އަންހެނަކު ރާއްޖޭގެ ރައީސްކަން ކޮށްފާނެ: މައުމޫން

ކުރިއަށް އޮތްތަނުގައި އަންހެނަކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. އިސްލާމީ ގައުމެއްގެ އެންމެ އިސްމަގާމު އަންހެނަކަށް އަދާ ކުރެވޭނެ ކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ލިޔުއްވި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އަންހެނަކު ރާއްޖޭގެ ރައީސްކަން ކުރާ ދުވަހީ ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އެކަމަކީ ހަމަ ވެދާނެ ކަމެއް ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރިއަށްއޮތްތަނުގައި {އަންހެނުންގެ ދައުރު} ދާނީ ފުޅާވެގެން، … މިގޮތަށް އަންހެނުންގެ ދައުރު ފުޅާވެގެންގޮސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަކީ އަޅުގަނޑު ހިތުން ދިވެހި ތާރީހުގައި ވަރަށް އާ ޞަފްހާއެއް ފެށޭ ދުވަހަކަށްވާނެ. ކޮންމެވެސް ޒަމާނެއްގައި އެކަންވާނެ ކަންނޭންގެ. ކޮންމެއަކަސް ފޮތުގެ ބޭނުމަކީ މަގު ހުޅުވައި ދިނުން،" ރައީސް މައުމޫން ވިދާޅުވިއެވެ. އަންހެނުންގެ ތެރެއިން ގާބިލް އަންހެނުންނަށް ކުރިއެރުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި އަދި އެކަމަށް އިސްލާމްދީން ހުރަސް ނާޅާކަން، ޑރ. އަފްރާޝީމް ލިޔުއްވި އެފޮތުން ބުނެދޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި، އިސްލާމްދީނުގައި ޒިންމާއެއް އުފުލުމުގައި އެމީހަކީ ވަކި ޖިންސަކަށްވި މީހެއްގެ ބަދަލުގައި އެއީ ގާބިލް މީހެއްނަމަ ދެ ޖިންސަށްވެސް އެފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ. ޑރ. އަފްރާޝީމް އަލީ އެ ފޮތުގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި އަންހެނަކަށް އެންމެ މަތީ މަގާމު އަދާކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. އެކަމަށް ބާރު ދެއްވައި ކީރިތީ ގުރުއާނާއި ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތައް އެ ފޮތުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ