ހުއިސެން ރެއާލްއަށް ސޮއިކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގެ ބޯންމޯތަށް ކުޅެމުންދާ ސްޕެއިންގެ ޑިފެންޑާ ޑީން ހުއިސެން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ. ރިޕޯޓުތަކުގައިވާ ގޮތުން ހުއިސެން ރެއާލްއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްއިން ވަނީ ބޯންމޯތާއެކު ހުއިސެން ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ 50 މިލިއަން ޕައުންޑްގެ ރިލީސް ކްލައުސް އެކްޓިވޭޓް ކޮށްފައެވެ. ރެއާލްއިން ބޭނުންވީ އުމުރުން 20 އަހަރުގެ މި ކުޅުންތެރިޔާ މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވާލްޑް ކަޕްގެ ކުރިން އެޓީމަށް ގެންދިއުމެވެ. މި އެއްބަސްވުމުގެ ދަށުން ހުއިސެން ރަސްމީކޮށް ރެއާލާ ގުޅޭނީ މިއަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ގިނަ ޓީމުތަކެއް ހިމަނައިގެން ކުޅޭ ފުރަތަމަ ވާލްޑް ކަޕްގައި ރެއާލް ކުޅޭ ފުރަތަމަ މެޗުގައި މިއަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލް އާއެވެ. ރެއާލް އާއި ބޯންމޯތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހުއިސެންގެ ޓްރާންސްފާ ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ތިން އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. އަދި ހުއިސެން ކުރިން ކުޅުނު ދެ ކްލަބަށްވެސް މިފީގެ ތެރެއިން ބައެއް ލިބޭނެއެވެ. މިގޮތުން އިޓާލިއަން ސެރީއާގެ ޔުވެންޓަސް އަށް ފީގެ 10 އިންސައްތަ ލިބޭއިރު ސްޕެއިންގެ މަލާގާއަށް ފަސް އިންސައްތަ ލިބޭނެއެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ހުއިސެން ހޯދުމަށް ހަތް ކްލަބަކުން މަސައްކަތް ކޮށްފައިވެއެވެ. މީގެތެރޭގައި ޕްރިމިއާ ލީގުގެ ޗެލްސީ، ޗެމްޕިއަން ލިވަޕޫލް، އާސެނަލް އަދި ނިއުކާސްލް ޔުނައިޓެޑް ހިމެނުނެވެ. ހުއިސެން ރެއާލްއަށް ގެންދިއުމުގައި އެޓީމާ އަލަށް ހަވާލުވުމަށް ހަމަޖެހިފައިވާ ކޯޗު ބަޔާ ލެވަކޫސެންގެ ޒާބީ އޮލޮންސޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޮލޮންސޯވަނީ ޒުވާން ޑިފެންޑަރެއް ހޯދުމަކީ އޭނާ އެންމެ މުހިންމުކަންދޭ އެއް ކަމުގެ ގޮތުގައި ހަދާފައެވެ. އަދި ހުއިސެންވެސް ހުރީ އޭނާ އުޅެ ބޮޑުވި ޤައުމަށް އަނބުރާ ދިއުމަށް ބޭނުންވެފައިކަމުން މިވިޔަފާރި އެހާ ފަސޭހަ ކަމާއެކު ކުރިއަށް ދިޔައީއެވެ. ހުއިސެން ބޯންމޯތާއި ގުޅިފައިވަނީ މިސީޒަންގައި ޔުވެންޓަސް އިން 12.6 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާވަނީ މިސީޒަންގައި ބޯންމޯތަށް 34 މެޗު ކުޅެފައެވެ. ހުއިސެން ވާނޯ މިއަންނަ ސީޒަނަށް ރެއާލް އިން ޕްރިމިއާ ލީގުން ގެންދާ ދެވަނަ ކުޅުންތެރިޔާ އަށެވެ. އެއީ ރެއާލް އިން މިހާރުވަނީ ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްވެސް އެޓީމަށް ގެންދިއުމުގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ