ސްނެޕްޗެޓާ ވާދަކުރުމަށް އިންސްޓަގްރާމުން "އިންސްޓަންޓްސް" ނަމުގައި އާ އެޕެއްނެރެނީ

ސްނެޕްޗެޓާ ވާދަކުރުމުގެ ގޮތުން، ފޮނުވާލުމަށްފަހު އަމިއްލައަށް ފޮހެވިގެންދާ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ އާ އެޕެއް އިންސްޓަގްރާމްގެ މެނޭޖްމަންޓް ކުންފުނި، މެޓާއިން ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. "އިންސްޓަންޓްސް"ގެ ނަމުގައި އުފައްދާ މި އެޕަކީ މިހާރު ކުންފުނީގެ އެތެރޭގައި ޓެސްޓްކުރަމުންދާ ޕްރޮޓޯޓައިޕެއް ކަމަށް މެޓާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ބިޒްނަސް އިންސައިޑަރަށް މެޓާގެ ތަރުޖަމާނަކު ދެއްވި މައުލޫމާތުގައި ވިދާޅުވީ، މިއީ އަދި ކުންފުނީގެ އެތެރޭގައި އެކަނި ބޭނުންކުރާ އެޕެއް ކަމަށާއި އާންމުންނަށް އަދި ޓެސްޓްކުރަން ދޫކޮށްފައި ނުވާ ކަމަށެވެ. މި އެޕާ ބެހޭ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ އެޕްތައް ރިވާސް އިންޖިނިއާ ކުރާ މަޝްހޫރު ޑިވެލޮޕަރު އެލެސަންޑްރޯ ޕަލޫޒީއެވެ. އާ ވަކި އެޕެއްގެ އިތުރުން، އިންސްޓަގްރާމް އެޕްގެ ތެރޭގައިވެސް "އިންސްޓަންޓްސް"ގެ ނަމުގައި އާ ފީޗާއެއް މެޓާއިން ދަނީ ޓެސްޓްކުރަމުންނެވެ. ކުރިން "ޝޮޓްސް"ގެ ނަމުގައި މަޝްހޫރުވި މި ފީޗާ، މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި މަދު ބަޔަކަށް ޓެސްޓްކުރުމަށް ވަނީ ދޫކޮށްލާފައެވެ. https://sun.mv/215578 މި ފީޗާ މަސައްކަތްކުރާ ގޮތް: މި ފީޗާ މެދުވެރިކޮށް އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖް (ޑީއެމް) އިން ފޮނުވާ ފޮޓޯ ނުވަތަ ވީޑިއޯ ބަލާލުމަށްފަހު ވަގުތުން ފޮހެވިގެންދާނެއެވެ. އަދި ފޮނުވާތާ 24 ގަޑިއިރުވުމުން އެ މީޑިއާއެއް އެކްސްޕަޔާ ވާނެއެވެ. މީގެ އިތުރުން، މި ފީޗާ ބޭނުންކުރެވޭނީ ދެމީހުން އެކަކު އަނެކަކަށް ފޮލޯކުރާ (ފޮލޯ ބެކް ކުރާ) ފަރާތްތަކަށް އެކަންޏެވެ. އަދި މިގޮތަށް ފޮނުވާ ފޮޓޯތައް އެޑިޓެއް ނުކުރެވޭނެއެވެ. މެޓާއިން މީގެ ކުރިން ވެސް "ވިއު ވަންސް" އާއި "ވެނިޝް މޯޑް" ފަދަ ގެއްލިގެންދާ މެސެޖް ފޮނުވޭނެ ފީޗާތައް އިންސްޓަގްރާމަށް ތައާރަފްކޮށްފައިވެއެވެ. ނަމަވެސް "އިންސްޓަންޓްސް" އާއެކު ސްނެޕްޗެޓާ އެއްފަދަ ތަޖުރިބާއެއް އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި އާ އެޕް ނުވަތަ ފީޗާ މުޅި ދުނިޔެއަށް އާންމުކޮށް ދޫކޮށްލާނެ ތާރީޚެއް މެޓާއިން އަދި ހާމައެއް ނުކުރެއެވެ. ކުންފުނިތަކުން މިފަދަ ޕްރޮޓޯޓައިޕްތައް އާންމުކޮށް ހެދި ނަމަވެސް، މީގެ ތެރެއިން ބައެއް ތަކެއްޗަކީ ޓެސްޓް މަރުހަލާއަށްފަހު އާންމުންނާ ހަމައަށް ނައިސްވެސް ހުރެދާނެ އެއްޗެހިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ