މާލޭގެ ކޮންމެ ރައްޔިތަކަށް އޮތީ އުފާވެރި ދުވަސްތަކެއް: މޫސާ އަލީ ޖަލީލް

މާލޭގެ ކޮންމެ ރައްޔިތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޖަލީލް ވިދާޅުވީ މާލެ އާއި މާލޭގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ 1984 ވަނަ އަހަރު މާލޭގެ މަގުތައް ހަދަން އަކިރިޔާއި ގާ ބޭނުންވި ވަގުތު، އޭނާގެ ކޮނޑުގައި އަކިރި ބަސްތާތަކާއި ގާ ބަސްތާތައް އުފުލާފައިވާ ކަމަށާއި 1987 ގައި މާލެއަށް ބޮޑުރާޅު އަރައި ގެދޮރާއި ރައްޔިތުންނަށް ގެއްލުން ލިބުނު ވަގުތު، ރައްޔިތުންގެ ދަތިތައް ފިލުވައިދޭން، ބުރަތައް އުފުލި ކަމަށް އޭނާ ވިދާޅުވި އެވެ."އިރާދަކުރެވިއްޔާ މާލޭ ސިޓީގެ ކޮންމެ ރައްޔިތަކަށް، ކޮންމެ އާއިލާއަކަށް، ކޮންމެ ގޭބިސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް،" ޖަލީލް ވިދާޅުވި އެވެ.މާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު، ރަސްމާލެ؛ ހިމެނޭ ބޮޑު މާސްޓާ ޕްލޭނެއްގެ ދަށުން އެތައް މަސައްކަތެއް ސަރުކާރުން ކުރަމުންދާކަން ކަމަށާއި އެއާ އެކީ މުޅި މާލޭ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެގެންދާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރާއި ވިޔަފާރިއާ އެހެނިހެން ހުރިހާ ކަމެއް މުޅިން އެހެން ދަރަޖައެއްގައި ހިނގަން ފަށާނެ ކަމަށާއި ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.މޫސާ ޖަލީލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާ ހިދުމަތްތައް ފަހިކޮށްދިނުމުގެ ބައިވެރިއަކީ ކައުންސިލް ކަމަށެވެ. އަދި އޭގެ އެންމެ އިސް މީހަކީ މާލެ ސިޓީގެ މޭޔަރު ކަމަށާއި އެހެންވެ، ކައުންސިލާއި މޭޔަރު ވާން ޖެހޭނީ އަމިއްލަ ޖަޒުބާތަށް ވުރެ ރައްޔިތުންގެ ވޭންތަކަށް އިހްސާންތެރި، އޯގާވެރިޔަކަށް ކަމަށް ވިދާޅުވި އެވެ.އޭގެ އިތުރުން މާލެ ސިޓީ ކައުންސިލް ހިންގުން ހަރުދަނާ ކޮށް ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދު ކުރުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ މޯލްޑިވްސް 2.0 އަށް ކައުންސިލް ވެސް ވަންނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ހިދުމަތް ހޯދުމުގައި ވެސް ފަސޭހަތަކެއް ވާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ. "މިކަންކަން މި ގޮތަށް ހިންގުމަށްޓަކައި އަޅުގަނޑު އެދެނީ ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ނުކުމެ އަޅުގަނޑަށް ވޯޓުލުން." އޭޏަ ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ