީ ސީދާ މިސްރާބަށް އޭނާއަށް ދަތުރުކުރެވޭނޭ ހަމައެނަކި މަންހަޖެވެ. ދޫންޏަކަށް އުދުހެވޭނީ ދެ ފަޅިހަމަ އުދުހުމެއްގައި ދަތުރުކޮށްގެންނެވެ. ދެ ފިޔައިންކުރެ ފިޔައެއް ހަލާކުވެއްޖެއްޔާ އެ ސޮރަކަށް ނުއުދުހެވޭނެއެވެ. އެހެންކަމުން ﷲގެ އަޒާބަށް ބިރުގަތުމާ އެކު އެއިލާހުގެ ރަޙުމަތައް އުންމީދު ވެސް ކުރަމުން ތިބާގެ ޙަޔާތް ކުރިޔަށް ގެންދާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ