ފެނާއި ނަރުދަމާގެ ޚިދުމަތް ހަމަހަމަކަމާއެކު ދިނުމަށް، ގައުމީ ސިޔާސަތެއް އިފުތިތާހުކޮށްފި
ސާފު ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެކުލަވައިލި ސިޔާސަތު މިއަދު އިފުތިތާހުކޮށްފިއެވެ. "ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އިފުތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް އޮނިގަނޑެއް އެކުލަވައިލުމެވެ. https://x.com/MoTmv/status/2019028496325148818 އެ ސިޔާސަތުގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ އޮނިގަނޑުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގައި ހިމެނޭ ބައެެއް ބައިތަކުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިއެރުވުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން ހިމެނެއެވެ. އަދި އެ ދާއިރާއިން އިތުރު ދިރާސާކޮށް، އިންސާނީ ވަސީލަތް ބިނާކުރުމަށް ވެސް އެ ސިޔާސަތުގައި ކަނޑައަޅައިފައިވެއެވެ. ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތުތަކެއް މީގެ ކުރިން ވެސް ކަނޑައަޅައިފައިވެއެވެ. https://sun.mv/209784 މިދިޔަ ސަރުކާރުގައި ވެސް، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުމަށް މަޝްރޫއުތައް ހިންގައިފައިވާއިރު، މި ސަރުކާރުގައި އެފަދަ މަޝްރޫއުތައް ހަވާލުކޮށްފައިވެއެވެ. މިދިޔަ އަހަރު މި ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމަށް އަންގައި، ގާނޫނީ އިސްލާހެއް ތަސްދީގު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ