ސުޕަ މެޖޯރިޓީ ހޯދުން ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއްކޮށްގެން : ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއް ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބޭ ނިޒާމް ނެތިކޮށްލެވޭނީ އެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.އެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ގައުމަށް ފައިދާވުމުގެ ބަދަލުގައި ވަނީ ގެއްލުން ކަމަށާއި، އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަމެޖޯރިޓީ ގެއްލޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދަނީ ކޮން މަންފާއެއް ލިބެން އޮތަތީތޯ ޕީއެންސީގެ އާންމު މެންބަރުން ސުވާލު ކުރަމުންދާ ކަމަށެވެ."އެހެން ސުވާލު އުފެދޭނެ ނުންތޯ، މިއަދާ ހަމައަށް އައިއިރު ސަރުކާރުތަކުން، ޕާޓީތަކުން މަސައްކަތްކޮށްފައި އޮތީ އެ މީހުންގެ އަމިއްލަ ވިސްނުމުގައޭ. އަމިއްލަ ފައިދާ އިސްކޮށްފަ އޮތީ. ގައުމެއް ނޫނޭ އިސްކޮށްފަ އޮތީ. އެހެންވީމާ އެ ސުވާލު އުފެދޭނެއޭ، އުފެދުމުގެ ހައްގުވެސް އެބައޮތޭ، އެ އުފެދުުމުގެ ފުރުސަތުވެސް އެބައޮތޭ. އެހެންވީމާ އެ ސުވާލު އުފެދޭނެ. އެކަމަކު އަޅުގަނޑު މިއަދާ ހަމައަށް އައިއިރު ތިންވަނަ އަހަރަށް ދިޔައިރުގައި އަޅުގަނޑުގެ ކިބައިން މި ސަރުކާރުން ކިބައިން އަދި މި ޕާޓީގެ ކިބައިން ރައްޔިތުންނަށް ފެނިފައި ހުރީ އެކަމެއް ނޫނެއް ނުންތޯ. އަޅުގަނޑުމެން އިސްކުރީ ގައުމު. ގައުމު އިސްކޮށްގެން އަޅުގަނޑުމެން މިއަދާ ހަމައަށް މިއައީ" ރައީސް ވިދާޅުވި އެވެ."އެހެންވީމަ ހަ މަސް ދުވަހުގެ އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން މި ދޫކޮށްލަން ބޭނުންވަނީ. ދޫކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ ގައުމު އިސްކުރަންށޭ"ވަރުގަދަ ޑިމޮކްރެޓިކް ނިޒާމަކާއި ހަގީގަތުގައި ވެސް އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވާ ޗެކް އެންޑް ބެލެންސް ނިޒާމެއް އެކުލަވައިލުމަށް އަންނަ ހޮނިހިރު ދުވަހު އޮންނަ ރިފަރަންޑަމް ވޯޓުގައި ފެންނަ ކަމަށް ފާހަގަ ޖެހުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ