އޭދަފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
75.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ 5.3 ކިލޯމީޓަރުގެ މަގުތަކެއް ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ދުވާރުތައް ހެދުމާއި، ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާކިންގ އަދި ސައިން ބޯޑުތައް ހަރުކުރުން ހިމެނެއެވެ.
އޭދަފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި މިހާރު ހަވާލުކުރެވުނު ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއެކު އޭދަފުށީގެ މަގުތަކުގެ ވަޞީލަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ