ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެސްޓީއޯއަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބާސެލޯ މާލެ ނަސަންދުރަ ހޮޓެލްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ.
ބުނީ ކީކޭ؟ - "އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށް ދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ޝިމާދު ވިދާޅުވީ:
ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންލައިނާއަށް އެސްޓީއޯއިން ބަންކަރިން ހިދުމަތް ދިން
އޭގެ ތެރޭގައި 1،200 ޓަނުގެ ފެން ފޯރުކޮށްދިނުން ހިމެނޭ
"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.
ފާހަގަކުރެވޭ - ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.
އެ ސަރަހައްދުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ