ގުޅިފަޅުން ގޯތި ހަވާލުކުރުން އަވަސްކުރަން ލޭންޑް ޔޫޒް ޕްލޭނަށް ބަދަލެއް؛ މިމަހު ރަޖިސްޓްރީ ދޭން ފަށަނީ

ކުރީގެ ސަރުކާރުން ގޯތި ދޫކުރުމަށް ހިއްކަން ފެށި ކ. ގުޅީފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް، އެ ސަރަހައްދުގެ ބިން ބޭނުންކުރާނެ ގޮތުގެ ކުރެހުން (ލޭންޑް ޔޫޒް ޕްލޭން)އަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ. މި ސަރުކާރުން މީގެ ކުރިން ވެސް ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު މިފަހަރު ގެނައި ބަދަލު ގެޒެޓްކޮށްފައިވަނީ މިއަދެވެ. އެ ކުރެހުމުން ދައްކާ ގޮތުގައި، ހުރިހާ ގޯއްޗެއް ވެސް މިހާރު ދޭ ގޮތަށް ހަމަޖެހިފައިވަނީ މިހާތަނަށް ހިއްކައި ނިމިފައިވާ ސަރަހައްދުންނެވެ. އެ ޕްލޭނާ ގުޅޭ ގޮތުން މުއްތަބިލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުގައި، އޮގަސްޓު 24، 2023ގައި އިއުލާންކުރި ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭންގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިންމު ބައިތައް ނެތް ކަމަށެވެ. އެހެންވެ އެ ޕްލޭން ބަދަލުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު 27ގައި އާ ޕްލޭނެއް އިއުލާނުކޮށް، އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ބޭއްވި ކަމަށެވެ. "ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެއެވެ." އޭނާ ވިދާޅުވިއެވެ. https://x.com/muththo/status/1923773640014954952 މިދިޔަ ސަރުކާރުގެ ލޭންޑް ޔޫޒް ޕްލޭންގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ދޫކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރު އެކުލަވާލި ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އޭގެ ސަަބަބަކީ ކުރިން ރަޖިސްޓްރީ ދީފައިވާ ބައެއް މީހުންނަށް، މިހާތަނަށް އަދި ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. :ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައެވެ. މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ވަނީ ބަދަލު ކުރެވިފައެވެ." މުއްތަލިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު މީހުން ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކޮށް ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. "މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ." މުއްތަލިބު ވިދާޅުވިއެވެ. މީގެ އިތުރުން ބިމުގެ ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރާނެ ކަމަށާއި މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް، ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެއި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ