ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ދެން ބާއްވަން ނުޖެހޭ ގޮތަށް ހަދައިފި އެވެ.
ވީ ކިހިނެއް؟ - މިބަދަލު ތަންފީޒު ކުރަން ފެށީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ހުށަހަޅައި މިދިޔަ ބުރާސްފަތި ދުވަހު ފާސް ކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެެ. ސަރުކާރުގެ ގެޒެޓްގައި ވެސް މި އިސްލާހު މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
ތަފްސީލު - ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. އެގޮތުން:
މާ ގިނައިން ބައި-އިލެކްޝަންތައް ބާއްވަން ޖެހޭތީވެ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ގެންނަ ބަދަލެއްކަން ފާހަގަކުރައްވައި ހުށަހެޅުއްވި އެ ބިލުގެ ބަހުސް އެއް ދުވަސް ތެރޭ ނިންމައި ޖެހިގެން އައި އަންގާރަ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި
މަޖިލިސް މިދިޔަ ބުރާސްފަތި ދުވަހު ޗުއްޓީއަށް ދިޔައީ، ބުދަ ދުވަހުގެ ދަންވަރު 11 މިނެޓަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ފޮނުވި ގޮތަށް އެ ބިލު ފާސްކުރަން ކޮމިޓީން ނިންމައިގެން
ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ 51 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.
ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން "ލާޒިމެއް ނޫނެ"ވެ.
މި އިސްލާހުގައިވާ ގޮތުން:
ކައުންސިލަރުންގެ އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ
ގާނޫނުގައި ކުރިން ގޮތުން ދައުރުގެ ބާކީ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް، ކައުންސިލް ބައްދަލުވުމެއް ބާއްވަން ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. މެންބަރު އަލީ މޫސާ ހުށަހެޅުއްވި އިސްލާހުގައި ވެސް އެފަދައިން ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން، ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް އެ ކައުންސިލެއް ނުވަތަ ޑަބްލިއުޑީސީގެ ގާނޫނީ އަދަދު ހަމަ ނުވާ ހާލަތުގައި އެ ބައި-އިލެކްޝަނެއް ދެ މަސްދުވަސް ތެރޭ ބާއްވަން ޖެހެ އެވެ.
މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 363 ދުވަހެވެ.
މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.
ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރު ނެތް ނަމަ ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ