ފަނޑިޔާރުން ވަކިކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި ފަނޑިޔާރުން ވަކިކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ޝަރުއީ ނިޒާމެއް ދަމަހައްޓައި ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފަ އެވެ.
"ފަނޑިޔާރުންގެ މައްޗަށް ތަހުގީގުތައް ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ދަނީ ފާޅުކުރަމުން. މިކަން ހިނގާފައި މިވަނީ ސިޔާސީ ޕާޓީތައް ބަދަލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ. ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކުއްލި ގޮތަކަށް ބަދަލުވުމާއި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރި ދުވަސްކޮޅު ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނަށް ބަލައިލާއިރު އެ އޮފީހަށް އެއީ އިއްތިފާގެއް ޖަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަން ސާފުވެ އެވެ.
"ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި ޗެކް އެންޑް ބެލެންސް، ހަރުދަނާ އަދި މިނިވަން ޖުޑީޝަރީއެއް ހިމެނޭހެން އޮތުމަކީ، ދައުލަތެއްގެ ހުރިހާ ގޮފިތަކުން ވެސް ގާނޫނުގެ ވެރިކަމަށް ބޯލެނބުމަށާއި، އިންސާނީ ހައްގުތައް ހަރުދަނާ ގޮތެއްގައި ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައިނެގި ވޯޓުގައި އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނުނެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ. އެ ފުރުސަތު ދީފައެއް ނުވެ އެވެ.
އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވެސް ވަނީ މީގެކުރިން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ