އާރްޓީއެލް ފެރީގެ މަޝްރޫއު ނިންމަން އޮތީ 2024އަށް، އަމީން ހެއްދެވީ އިތުރުފުޅެއް: އަކްރަމް
އާރްޓީއެލް ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅައިލުމަށް އެމްޑީޕީ ސަރުކާރުން އަމާޒު ހިފާފައި އޮތީ 2027ގެ ނިޔަލަށް ކަމަށް ވިދާޅުވެ، ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން އިއްޔެ ހެއްދެވީ އިތުރުފުޅެއް ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ. މިއީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. https://sun.mv/206179 އާރްޓީއެލް ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި ސޮއިކުރީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލަ ސުބްރަމާނިއަމެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، އާރުޓީއެލް ފެރީގެ މަޝްރޫއު ނިންމަން އޮތީ 2027ވަނަ އަހަރު ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މި މަޝްރޫއު މިއަހަރުގެ ފަހުކޮޅު ނިންމަން އަމާޒު ހިފާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. https://x.com/akramkdeen/status/1924442739204366501 މިކަމާ ގުޅިގެން އަކްރަމް ކުރެއްވި ޕޯސްޓެއްގައި ވަނީ، އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތީ 2027ގެ ނިޔަލަށް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ވިދާޅުވީ، އާރްޓީއެލް ފެރީގެ މަޝްރޫއު ނިންމަން އޮތީ 2024އަށްކަމަށް -- ފޮޓޯ/ އެމްޑީޕީ އަކްރަމްގެ ޕޯސްޓުގައި ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2022ވަނަ އަހަރު ފެށި، އެ މަޝްރޫއު ނިންމަން އަމާޒު ހިފާފައި އޮތީ މިދިޔަ އަހަރުގެ ނިޔަލަށް ކަމަށެވެ. އެއަމާޒަށް ވާސިލުނުވީ އެ މަޝްރޫއަށް އައު ލޯންޗުތައް ހޯދަން ބޭނުންވާ ފައިސާ ހޯދުމުގައި މި ސަރުކާރުން ފެއިލްވުމުން ކަމަށް އަކްރަމް ތުހުމަތުކުރެއްވިއެވެ. އަދި އެ މަޝްރޫއަށް އިންޑިއާގެ އެހީ 'ހޯދީ' ވެސް މަޝްރޫއަށް ބޭނުންވާ ލޯންޗުތައް ސަރުކާރަށް ނުހޯދުމުން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އެއާއެކު، އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ދޮގު ހެއްދެވިކަން އިންޑިއާގެ އޮފިޝަލުންނާއި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް އެނގިވަޑައިގަންނަވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، 'މިފެންވަރުގެ' ދޮގު ހެއްދެވުމަކީ ނުރައްކާތެރި، ލަދުވެތި ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް ފާހަގަކޮށްލެވޭ ގޮތުގައި، އޮގަސްޓު 30، 2023ގައި ހުވަދު އަތޮޅު އާރްޓީއެލް ފެރީގެ ނިޒާމަކުން ގުލާލުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރު އެމްޓީސީސީ ސީއީއޯއަކަށް ހުންނެވި އާދަމް އާޒިމް ވިދާޅުވީ، 2024ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅައިލައި ހާހަކަށްވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށެވެ. https://sun.mv/181498 މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައި ބައެއް ޒޯންތަކުގައި ހިމެނޭ ރަށްތަކަށް ކަނޑައެޅޭ ތާވަލެއްގެ ދަށުން މިހާރުވެސް އަންނަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ. އެ ޚިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅުގެ އިތުރަށް އަރިއަތޮޅު ހިމެނެއެވެ. އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރާއްޖެ އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތެެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރަށް ވުރެ އަގުތައް ބޮޑުކުރަން ޖެހޭ ކަމަށް މިނިސްޓަރު އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ