ހަފުތާއެއް ތެރޭގައި މާލެއާއި، ބްރިޖް އަދި ހައިވޭގައި 56 އެކްސިޑެންޓް

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާރިޗު 22 އިން 28 އަށް މާލެއާއި، ސިނަމާލެ ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 56 ޓްރެފިކް އެކްސިޑެންޓް ވަނީ ހިނގާފައެވެ.
މި އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ވެރިރަށް މާލޭގައެވެ. އެގޮތުން މާލޭގައި 49 އެކްސިޑެންޓް ހިނގާފައިވާއިރު، މިއީ މާލޭގައި އެކްސިޑެންޓްތައް ގިނައިން ހިނގާ އާންމު އުސޫލަށް ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާރިޗު 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. އެހެން ދުވަސްތަކުގައި މި އަދަދުތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކުވެސް އެކްސިޑެންޓްތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި، ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ ޖުމްލަ 37 އެކްސިޑެންޓް ނުވަތަ 66 އިންސައްތައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 19 އެކްސިޑެންޓެވެ. އެއީ 34 އިންސައްތައެވެ.
މި ހަފުތާގައިވެސް އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލު ހިމެނޭ އެކްސިޑެންޓްތަކެވެ. އެގޮތުން ސައިކަލާއި ކާރު ޖެހިގެން 14 އެކްސިޑެންޓް ހިނގާފައިވާއިރު، ދެ ސައިކަލު ޖެހިގެންވެސް 14 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މީގެ އިތުރުން، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ 7 ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
އެހެނިހެން އެކްސިޑެންޓްތަކުގެ ތެރޭގައި ޕިކަޕް، ވޭން، ބަސް އަދި ހިނގާފައިދިޔަ މީހުންނާ ގުޅުންހުރި ހާދިސާތަކުގެ އިތުރުން، އަމިއްލައަށް ކޮންޓްރޯލުން ނެއްޓިގެން ހިނގާފައިވާ ހާދިސާތައް ހިމެނެއެވެ. ނަމަވެސް މިފަދަ ހާދިސާތައް ހިނގާފައިވަނީ ނިސްބަތުން މަދު އަދަދަކަށެވެ.
އެކްސިޑެންޓްތަކުގެ ނުރައްކާތެރިކަމަށް ބަލާއިރު، ގިނަ އެކްސިޑެންޓްތަކުގައި ލިބިފައިވަނީ ކުދި އަނިޔާތަކެވެ. ނުވަތަ އުޅަނދުތަކަށް ގެއްލުން ލިބިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި 55 އެކްސިޑެންޓެއް ނުވަތަ 98 އިންސައްތަ އެކްސިޑެންޓް ބެލެވެނީ ކުދި އެކްސިޑެންޓްތަކެއްގެ ގޮތުގައެވެ. ސީރިއަސް އަނިޔާއެއް ލިބިފައިވަނީ އެއް އެކްސިޑެންޓްގައެވެ. މި ހަފުތާގައި ޖުމްލަ 10 މީހަކަށް އަނިޔާވެފައިވެއެވެ.
އެކްސިޑެންޓްތައް ހިނގި ސަރަހައްދުތަކަށް ބަލާއިރު، 49 އެކްސިޑެންޓް ނުވަތަ 87 އިންސައްތަ ހިނގާފައިވަނީ މާލެ ތެރޭގައެވެ. އަދި 7 އެކްސިޑެންޓް ނުވަތަ 13 އިންސައްތަ ހިނގާފައިވަނީ ބްރިޖް އަދި ހައިވޭގައެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ސަމާލުވެ، ޒިންމާދާރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ސަމާލުކަން ދިނުމާއި، ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ