ދިވެހި ޙައްޖުވެރިން ފުރާނީ މި މަހު 26، 27، 29 އަދި 30 ގައި!

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިން 4 ފްލައިޓެއްގައި ސަޢުދީ ޢަރަބިއްޔާއަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ. މި އިންތިޒާމުތައް މޯލްޑިވްސް ޙައްކު ކޯޕަރޭޝަނުން މިހާރު ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ފްލައިޓުގައި 235 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.
ޙައްޖުވެރިންގެ ދެވަނަ ފުލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ފުލައިޓުގައި 257 ޙައްޖުވެރިން ދަތުރުކުރާނެއެވެ. އަދި ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފުލައިޓުގައި 250 ޙައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 27 އަދި 29 ގައި ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގައެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިނުގައި ޙައްޖަށް ދާ އަހަރެކެވެ.
ޙައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.
މިއަހަރު ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސަޢުދީ ސަރުކާރުން ދެއްވާފައިވާއިރު، ރާއްޖެއިން ޙައްޖުވެރިން ފުރާއިރު ސަޢުދީގެ އިމިގްރޭޝަންވެސް ނިމޭނެކަން ފާހަގަކޮށްލެވެއެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ