ނާޒިމާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު: ގާސިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާ ބައްދަލުކުރެއްވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައްޔާއި ކުރިއަށް ހުރި އިންތިޚާބުތަކުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަން ކަމަށާއި އެ ކަމުގެ އުންމީދު ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖޭޕީގައި ތިއްބެވުމަށް ފަހުގައި، އަމިއްލަފުޅު ޕާޓީއެއް އުފައްދަން އެ ޕާޓީން ވަކިވި ނާޒިމާ، ގާސިމް ބައްދަލު ކުރެއްވީ މިއަދު އޭނާގެ ވިލާ ޕާކު [ސަން އައިލެންޑު] ރިސޯޓުގައެވެ. ދެ ބޭފުޅުން ވެސް އަންނަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ. އެ ބައްދަލުވުމަށް ފަހު، ގާސިމް ވިދާޅުވީ އޭނާއާ ބައްދަލުކުރައްވަން ނާޒިމް ވަޑައިގަތީ އޭނާގެ ދައުވަތަކަށް ކަމަށެވެ. އަދި، ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެއްވިދާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވަނީ -- ފޮޓޯ/ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު "ދެބައި މީހުން އެކުގައި ރިޔާސީ އިންތިޚާބުގަޔާއި އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް މަސައްކަތް ކުރާނެ ގޮތަކާ މެދުގައި. ދެކެވުނު ވާހަކަތަކުން ވަރަށް ކާމިޔާބު އުންމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދީފި،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ބައްދަލުވުންތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، މިއަދުގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި، އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު އުޝާމް ވެސް ވަނީ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް އަޅުގަނޑުމެންނަށް ހޯދޭނެ،" އުޝާމް ވިދާޅުވިއެވެ. މިއީ، ޖޭޕީން ވަކިވުމަށް ފަހުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނާޒިމާއި ގާސިމް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ޖޭޕީގައި ތިއްބަވާފައި ނާޒިމާއި އަބްދުﷲ ރިޔާޒު ވަކިވުމުން، ގާސިމް މީގެ ކުރިން ވަނީ ނުރުހުން ފާޅު ކުރައްވައި އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރު ކޯލިޝަންގައި އޮތުމަށް ފަހު، ޖޭޕީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އަރުވައިފައެވެ. އޭނާ އަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. ނާޒިމަށް ވެސް އެމްއެންޕީން ވަނީ ރިޔާސީ ޓިކެޓު އަރުވައިފައެވެ. އޭނާ ގެންދަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ. ނާޒިމާއި ގާސިމް ވެސް ގެންދަވަނީ އެކިއެކި ޕާޓީތަކާ އެކު ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން، އެ ދެ ޕާޓީން ވެސް މި ފަހުން ވަނީ އިދިކޮޅު ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ