ގުޅީފަޅުގެ ގުރު މި މަހު ނަގަނީ، މިނިސްޓަރު ވިދާޅުވަނީ ޕްލޭނަށް ބަދަލު ގެނައީ ރަޖިސްޓްރީ ދޫކުރުން އަވަސް ކުރަން ކަމަށް ގުޅީފަޅުގެ ގުރު މި މަހު ނަގަނީ، މިނިސްޓަރު ވިދާޅުވަނީ ޕްލޭނަށް ބަދަލު ގެނައީ ރަޖިސްޓްރީ ދޫކުރުން އަވަސް ކުރަން ކަމަށް

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަނެއްކާ ވެސް ބަދަލުކޮށް ގޯތިތައް އެއް ސަރަހައްދަކަށް ޖަމާ ކުރީ ގޯތިތަކުގެ ރަޖިސްޓްރީ ދިނުން އަވަސް ކުރަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލު ކުރީ އޮކްޓޯބަރު، 2024، ގަ އެވެ. ޕްލޭނަށް ބަދަލު ގެނެސް ސަރުކާރުން ބުނީ އެއިރު ހަދަނީ ޖާގަ ތަނަވަސް ޕްލޭނެއް ކަމަށެވެ.
އޭގެ ހަތް މަސް ފަހުން އަނެއްކާ ވެސް މިއަދު އާ ލޭންޑް ޔޫސް ޕްލޭނެއް ވަނީ ޝާއިއުކޮށްފަ އެވެ. އެ ޕްލޭނުގައި ގުޅީފަޅުގެ ގޯތިތައް ވަނީ މިހާރު ހިއްކާފައި ހުރި ސަރަހައްދަށް ބަދަލުކޮށްފަ އެވެ. މުއްތަލިބު ވިދާޅުވީ އޭގެ ބޭނުމަކީ ގޯތިތަކުގެ ރަޖިސްޓްރީ އަވަހަށް ދޫކުރުން ކަމަށެވެ.
"ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް."
މިނިސްޓަރު ވިދާޅުވީ މި ހިނގާ މެއި މަހު ގޯތީގެ ގުރު ނަގައި ރަޖިސްޓްރީ ހަވާލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ގޯތީގެ ރަޖިސްޓްރީ ދިނުން ލަސްވެފައި ވަނީ ނުހިއްކާ ހުރި ސަރަހައްދުން ގޯތި ދީފައިވާތީ ކަމަށެވެ.
"27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައިވާތީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ނުހިއްކާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވޭ ގޮތަށް މިދިޔަ ސަރުކާރުން ވަނީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ގަވާއިދު އެގޮތަށް ބަދަލު ކުރުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ