ޖާހު އިން އެދުނު ގޮތަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެނުދިން ޖާހު އިން އެދުނު ގޮތަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެނުދިން

ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި "ދަ ގާޑެންސް" ގެ މަސައްކަތް ދިން މުއްދަތުގައި ފުރިހަމަ ނުކުރުމުން އެ ކުންފުންޏާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެފައި އޮތް އެއްބަސްވުން ބާތިލުކުރުމުން އެޗްޑީސީއާ ދެކޮޅަށް ޖާހު އިން ނެރެދޭން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުގައި ޖާހު އިން އެދުނީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރީން ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަމުރު ކުރަންދެން، އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދޫނުކުރުމަށާއި، އެ ކުންފުނީގެ ފަރާތުން އެއްވެސް ހޯދުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ޕާފޯމަންސް ބޮންޑާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސޮލަރެލް އިންޝޫރެންސާއި އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
މި މައްސަލަގާއި ވަގުތީ އަމުރެއް ނެރެނުދީފިނަމަ މާލީ ގެއްލުމާ ކުރިމަތިލާން ޖެހޭ ކަމަށް ޖާހުއިން ބުނި ނަމަވެސް މައްސަލައަކީ އަވަހަށް ފިޔަަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދައުވާކުރާ ފަރާތަށް ޝަރީއަތަށް ބުނެދެވިފައި ނުވާކަން ސިވިލް ކޯޓުގެ އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޖާހުއިން ދަ ގާޑެންސް ގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގަ އެވެ. ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. ނަމަވެސް އެކި ފަހަރު މަތިން އެތަނުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދިން މުއްދަތުގައި ވެސް ޖާހުން އެ މަސައްކަތް ނިންމައިފައެއް ނުވެ އެވެ.
ޖާހު އާއެކު އެޗްޑީސީން ވެފައި އޮތް އެއްބަސްވުން އެ ކުންފުނިން ބާތިލު ކުރީ "ދަ ގާޑެންސް" ގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން އެ ފަރާތަށް އިތުރު ކޮށްދިން މުއްދަތުގައި ވެސް އެތަނުގެ މަސައްކަތްތައް ނިންމާފައި ނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިދިޔަ ޖެނުއަރީ 27 ގައި އެ ކުންފުންޏަށް ދިނުމަށް ފަހު އެވެ.
އެޗްޑީސީން ބުނީ އެ ނޯޓިސް ދޭތާ 45 ދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތްތައް ނިންމަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވާއިރު، ތަނުގެ މަސައްކަތް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް އެތަން އެޗްޑީސީއަށް ނަގާނެކަން ނޯޓިހުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އެ މައްސަލައިގައި މިދިޔަ މާޗު 17، ގައި ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން ވަނީ ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކުތަކަށް އަމުރު ވެސް ކޮށްފަ އެވެ.
ސިވިލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖާހު ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި ވާނަމަ އެ އެކައުންޓެއްގެ ތަފުސީލާއި އެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދާއި ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށްފަހު އެ މައުލޫމާތު ކޯޓާ ހިއްސާ ކުރުމަށެވެ.
ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން މީގެ ކުރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ