ބައެއް މީހުން ބުނާ ގޮތުން ރާއްޖެ އަށް "ކިނބޫ ލަޝްކަރެއް" ގެ މުސީބާތެއް ކުރިމަތިވެފައި ވަނީ "އެމީހުން" ގެ ތެރެއިން އެކަތި ކުޑަކުދިންގެ ބަގީޗާގެ ޖަލެއްގައި ބަންދުކޮށްގެން ގެންގުޅޭތީ އެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް ހިފި ކަމަށް ބެލެވޭ މި ކިނބުލަށް އިއްވާފައި ވަނީ، ހީވާ ގޮތުން އުމުރު ދުވަހުގެ "ކުޑަ-ގޮޅީ" ގެ ހުކުމެކެވެ.
އަނެއް ބަޔަކު ސަމާސާއަކަށް ހަދައިގެން ބުނަމުން ދަނީ "ތިޔަ އުޅޭ ކިނބޫތަކަކީ" ކުޑަކުދިންގެ ބަގީޗާއޭ ކިޔުނު "ޖަލުގައި" ބަންދުކޮށްފައި އޮތް ކިނބޫ ސަލާމަތްކުރަން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅޭ ކިނބޫ ލަޝްކަރެއް ކަމަށެވެ.
ކޮންމެއަކަސް ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކިނބުލުގެ މައްސަލަ ރާއްޖޭގައި މިހާރު ބޮޑުވެއްޖެ އެވެ. ޖިހާދުގެ ނަމުގައި ފަންސާހެއްހާ ދިވެހިން ސީރިއާ އަށް ގޮސް އެތަނުގެ ހަނގުރާމައިގެ މައިދާނުގައި ރަށްވެހިވިއިރު، މި އަދަދާ ގާތްކުރާ ވަރަކަށް ކިނބޫ "ރަށްވެހިވެއްޖެ" އެވެ.
ގުދުރަތީ ގޮތުން ރާއްޖެއާ ލައްވާފައިނުވާ އެއްޗަކަށްވިޔަސް ކިނބުލަކީ މިއަދު "ދިވެއްސެކޭ" ބުނެވިދާނެ އެވެ. ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމަ އަށް މި ނުރައްކާތެރި ޖަނަވާރުގެ އާއިލާ މި ވަނީ ފުޅާކޮށްފަ އެވެ. ދިވެހިންނާއި ކިނބުލާ ދެމެދު ޒާތީ ހަނގުރާމައެއް ފެށިފައިވާއިރު ހިތްހަމަޖައްސާލަން މޫދަށް އެރި އުޅޭކަށް ވެސް ބައެއް އާއިލާތަކަށް މިހާރު ނުކެރެ އެވެ.
މި ކިނބުލަކާ ޖެހިގެން ގޮސް ގަންނާކުރައްވާ ބިރަކުންނެވެ.
އެކަމަކު މިއަށް ވުރެ ބޮޑަށް މިއަދުގެ ސުރުހީ އަކީ އެ ދުވަސްވަރުގައި އަޅުގަނޑުމެންގެ ތެރޭގައި ސިލްސިލާއެއްހެން ކުރިއަށްދާ ކަންތައްތައް ނުވަތަ މައްސަލަތަކުގެ ވާހަކަ އެވެ. ބިރުވެރިކަން އުފައްދާ މައްސަލަތަކާއި އުފާވެރިކަން ގެނެސްދޭ ކަންކަމާއި ހިތާމައާ ގުޅިފައިވާ އެކި ހާދިސާތަކާއި ޖަރީމާތައް ޓީވީ ސީރީޒްއެއްހެން އަޅުގަނޑުމެންގެ ތެރޭގައި ބައެއް ދުވަސްވަރު އެނބުރެ އެވެ.
މީގައި އަދި އެންމެ ޝައުގުވެރިވާ ތަންކޮޅަކީ އެ ދުވަސްވަރެއްގައި ދިވެހިން ކުރާ ކަމެއް ނުވަތަ ދިވެހިންނަށް ދިމާވާ ކަމެއް ދިގު ސިލްސިލާއަކަށް ބަދަލުވެގެންދާ ކަމެވެ.
މިސާލަކަށް ކިނބުލުގެ މި ސިލްސިލާ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެންނަ ދުވަސްވަރެއްގައި ފެންނާނީ މުޅިން ވެސް ކިނބުލެވެ. މަހަށް ދާ މަސްވެރިން ބާނާ މަހަށް ވުރެ ވެސް ގިނައީ ދާ ޖަހައިގެން ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ހިފާ ކިނބުލެވެ.
އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނަނީ ކިނބޫ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާންމުވަނީ އިރުވައި މޫސުމުގަ އެވެ. މިހެން ބުންޏަސް މި މައްސަލަ މިހާރު އޮތީ ކަންބޮޑުވާން ޖެހޭ ހިސާބަށް ގޮސްފަ އެވެ.
ރާއްޖެ އަށް ހިޖުރަކުރާ ކިނބޫތައް ރަށްތަކަށް އަރައި ބިސްއަޅައިގެން ދަރިންފަތި ގޮވައިގެން ރާއްޖޭގައި ޝިކާރަށް ނުކުމެ އުޅޭކަން ވެސް ސާބިތުވެފައި އެބަހުއްޓެވެ. މިސާލަކަށް ތ. ވިލުފުށިން 2011 ވަނަ އަހަރުގެ މާޗް މަހު ފެނުނު ކިނބޫތަކެވެ.
އެ ރަށުގައި އުޅުނު ބަންގާޅު މީހަކަށް އެންމެ ފުރަތަމަ މޫދުގައި އުޅެނިކޮށް ފެނުނީ "ކުޑަކުޑަ ލޯބި" ކިނބުލެކެވެ. މި މީހާ މި ކިނބޫ ހިފަން ޝައުގުވެރިވެގެން އެ ދިމާލަށް ދިޔަތަނުން ދެން ބޯ ހިއްލާލީ މާ ސިންގާ ކިނބުލެކެވެ. ގާތްގަނޑަކަށް 10 ފޫޓް ނުވަތަ 12 ފޫޓްގެ ބިޔަ ކިނބުލެއް ކަމަށް ބެލެވެ އެވެ.
ބަންގާޅު މީހާ ގަތްބިރުން ފިލީ އެވެ.
އެ ރަށުން އެ ދުވަސްކޮޅު ހަތަރު ކިނބޫ ފެނުނެވެ. އެއީ ކުޑަވަރެއްގެ ދެ ކިނބުލާއި ބޮޑު ދެ ކިނބުލެވެ. ފަހަރެއްގައި އާއިލާއެކެވެ.
ކިނބޫގެ މި ސިލްސިލާގެ އާ "ސީޒަނެއް" މި ހަފުތާގައި ފެށިފައިވާއިރު ރާއްޖެއިން ފެންނަ ކިނބޫތަކުގެ ސައިޒް އަހަރުން އަހަރަށް ބޮޑުވަމުން އަންނަކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ލ. ކަލައިދޫން ވެސް އެ ވަނީ 10 ފޫޓްގެ ކިނބުލެއް ހިފައިފަ އެވެ.
ކޮންމެއަކަސް ކިނބޫގެ މި ސިލްސިލާ އަށް ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ނޫސްތަކުން ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު އެންމެކުރިން މިފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުން ބަޔަކު މީހުން ކިނބުލެއް ހިފާފައި ވަނީ 1998ވަނަ އަހަރު އެވެ. ހަތަރު ފޫޓް ނުވަ އިންޗީގެ އެ ކިނބޫ ހިފީ ތެލުވެލިގަލަށް ޗުއްޓީއަށް ގޮސް އުޅުނު ބައެކެވެ. ކުޑަކުދިންގެ ޕާކުގައި ކުކުޅު މަސް ދީގެން ބޮޑުކޮށްފައި އެ އޮތީ މި ކިނބުލެވެ.
ތެލުވެލިގަލުން މި ކިނބުލެއް ހިފިފަހުން ގާތްގަނޑަކަށް ކޮންމެ އަހަރަކު ވެސް ރާއްޖޭ އަށް "ކިނބޫ ހިފުމުގެ ގައުމީ ސީޒަނެއް" އާދެ އެވެ.
އެހެންވީމަ މި ރާއްޖެ އަށް ބޭނުންވަނީ ކުއްތާ ސްކޮޑެއްތޯ ނުވަތަ ކިނބޫ ހިފާނެ ހާއްސަ ސްކޮޑެއްތޯ، މިއީ ވެސް މިހާރު އުފެދޭ ސުވާލެކެވެ.
ދެން އެހެން ފޯރިއެއްގެ ވާހަކަ އެވެ. މާވަހަރު ހޮވުމުގެ ސީޒަނެވެ. މާވަހަރު ފެނުމާއި ހޮވުމުގެ ފޯރި ވެސް ރާއްޖޭގައި އެންމެ ގަދަވާ ކަމަށް ފާހަގަކުރެވިފައި ވަނީ ޖެނުއަރީ މަހާއި ޖުލައި މަހާ ދެމެދު އެވެ. މިއީ ވެސް "ކިނބޫ ފެނުމުގެ ސިލްސިލާ" ފަދަ ޝައުގުވެރިކުރުވަނިވި ފޯރިގަދަ ސިލްސިލާ އެކެވެ.
މާވަހަރު ފެންނަލެތް ގިނަވެގެން ގައުމުގެ ރައްޔިތުންގެ މެދުގައި ދަހިވެތިކަމާއި ދެކޮޅުވެރިކަމާއި ނަފުރަތު އުފެދި މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލި އިސްލާމިކް މިނިސްޓްރީން "ފަތުވާ" ނެރޭ ހިސާބަށް ވެސް މައްސަލަ ގޮސްފައި އެބަހުއްޓެވެ. އެގޮތުން 2012 ވަނަ އަހަރަކީ ދިވެހިންނާއި މާވަހަރުގެ އަހަރެކެވެ.
އެ އަހަރަކީ މާވަހަރުގެ މައްސަލާގައި މީހުން މީހުންނާ މޫނުކެނޑި، ބިރު ދައްކައި ޒުވާބުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައި މާވަހަރު ހިފައިން އެއް ބަޔަކު ކޯޓަށް ވެސް ދިޔަ ފޯރިގަދަ އަހަރެކެވެ.
އަދި އެ އަހަރު އެއް މާވަހަރަށް ވުރެ ގިނަ މާވަހަރުގެ ނަސީބު ލައްވާލި މީހުން ވެސް އެބަތިއްބެވެ. މިސާލަކަށް ރ. ދުވާފަރުގެ މަޝްހޫރު "ކަށަވަރު" ދޯންޏެވެ. އެ މީހުން ނުވަ ކިލޯގެ މާވަހަރެއް ހޮވިތާ ދެ މަސް ވެސް ނުވެ ދެން ހޮވީ 150 ކިލޯއަށް ވުރެ ބަރު މާވަހަރެކެވެ.
މިފަދަ ބައެއް މީހުންނަށް ނަސީބު ލައްވާލިއިރު މާވަހަރޭ ކިޔައިގެން ބޮޑެތި ސަރުބީގަނޑުގަނޑު ކޮނޑަށް ލައިގެން މާލެ އައި މީހުން ވެސް އެ އަހަރު އުޅުނެވެ.
މީގައި ވެސް ފާހަގަކޮށްލަން ޖެހެނީ މާވަހަރު ފެންނަ ނުވަތަ ހޮވާ ދުވަސްވަރެއް ނަމަ އެކަން މުޅި ގައުމުގެ ސަމާލުކަން އަތުލާ ކަމެވެ. މިގޮތަށް އެކި ދުވަސްވަރުތަކާ ދިމާކޮށް ކުއްލިއަކަށް އިތުރުވާ މައްސަލަތައް ބައިވަރެވެ.
މިސާލަކަށް އިހަކަށް ދުވަހު ވ. ރަކީދޫގައި މަރާލާފައި އޮތްވައި ފެނުނު ކުޑަ ފިރިހެން ކުއްޖާގެ މަރުގެ ޚަބަރު ރާއްޖޭގައި އެނބުރިގަތުމާ އެކު އެފަދަ އިތުރު އެތައް މައްސަލައެއް ވެސް ފެންމަތިވި އެވެ. އޭގެ ދެ ތިން ސުރުހީއެއް، ރަކީދޫގެ މައްސަލައިގެ ފަހަތުން ފުލުފުލުން ސުރުހީތަކަށް ވެސް އެރި އެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ވާހަކަ ވެސް އާންމުކޮށް މީޑިއާގައި ބަންޑުންވަނީ އެއްކޮށެވެ. ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާކުރި ވާހަކައެއް ނުވަތަ އެ މީހަކަށް އަދަބު ލިބުނު ވާހަކައެއް ކިޔައި ނިމޭތަނުން އަނެއްކާވެސް ހަމަ އޭގެ އެހެން ޚަބަރެއް ކިޔާލަން ލިބޭނެ އެވެ.
މިފަދަ މައްސަލަތަކުގެ ޚަބަރުތައް ސިލްސިލާއެއްހެން ކިޔަން ނުލިބެންވީ ސަބަބެއް ވެސް ނެތެވެ. ކުޑަކުދިންނަށް އަނިޔާކޮށްގެންނާއި އިހުމާލުވެގެން މިދިޔަ އަހަރު މާލެއިން އެކަނި ވެސް ޖެންޑާ މިނިސްޓްރީ އަށް 530 މައްސަލަ ހުށަހެޅި އެވެ.
ކުޑަކުދިންނާ ބެހުމުގެ މައްސަލައަކީ ވަކި ދުވަސްވަރަކަށް ހާއްސަވެފައި އޮތް ޖަރީމާއެއް ނޫނެވެ. ނަމަވެސް މި މައްސަލަ ވެސް އެކި ދުވަސްވަރުގައި ކުއްލިއަކަށް ބޮޑުވެ މުޅި ގައުމުގެ ސަމާލުކަން އަތުލަ އެވެ. އެގޮތުން މި ދުވަސްކޮޅު ރަކީދޫގެ މައްސަލައާ އެކު މިކަން އޮތީ އަނެއްކާވެސް ފަލަ ސުރުހީ އަށް އަރައިފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ މިދިޔަ އަހަރު މައްޗަށް ޖެހިލާފައިވާކަން ފާހަގަކޮށްލެވެ އެވެ. ހިސާބުތައް ދައްކާ ގޮތުން 2011 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި 260 މައްސަލައެއް ހުށަހެޅި އެވެ. އަދި 2012 ވަނަ އަހަރު އެ އަދަދަކީ 262 ކެވެ.
މިވެސް ހަމަ ކޮން އަހަރަކު ގައުމު ހުއްޓުވާލާ ނުވަތަ ރޮއްވާލާ ބޮޑު މައްސަލަ އެކެވެ.
މިގޮތަށް ސިލްސިލާއަކަށް ބަދަލުވެފައިވާ އެހެން މައްސަލައަކަށް "ޖިހާދަށް މީހުން ސީރިއާ އަށް" ދާ މައްސަލަ ވެސް ނެގިދާނެ އެވެ. ބައެއް މީހުން ސަމާސާއަކަށް ހަދައިގެން ބުނަނީ ސަރުކާރުން ޒުވާނުންނަށް ވަޒީފާ ހޯދައި ދެނީ ސީރިއާ އިން ކަމަށެވެ.
ދެން މިފަހުން އަޅުގަނޑުމެން އެންމެންގެ ސަމާލުކަން އަތުލީ ހަވަ އެވެ. އާ އަހަރާ ދިމާކޮށް އަރުވަން ފެށި ހަވާގެ އަޑު ނުކެނޑި އެކަން ބައެއް މީހުންނަށް މުސީބާތަކަށްވެގެން އެއްޗެހި ކިޔާ ހިސާބަށް އެ މައްސަލަ ވެސް ގޮސްފި އެވެ.
އަނެއް ކަމަކީ، ޕެޓުންގެ ގޮތުގައި ގެންގުޅޭ އެކި ވައްތަރުތަކުގެ ޖަނަވާރުތަކުގެ މައްސަލަ އެވެ. މިއީ ވެސް ސިލްސިލާއެއް ހެން ފަލަ ސުރުހީތައް އަތުލާ މައްސަލަ އެކެވެ. މަގުމަތިން ހަރުފަ ފެންނަ ދުވަސްކޮޅެއްގައި މުޅިން ވެސް އެކަންތަކެވެ. މާލޭގެ މި ވެނި ތަނަކުން މިވެނި ވަރެއްގެ ހަރުފައެއް ފެނިގެން އެ ވާހަކަ ސުރުހީއަށް އަރާނެ އެވެ.
މެރުވާނާ ގަސް އިންދުމުގެ ފޯރި އާއި ބަނގުރާ ކެއްކުމުގެ ފޯރި އަކީ ވެސް ހަމަ މި ގޮތަށް ވަކި ދުވަސްވަރަކާ ދިމާކޮށް ސިލްސިލާއެއްހެން ޚަބަރު އުފެދި އާންމުންގެ ސަމާލުކަން ހޯދާ މައްސަލަ އެކެވެ.
ހިމާޔަތްކޮށްފައިވާ މަސްމަހާއިމެހި ހިފައި، ކައި އެއާ އެކު ސެލްފީ ނެގުމުގެ ފޯރިގަނޑެއް ވެސް މިފަހުން ގައުމުގައި އެނބުރުނެވެ. އެއް ދުވަސްވަރެއްގައި ސޯމާލިއާ އިން މީހުން ލައްގާ ދުވަސްވަރެއް ވެސް ދިޔަ އެވެ. އެ ދުވަސްކޮޅު އެ ނޫން ވާހަކައެއް ގައުމަކު ނެތެވެ.
ހަށިވިއްކާ ސީޒަނަކީ ވެސް ހަމަ މި އުސޫލުން ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި ގައުމުގެ ސަމާލުކަން ހޯދާ ބޮޑު މައްސަލަ އެކެވެ.
ރާއްޖޭގެ އާދަޔާހިލާފު މޫސުން: މިއީ ކިނބޫ މޫސުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ