އެމްޑަބްލިއުއެސްސީގެ ޚަރަދު ކުޑަކޮށް، ގާތްގަނޑަކަށް 160 މިލިއަން ސަލާމަތްކުރެވިއްޖެ: މަތީން
ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޚަރަދުތައް ކުޑަކޮށްގެން 2023ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ ސެޕްޓެމްބަރު ތިނެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ސަރުކާރުން ޚަރަދު ކުޑަކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ވީހާ ވެސް ކުޑަކުރުމަށް އެދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސާކިއުލާއެއް ވެސް ނެރުނެވެ. https://sun.mv/196323 އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވަނީ، އެ ފިޔަވަޅުތަކާ ގުޅިގެން މިދިޔަ އަހަރު އެމްޑަބްލިއުއެސްސީއަށް ލިބުނު ކުރިއެރުމާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެމްޑީ މަތީން: ވިދާޅުވީ، ޚަރަދުތައް ކުޑަކޮށް، މިދިޔަ އަހަރު ގާތްގަނޑަކަށް 160 މިލިއަން ސަލާމަތް ކުރެވުނު ކަމަށް --- ފޮޓޯ/ އެމްޑަބްލިއުއެސްސީ އެގޮތުން، އެކުންފުނީގެ އަމާޒަކީ ޚަރަދުތައް ކުޑަކުރުން ކަމަށާއި މިހާރު އޮތް މާލީ ދަތިތަކުގެ ތެރެއިން ކުރިއަށް ދެވެނީ ޚަރަދުކުޑަކުރުމަށް ރައީސް އެޅުއްވި މިފަދަ ފިޔަވަޅުތަކާ އެކުގައި ކަމަށް މަތީން ވިދާޅުވިއެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން، އެމްޑަބްލިއުއެސްސީން އެންމެ ބޮޑު އިސްކަމެއް ދިނީ ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ނުކުރުމަށް ކަން އޭނާ ފާހަގަކުރައްވިއެވެ. ޚަރަދު ކުޑަކުރެވޭނީ ކުންފުނީގެ ޕްރޮކިއުމަންޓުތައް އިސްލާހުކޮށް ވާދަވެރި މާހައުލަކަށް ދެވުމުން ކަމަށް މަތީން ވިދާޅުވިއެވެ. އަޅުގަނޑުމެން ހަމަ އެޅި ފިޔަވަޅުތަކުގެ ތެރެއިން، 2023 ވަނަ އަހަރާ އަޅާބަލާއިރުގައި ގާތްގަނޑަކަށް 160 މިލިއަން އަޅުގަނޑުމެނަށް ސަލާމަތްކުރެވުނު ހިންގުމުގެ ޚަރަދުގެ ތެރެއިން. އެއީ ހަމަ ވަރަށް ބޮޑު އަދަދެކޭ ދެންނެވޭނީ އެއް އަހަރަކާ ބަލާއިރުގައިއެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު މީގެ އިތުރުން، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މެނުފެކްޗަރާސްއާ ޑީލްކޮށް، ވާދަވެރި ގޮތަކަށް ތަކެތި ގަތުމަށާއި ޓެންޑަރިންގައި ވެސް މާލީ ގޮތަކުން އެންމެ ލުއި ގޮތަށް އަމަލުކުރުމަށް މަސައްކަތް ކުރިކަން މަތީން ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި ވެސް ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ހޯދަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. މަތީން އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ ހިންގުމުގެ ޚަރަދުގެ ތެރެއިން ބޮޑުބައެއް ހޭދަ ކުރަން ޖެހެނީ ތެލުގެ ޚަރަދަށް ކަމަށެވެ. އެގޮތުން، އެ ޚަރަދު ކުޑަކުރުމަށް ސޯލާ ޕީވީ ބޭނުންކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް އެކަށީގެންވާ ޖާގަ މާލޭގައި ނެތްނަމަވެސް، ހުޅުމާލޭގައި ކޮންމެސް މިންވަރަކަށް ސޯލާ ޕީވީ ބޭނުންކުރެވޭ ކަމަށް މަތީން ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީން އަންނަނީ ޖަޕާނު ސަރުކާރާ ގުޅިގެން ހދ. ކުޅުދުށްފުށީގައި ޑީސަލް ބޭނުންނުކޮށް، ފެން އުފެއްދަން ފެށުމުގެ ޕްރޮޖެކެޓެއް މިއަހަރު ފަށަން ތައްޔާރު ވަމުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މަތީން ވިދާލުވިގޮތުގައި، އެ ޕްރޮޖެކްޓު ކާމިޔާބުވުމުން، އެމްޑަބްލިއުއެސްސީގެ އަމާޒަކީ އެކުންފުނިން ޚިދުމަތް ދޭ އެހެން ރަށްރަށުގައި ޑީސަލްބޭނުން ކުރުން މަދުކޮށްގެން ފެން އުފެއްދުމެވެ. އޭރުން ވެސް ކުންފުނީގެ ޚަރަދު ކުޑަކުރުމުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މަތީން ގަބޫލުކުރައްވައެވެ. ސަރުކާރުން ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ނެރުނު ސާކިއުލާގައި މުވައްޒަފުންގެ ޚަރަދު ކުޑަކުރުމާއި ދަތުރު ޚަރަދު ކުޑަކުރުން ހިމެނެއެވެ. އަދި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކޮށް ކުންފުނީގެ ކަރަންޓު ޚަރަދު ކުޑަކުރުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ