ޑްރަގު ކެފޭއެއްގައި މަރުވެފައި އޮތް މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މާލޭގައި ވިޔަފާރި އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުން އައި 'ޑްރަގު ކެފޭ'އަކުން މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ މެންދުރުގެ ވަގުތެއްގައި ދިވެހި އެ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނުނީ، ފާށަނާކިލެގެ މަގުގެ ހަނި ގޯޅިތެރޭގައި ހުންނަ ގ. ފްރެޝް ލައިޓް ނަމަކަށް ކިޔާ މީހުން ދިރިނޫޅޭ ގެއަކުންނެވެ.
އެއީ ޑްރަގު ކެފޭއެއްގެ ގޮތުގައި ބޭނުން ކުރާތީ މީގެ ކުރިން ފުލުހުން އެތައް ފަހަރަކު ބަލައި ފާސްކޮށްފައިވާ ގެ އެކެވެ.
ފުލުހުންގެސް ބަސް - ފުލުހުން މިއަދު ބުނީ:
އެ މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް
ނަމަވެސް، "ހަށިގަނޑު އޮތް ހާލަތަށާއި މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ އާއި ހިނގާފައިވާ ތަނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު" މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ
"އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާއަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."
އިއްޔެ މި ހާދިސާ ހިނގި ތަނުން ފެނުނު މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އެ މީހާގެ ގައިގައި ކޮންމެވެސް ވަރެއްގެ "އަނިޔާގެ ނިޝާންތަކެއް" ހުއްޓެވެ. އަދި ފުލުހުން އެ ތަނަށް ދިޔައިރު އޭނާ ހުރީ "ދަންޖެހޭ މަޅީގަ" އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ