ރިސޯޓް ލީގު: ރީތި ރަށާއި ބަނޑޮސް ފައިނަލަށް

ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގެ ފައިނަލަށް މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތި ރަށާއި ބަނޑޮސް މޯލްޑިވްސް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ބަނޑޮސް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފޯ ސީޒަންސް ކުޑަހުރާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މެޗުގައި ކުޑަހުރާ އިން ލީޑުނެގީ ފުރަތަަމަ ހާފުގެ ތިންވަނަ މިނެޓުގައެވެ. މިއީ ލިބުނު ކޯނަރެއްގައި ހަސަން މައުރޫފް ކާމިޔާބުކޮށްދިން ލަނޑެކެވެ. ބަނޑޮހުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ ހަ ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރީހާން އެވެ. އަދި އޭގެ ދެ މިނެޓުފަހުން އަހުމަދު ޝަމީމް ވަނީ ބަނޑޮހަށް ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަހުރާގެ ރައިހާން އަހުމަދު ސަލީމް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބަނޑޮހުން ތަފާތު ދެއްކީ ދެވަނަ ހާފުގައެވެ. ދެވަަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބަނޑޮހުގެ އަހުމަދު ޝަމީމް އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު ހަތަރުވަނަ ލަނޑު މުހައްމަދު އިކުރާމް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައެވެ. ފަސްވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ފިރާޝް އެވެ.
ރީތިރަށް ފައިނަލަށް ދަތުރުކުރީ މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ ޕަޓީނާގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ. މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރީތިރަށުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ނާހިދެވެ. ރީތިރަށުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރާހީމް ނާހިދެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ