އިދާރާތައް ތިބީ އިންތިހާބީ ނުފޫޒާއި ކޮރަޕްޝަނަށް މަގުފަހިކޮށްދީގެން އިދާރާތައް ތިބީ އިންތިހާބީ ނުފޫޒާއި ކޮރަޕްޝަނަށް މަގުފަހިކޮށްދީގެން

މުޅި ދިވެހިރާއްޖޭގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިހާބަށް ފަސް ދުވަހަށް ވެފައި އޮއްވާ، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ސަރުކާރުން ކަނޑާލައިފި އެވެ. އެއީ ގާތްގަނޑަކަށް 890،000،000 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
ހިޔާ ފްލެޓުގެ 16 ޓަވަރުގައި މަދުވެގެން 22،000 މީހުން ދިރިއުޅެ އެވެ. އެހެންކަމުން އެ ފައިސއިން ބޮލަކަށް އެ ލިބުނީ 38،695 ރުފިޔާ އެވެ. މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި އަދި ދިވެހިރާއްޖޭގެ އިގްތިސާދު އޮތް ނާޒުކު ހާލަތުން އެއީ ކުޑަ އަދަދެއް ނޫނެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުލި ކަނޑާލަން ސަރުކާރުން ނިންމުމާއެކު، ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔެވެ. އެއީ އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ރިޝްވަތެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކުނެވެ. ދެ އަހަރުގެ ކުލި ކަނޑާލުމަކީ ފާޅުގައި ހިންގާ ކޮރަޕްޝަނުގެ ބޮޑު އަމަލެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ.
"ދަރިންނޭ. މިއީ މިބުނާ ކޮރަޕްޝަން! ހިތާމަޔަކީ ހިޔާ ފުލެޓުގެ ވެރިން މި ރިޝްވަތު ގަބޫލުކޮށް ސަރުކާރުން އެދޭ ގޮތަށް ވޯޓުދީފާނެ. ހަގީގަތަކީ އެއްވެސް ރައީސަކަށް ދައުލަތުގެ މުދަލެއް މިހެން ހިލޭ ނުބެހޭނެ. އިންތިހާބާ ދިމާކޮށް މިކަންކުރުމަކީ ޖަރީމާއެއް. މިތަން ރަނގަޅެއް ނުވާނެ،" ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރައްވަމުން، ހިދުމަތްތެރިޔާ މުހައްމަދު "ނަފާ" ނަސީމް ވިދާޅުވި އެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންގެ ކުލި ކަނޑާލުމުގެ އިތުރުން ވެސް އިންތިހާބާ ދިމާކޮށް މިފަދަ ޝައްކު އުފެދޭ ގިނަ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ. ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމާއި ޕްރޮޖެކްޓުތަކުގެ ރިބަން ކެނޑުމާއި އެތައް ހާސް ވަޒީފާއެއް ސަރުކާރުގެ ކުންފުނިތަކުން އުފެއްދުމަކީ އޭގެ ތެރެއިން ބައެއް މިސާލުތަކެވެ.
އިންތިހާބީ ކޮރަޕްޝަން ކަމަށް ބެލެވިދާނެ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވެ، އެކަމާ ގުޅޭ ގޮތުން ޝުއޫރު ފާޅު ކުރަމުންދާއިރު، ސަރުކާރަށް ފާރަވެރިވުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރަން ގާއިމްކޮށްފައިވާ މުއައްސަސާތައް ތިބީ ހަމަހިމޭންކަންމަތީ އެވެ. އެ އިދާރާތަކުގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. މިއީ ތަހުގީގު ކުރަންޖެހޭ ކަމެކެވެ.
ހޮނިހިރު ދުވަހު ބާއްވާ ތިން ވޯޓުގެ ވެސް ނަތީޖާ ސަރުކާރާ އެއްކޮޅަށް އައުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ކުރިމަގާ ގުޅިފައި އޮތް ކަމެކެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ މި ވޯޓުން ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ކުރާ މިންވަރު ނުވަތަ ތާއީދު ނުކުރާ މިންވަރު ހާމަވާނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ހޮނިހިރު ދުވަހު ދެން ބާއްވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ވޯޓެވެ.
އެ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގެ ސުވާލަށް އިހުލާސްތެރިކަމާއެކު ޖަވާބެއް ދިނުމުގެ ބަދަލުގައި އެއީ މުއިއްޒުގެ މަގުބޫލުކަމާމެދު ނެގޭ ވޯޓަކަށް ވެއްޖެ އެވެ. ސަބަބަކީ އަވަސް އަރުވާލައިގެން، ހޭލުންތެރިކަމުގެ ކެމްޕެއިނެއް ވެސް ނުހިންގާ، ރައްޔިތުންގެ މެދުގައި މަޝްވަރާނުކޮށް އެ ވޯޓު ނެގުމެވެ.
އިންތިހާބާ ގާތްވަމުން އަންނަ ވަރަކަށް ފެންނަނީ ދައުލަތުގެ ފައިސާ އާއި މުދާ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ މަންޒަރެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް ބޭނުންކޮށްގެން މި ވެއެތުވެދިޔަ ކެމްޕެއިނުގެ ކުރު މުއްދަތުގައި އެތައް ހާސް ވަޒީފާއެއް އުފައްދައިފި އެވެ.
އެންމެ ގިނައިން ވަޒީފާ ބެހި މުއައްސަސާތައް
އޭގެ އިތުރުން، ޑިސެމްބަރު 4، 2025، ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިއުލާނު ކުރި ފަހުން ނުވަ މަޝްރޫއެއްގެ ބިންގާ އަޅައި، ތިން މަސައްކަތެއް އިފުތިތާހުކޮށްފި އެވެ. އެ ހުރިހާ ތަނަކަށް ވެސް ރައީސް މުއިއްޒު ވަޑައިގެންނެވި އެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ ވަރަށް ރައްޔިތުންނާ ގުޅުން ހުރި ވަރަށް ގިނަ ސިޔާސަތުތަކެއް އެކަށައަޅައިފަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ގެނައި ބޮޑެތި ބަދަލުތަކެއް ހިމެނެ އެވެ.
ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިން ދޫކުރި ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަން ފެށީ ވެސް އިންތިހާބު އިއުލާނު ކުރި ފަހުންނެވެ. ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށް ޕްލޮޓް ދޫކުރަން ގުރު ނެގީ ވެސް އިންތިހާބު އިއުލާނު ކުރި ފަހުންނެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާ ދިނުމާއި ކަޑަޖެހުމާއި ސިޔާސަތުތައް ބަދަލު ކުރާ ވާހަކަ ނޫސްވެރިޔަކު އެހުމުން މުއިއްޒު ދެއްވީ ޒިންމާދާރުކުޑަ ޖަވާބެކެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓުތަކާއި ވަޒީފާތަކަށް މީހުން ނެގުން އިންތިހާބާ ދިމާވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"ދެން އަހަރެއްގެ ތެރޭގައި އިންތިހާބެއް އައުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެއްނު. ގާނޫނީ ނިޒާމުގައި މި އޮންނަނީ، ގާނޫނުތަކުގައި ކަނޑައަޅާފައި މި އޮންނަނީ، ކައުންސިލްގެ ދައުރު ހަމަވަނީ ކިހާތަނެއްގައި ކަމާއި، ހަމަވުމުގެ ކިތައް ދުވަސް ކުރިން ވޯޓުލާންޖެހޭނެ ކަމާއި، މިކަހަލަ ކަންކަމެއް ކަނޑައެޅިފައި މިހިރީ," މުއިއްޒު ވިދާޅުވި އެވެ.
"ދެން، އަޅުގަނޑުމެން ތިބެންވީތޯ، އަޅުގަނޑުމެން މި އަހަރަށް ކަނޑައެޅި ބަޖެޓު ތަންފީޒުނުކޮށް، އެ ވޯޓުލާ ނިމެންދެކަށް؟ އެއީކީވެސް ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެއްނޫންތޯ ދޮގެއްތޯ؟"
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް އިންތިހާބު އިއުލާނު ކުރާ ތާރީހުން ފެށިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ހިފަހައްޓަންޖެހޭ ހަމަތަކެއް އަދި ކުރުން މަނާ ކަންތައްތަކެއް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭޕްރީލް 4، 2026، ގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރީ ޑިސެމްބަރު 4، 2025، ގަ އެވެ. އޭގެ ފަހުން ކިތަންމެ ކަޑައެއް ޖަހައި، އެތައްހާސް ވަޒީފާއެއް އުފައްދައި، މުހިންމު އެތައް ސިޔާސަތަކަށް ބަދަލު ގެނެސްފި އެވެ.
އިންތިހާބާ ދިމާކޮށް ކަޑަޖެހުމާއި ސިޔާސަތުތައް ބަދަލު ކުރުމާއި ވަޒީފާ ބެހުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެފަދަ ކަންކަން އިންތިހާބީ ކުށުގެ ތެރެއަށް ފެތުން އެކަށީގެންވެ އެވެ.
ގާނޫނުގެ 74 ވަނަ މާއްދާގެ ހ. ގެ 11 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، އިންތިހާބީ ހައްގެއް ވަކި ގޮތަކަށް ބޭނުން ކުރުވުމަށްޓަކައި ހަދިޔާއެއް ނުވަތަ އެހެންވެސް އެއްޗެއް ދިނުމަކީ ނުވަތަ ދޭން ވައުދުވުމަކީ މަނާ ކަމެކެވެ. ގާނޫނުގައި ބުނާ ގޮތުން އެފަދަ ކަމެއް ބެލެވޭނީ ރިޝްވަތުގެ ގޮތުގަ އެވެ.
ޑިސެމްބަރު 4، ގައި އިންތިހާބު އިއުލާނު ކުރި ފަހުން އެތައް ހާސް ވަޒީފާއެއް ދިނުމާއި ހިޔާ ފްލެޓުތަކުގެ ކުލި ކަނޑާލުމާއި ވޯޓު ދޭން ތިބި ރައްޔިތުންނަށް ފަހިވާނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް އިއުލާނު ކުރުމާއި ވޯޓު ދޭން ތިބި ބަޔަކަށް ނަގުދު ފައިސާ ދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމައިފަ އެވެ.
ގާނޫނުގައި އެ ބުނާ ރިޝްވަތަށް މިކަން ނުފެތޭނެތޯ އެވެ؟
ގާނޫނުގެ 74 ވަނަ މާއްދާގެ ހ. ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ފައިސާ ބެހުމާއި ހިދުމަތެއް ދިނުމާއި އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނެ ވައުދުވުމަކީ ކުށެކެވެ. އެފަދަ ކަންކަން ވެސް ބެލެވޭނީ ރިޝްވަތުގެ ގޮތުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކުގެ ވެރިންނަށް 16 މިލިއަން ރުފިޔާ ދޭން ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، އިންތިހާބު އިއުލާނު ކުރި ފަހުންނެވެ. އެކަން އިއުލާނު ކުރެއްވީ ފްލެޓުތަކުގެ ވެރިންނާއެކު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މުއިއްޒާއި ފްލެޓު ވެރިންގެ އިތުރުން ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ.
ގާނޫނުގައި އެ ބުނާ ރިޝްވަތަށް މިކަން ނުފެތޭނެތޯ އެވެ؟
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ ދ. ގައި ބުނެފައިވާ ގޮތުން، އިންތިހާބުތަކާ ގުޅިގެން ވެސް ހުށަހަޅާ ރިޝްވަތުގެ މައްސަލަތައް ބަލަންޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ.
އިންތިހާބާ ދިމާކޮށް ރިޝްވަތު ދިނުމުގެ އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ ކޮމިޝަނަށް ރިޕޯޓު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޮތީ އިލްތިމާސްކޮށްފަ އެވެ.
"ގައުމުގެ މުސްތަގުބަލަށް ވިސްނާ ފިކުރުކޮށް ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް. ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވާ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް،" ޖެނުއަރީ 12، ގައި އެ ކޮމިޝަނުން ބުންޏެވެ.
"ހަމަ އެފަދައިން ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިހާބީ ހައްގު އަމިއްލަ ވަގުތީ ފައިދާއަށްޓަކައި ވިއްކާލުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި އާއިލާއަށާއި މުޅި މުޖުތަމައުއަށް ވެވޭ ހިޔާނާތެކެވެ."
ނަމަވެސް ކޮމިޝަނުން ވެސް އެދުނު ގޮތަށް، ރިޝްވަތުގެ މައްސަލަތައް ހުށަހެޅުމުން އެކަން ބަލާ މަންޒަރެއް ނުފެނެ އެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ހުށަހެޅި އެތައް މައްސަލައެއް ވެސް ހަމަ އޮތް ތަނެއްގައި އޮތީ އެވެ.
"އަސްލުގަ ވާގޮތަކީ މި ހުރިހާ އެންމެން ވެސް ބޭނުންވަނީ ބޯދަމައިގަނެގެން ސަރުކާރު ލައްވާ ވައްކަން ކުރުވައި، ވޯޓަށް ނުފޫޒު ފޯރުވައި، މުއިއްޒު ބޭނުންވާ ނަތީޖާއެއް ހާސިލްކުރުވަން، މި ހުރިހާ މިނިވަން މުއައްސަސާތަކަކުން މިތިބީ އަމާންދީގެން އެކަމަށް މަގުފަހިކޮށްދީގެން،" އެމްޑީޕީގެ ފަރާތުން އެންމެ ގިނައިން މައްސަލަ ހުށަހަޅުއްވާ އަހުމަދު ސަލީމް ވިދާޅުވި އެވެ.
އިންތިހާބާ ގުޅިގެން އެއްވެސް މައްސަލައެއް ބަލާތޯ މި ނޫހުން އެކި ފަހަރުމަތިން އެންޓި ކޮރަޕްޝަން ކޮމިޝަނާ ސުވާލުކޮށްފައިވާނެ އެވެ. ނަމަވެސް މައްސަލައެއް ބަލާ ކަމަށް އެއިން އެއްވެސް ފަހަރަކު އެ ކޮމިޝަނަކުން ނުބުނެ އެވެ.
~~
އިންތިހާބާ ދިމާކޮށް ވަޒީފާތައް ބެހުމުގެ މަގްސަދެއް ރައްޔިތުންނަކަށް ނުއޮޅެ އެވެ. ހިޔާ ފްލެޓުގެ ކުލި ކަނޑާލީ ކީއްވެގެން ކަން ވެސް އާންމުންނަށް އެނގެ އެވެ. އިންތިހާބާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަންކަމަށް މަގުފަހިކުރުވާ އިދާރާތައް ވެސް އެންމެންނަށް އެނގެ އެވެ.
އާރާއި ބާރު އޮތުމުން މިފަދަ ކުށްތަކުގެ އަދަބު މިވަގުތު ނުލިބުނަސް، މި ކުށްތައް ބެލޭނެ ދުވަހެއް އަންނާނެ އެވެ. މިއަދު ހިންގާ ޖަރީމާތައް ރައްޔިތުން ހަނދާން ހުންނާނެ އެވެ. އަދި އޭގެ ނަތީޖާ ވޯޓުން ވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ