އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވް ފަދަ މުހިއްމު އަދި ޙައްޖުވެރިންނަށް ލުއިފަސޭހަ ވެގެންދާނެ ފަދަ ކަމެއްގައި ރާއްޖެ ހިމެނެއްވުމަށް ނިންމެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައެވެ.
އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ފުރިހަަމަ މަސައްކަތްތެެއް ކުރައްވާނެކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެެ ފުލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރާނެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ޙައްޖުވެރިންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަން ފާހަގަކޮށްލެވެއެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ