ޑީޕްފޭކް ފަތުރާ ނަމަ ޖަލަށްލެވޭ ގޮތަށް އިޓަލީގައި އޭއައި ގާނޫނެއް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގާނޫނާ އެއްގޮތް އޭއައި ގާނޫނެއް ފާސްކުރި އީޔޫގެ ފުރަތަމަ ގައުމަކަށް އިޓަލީ ވެއްޖެއެވެ. މި ގާނޫނަކީ އިންސާނިއްޔަތަށް އިސްކަންދީ، ރައްކާތެރި ގޮތެއްގައި އޭއައި ބޭނުންކުރުމުގެ މައިގަނޑު އުސޫލުތަކެއް ކަނޑައަޅާ ގާނޫނެއް ކަމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، މި ގާނޫނުގައި އީޖާދުކުރުމާއި، ސައިބަސެކިއުރިޓީއާއި، ޕްރައިވެސީ ރައްކާތެރިކުރުމަށް ވެސް ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. މި އާ ގާނޫނުގައި ސިއްޙީ ދާއިރާ، މަސައްކަތުގެ މާހައުލު، ސަރުކާރުގެ އިދާރާތައް، ޢަދުލު އިންސާފު، ތަޢުލީމު އަދި ކުޅިވަރު ފަދަ އެކި ދާއިރާތަކަށް އޭއައި ބޭނުންކުރެވޭނެ ގަވާއިދުތަކެއް ހިމަނާފައިވެއެވެ. އޭއައިއިން ނިންމާ ނިންމުންތައް ޓްރޭސް ކުރެވޭނެ ގޮތެއް ހުރުމަށާއި، އިންސާނީ ބެލެހެއްޓުން ހުރުމަށް މި ގާނޫނުގައި ބާރުއަޅައެވެ. https://sun.mv/210885 މީގެ އިތުރުން، 14 އަހަރުން ދަށުގެ ކުދިންނަށް އޭއައި ބޭނުންކުރެވޭނީ ބެލެނިވެރިންގެ ހުއްދައާ އެކުގައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަން އަންޑަ ސެކްރެޓަރީ އަލެސިއޯ ބުއްޓީ ވިދާޅުވީ، މި ގާނޫނުވަނީ އާ އީޖާދުތައް އާންމު މަސްލަޙަތުގެ ތެރެއަށް އަނބުރާ ގެނެސް، އޭއައި ކުރިއެރުމަށާއި، ހައްގުތަކާއި، ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް މަގުދައްކާފައި ކަމަށެވެ. ސަރުކާރުން އޭއައި ތަރައްގީކުރުމާ ގުޅޭގޮތުން މަސައްކަތްކުރާނެ ގައުމީ އިދާރާތަކެއްގެ ގޮތުގައި އެޖެންސީ ފޯ ޑިޖިޓަލް އިޓަލީއާއި ނެޝަނަލް ސައިބާސެކިއުރިޓީ އެޖެންސީ ކަނޑައަޅާފައިވާއިރު، ބޭންކް އޮފް އިޓަލީއާއި މާކެޓް ރެގިއުލޭޓާ ކޮންސޮބް ފަދަ ބެލެނިވެރި އިދާރާތަކަށް އެ މީހުންގެ ބާރުތައް ދޫކޮށްފައިވެއެވެ. އޭއައިއިން އުފައްދާފައިވާ ކޮންޓެންޓް، ޚާއްޞަކޮށް ޑީޕްފޭކްސް ފަދަ ތަކެތި ގާނޫނާ ޚިލާފަށް ފެތުރުމަކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ލިބިދާނެ ކުށެއް ކަމަށް ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި، އޭއައި ގާނޫނާ ޚިލާފަށް ބޭނުންކުރުމުން އައިޑެންޓިޓީ ހިފާފައިވާ ކުށްތަކާއި މަކަރާ ޚިލާފަށް އަދަބު ބޮޑުކުރެވޭނެއެވެ. ކޮޕީރައިޓާ ގުޅޭގޮތުން، އޭއައިގެ އެހީގައި އުފައްދާފައިވާ މަސައްކަތްތަކަކީ އެއީ އިންޓަލެކްޗުއަލް މަސައްކަތެއްގެ ނަތީޖާއެއް ނަމަ ރައްކާތެރިކުރެވޭނެއެވެ. އަދި، އޭއައި ބޭނުންކޮށްގެން ޓެކްސްޓް އަދި ޑޭޓާ މައިންކުރުން ހުއްދަވާނީ ކޮޕީރައިޓް ނެތް ކޮންޓެންޓްތަކަށް ނުވަތަ ހުއްދަ ލިބިފައިވާ އިދާރާތަކުން ކުރާ ސައިންޓިފިކް ދިރާސާތަކަށް އެކަންޏެވެ. އޭއައިގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެއް ބިލިއަން ޔޫރޯ (1.18 ބިލިއަން ޑޮލަރު) ހަމަޖައްސާފައިވާއިރު، މި ފައިސާ ވެންޗާ ކެޕިޓަލް ފަންޑަކުން ދޫކުރާނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ މި ފައިސާގެ މިންވަރު ބައިނަލްއަގުވާމީ ފެންވަރަށް ބަލާއިރު ވަރަށް ކުޑަކަމަށް ފާޑުކިޔާފައެވެ. ޞިއްޙީ ދާއިރާގައި، ޑޮކްޓަރުންނަށް ފައިނަލް ނިންމުންތައް ނިންމުމުގެ ބާރު ދަމަހައްޓައި، ބަލިމީހުންނަށް މަޢުލޫމާތު ލިބުމުގެ ޙައްޤު ލިބިފައިވާނެ ގޮތަށް އޭއައިއިން ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް އެހީތެރިވެދޭނެއެވެ. މަސައްކަތުގެ މާހައުލުގައި، އޭއައި ބޭނުންކުރާނަމަ މަސައްކަތްތެރިންނަށް އެކަމުގެ މައުލޫމާތު ދިނުމަށް ގާނޫނުގައި ލާޒިމުކުރެއެވެ. އިޓަލީގައި އޭއައި ގާނޫނެއް ފާސްކުރުމަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ގާނޫނީ ހަމަތަކާއި، އިންސާނީ ހައްގުތަކާ ދެމެދު ހަމަޖެހުމެއް ގާއިމުކުރުމަށް ދުނިޔެއަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ހިއްސާއެކެވެ. އޭއައިގެ ބާރުގަދަ ކުރިއެރުންތަކާ އެކު، އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކާއި ގޮންޖެހުންތަކާ މެދު ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ކަންބޮޑުވުންތަކެއް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ