އެއް ދާއިރާއަކަށް ދިރިއުޅުން ހާއްސަކުރުމުގެ މުހިންމުކަމާއި އެކަމުގައި ހުރި ގޮންޖެހުންތައް އެއް ދާއިރާއަކަށް ދިރިއުޅުން ހާއްސަކުރުމުގެ މުހިންމުކަމާއި އެކަމުގައި ހުރި ގޮންޖެހުންތައް

ސުކޫލަށް ދިޔައީ އަމާބަފާ ފޮނުވީތީ އެވެ. އެތަނުން ދަސްވި އެއްޗަކާއެކު އެގޮތްމިގޮތް ހަދައިގެން ފަހުން މަތީ ތައުލީމުތޯ އެއްޗެއް ހާސިކުރި ކަމުގެ ސަނަދެއް ލިބިއްޖެ އެވެ. ސަނަދަކާއި ސަނަދެކެވެ. މިހާރު ތިޔަ އުޅެނީ ކިޔެވި ދާއިރާއާ ނުވެސް ގުޅޭ ވަޒީފާއެއް އަދާކުރުމުގަ އެވެ. އެހައި ބައިވަރު ފައިސާއާއި ވަގުތާއި ހަކަތަ ހޭދަކޮށްގެން އެ ސަނަދެއް ނުހޯދި ނަމަވެސް ތިޔަ ވަޒީފާއެއް އަދާކުރެވުނީހެވެ. މަހުގެ ފުރަތަމަ ދުވަހު ލިބޭ އާމްދަނީ ފޮއި ދުވަހުން ހުސްވެ އެވެ. ވަޒީފާ ދެކެ ފޫހިވެގެން ގޮސް އަމިއްލައަށް މަރުވާވަރު ވެފައި ހުއްޓަސް، އާމްދަނީއެއް ބޭނުންނަމަ ކޮންމެ ދުވަހަކު ހޭލައިގެން އެ ވަޒީފާއަށް ދިއުން ނޫން ގޮތެއް ނެތެވެ. މިހެން ހާލަތު ހުރިނަމަ ތިޔަ ދިރިއުޅެނީކީ ނޫނެވެ. ދިރިތެޅެނީ އެވެ.
އެޕަލް ކުންފުނީގެ ފައުންޑަރު ސްޓީވް ޖޮބްސް އޭނާގެ ތަގުރީރެއްގައި ބުންޏެވެ. "ފެންވަރު ރަނގަޅު މަސައްކަތެއް ކުރެވޭނޭ ހަމައެކަނި ގޮތަކީ ކުރާ މަސައްކަތް ދެކެ ލޯބިވުމެވެ." މި ވާހަކަ ހަމައެކަނި ބުނުމުގެ އިތުރުން އޭނާގެ އަމަލުން މިކަން ސާބިތުކޮށްދިނެވެ. އޭނާގެ ފުރަތަމަ ލޯތްބަކީ ޓެކްނޮލޮޖީ އެވެ. ދިރިއުޅުމުގައި އެންމެ ބޮޑު މުހިންމު ކަމެއް ދިނީ އެކަމަށެވެ. އެ ދާއިރާގެ ހުރިހައި ބަހާތަކުގައި އުފެއްދުންތެރިކަމާ ގުޅޭ ދިރާސާތައް ކުރުމާއި ތަހުލީލުކުރުމަކީ އޭނާ ލޯބިވި މަސައްކަތެކެވެ. އޭނާގެ ދިރިއުޅުމުގެ މަގުސަދަކީ ޓެކްނޮލޮޖީގައި ދުނިޔެއަށް އައު އީޖާދުތައް ތައާރަފުކޮށް، މީހުންގެ ދިރިއުޅުން ފަސޭހަ ކުރުމެވެ. އެކަމުން އާމްދަނީ ވެސް ހޯދުމެވެ. ނަތީޖާއަކީ އޭނާގެ ކުންފުނިން މުޅި ދުނިޔެއަށް އިންގިލާބު ގެންނަ ވަރުގެ އުފެއްދުންތަކެއް އުފެއްދުމެވެ. އެ އީޖާދުތަކުގެ ސަބަބުން އޭނާގެ ތަނަވަސްކަން ވެސް އެތައް ގުނައަކުން އިތުރުވެގެން ދިއުމެވެ.
ސްޓީވްޖޮބްސް އެކަންޏެއް ނޫނެވެ. ވަކި ދާއިރާއެއްގައި ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނައި ކޮންމެ ޝަހުސިއްޔަތެއްގެ ދިރިއުޅުމުގެ ސަފުހާތައް ކިޔާށެވެ. ވަކި ދާއިރާއަކުން ފާހަގަކުރެވޭ މީހެއްގެ ވާހަކަ ނަގައި ބަލާލާއިރު، އެ އެންމެންގެ ވާހަކައިން ފާހަގަވާން އޮންނާނޭ އެއްގޮތް ކަމަކީ، އެ އެންމެންނަކީ ވެސް އެ މީހަކު ހާއްސަވި ދާއިރާއަށް ދިރިއުޅުން ތަހުސީސުކުރި ބަޔަކަށް ވީ ކަމެވެ.
މި އެންމެންނަކީ ވެސް، ހެނދުނު އަށެއް ޖަހާއިރު އޮފީހަކަށް ގޮސް ދޭއް ޖަހަންދެން ވަޒީފާއެއް އަދާކޮށްފައި، އޭގެ ފަހަށް އިތުރު ވަޒީފާއަކަށް ގޮސްފައި އެ ދެމެދުން ލިބޭ ހުސްވަގުތުކޮޅުގައި ޓެކްސީ ކުރަންޖެހުނު ބަޔަކަށްވީނަމަ މިއިން އެއްވެސް މީހެއްގެ އުފެއްދުންތެރިކަމެއް ދުނިޔެއަކަށް ނުފެނުނީހެވެ. ހަމަ އެގޮތަށް، ހެނދުނު ހޭލައިގެން ވަކީލަކަށް ވެފައި، މެންދުރުފަހު ލިޔުންތެރިއަކަށް ވެފައި، އެ ދެމެދުން ސިޔާސީ އެކްޓިވިސްޓަކަށްވެފައި ދެންލިބޭ ވަގުތުގައި ވިޔަފާރިވެރިއަކަށްވީމާ އޮންނާނީ އެއްވެސް ކަމެއް އެންމެ ރަނގަޅަށް ނުވެފަ އެވެ. ކާމިޔާބު މީހުންގެ ދިރިއުޅުމުގެ ކާމިޔާބީގެ އަސްލަކީ އެމީހުންގެ ދިރިއުޅުމުގެ މަގުސަދެއް އޮތުމެވެ. އެ ވަގުތަކަށް ލައްވާލި ކަމެއް ކޮށްލުމުގެ ބަދަލުގައި އެމީހުންގެ ދިރިއުޅުން ބިނާކުރީ ކަނޑައެޅުނު ވަކި މަގުސަދެއްގެ ވަށައިގެން، އެދާއިރާއަކަށް ހާއްސަވެގެންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެ މީހުން ހާއްސަވި ދާއިރާގެ ފާހަގަކުރެވޭ މިންވަރުގެ މަސައްކަތްތަކެއް ކުރެވުމެވެ.
ޖަޕާނަށް އަސްލު ނިސްބަތްވާ ފަލްސަފާއަކާ ބެހޭ ފޮތެއް މި ފަހުން ކިޔާލެވުނެވެ. އެ ގައުމުގައި ވަރަށް މަގުބޫލު އެ ފަލްސަފާއަށް ކިޔަނީ "އިކީގައި" އެވެ. މިއީ ދިރިއުޅުމުގެ މާނައާއި ބޭނުން ދެނެގަތުމަށް މަގުދައްކައިދޭ ފަލްސަފާއެކެވެ. ހަގީގަތުގައި އަޅުގަނޑުމެންގެ ކޮންމެ މީހަކު ވެސް ދިރިއުޅުމުން ހޯދަން ބޭނުންވަނީ ހިތްހަމަޖެހުމެވެ. ދުނިޔެވީ މާއްދީ ހުރިހައި ތަކެއްޗަކީ އެ ހިތްހަމަޖެހުމަށް ވާސިލުކޮށްދޭ ވަސީލަތްތަކެވެ. އެއީ މަންޒިލެއް ނޫނެވެ.
"އިކީގައި" މި ބަހުގެ މާނައަކީ "ދިރިއުޅުމުގެ ބޭނުން" ނުވަތަ "ދިރިއުޅުމުގެ ސަބަބު" އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހޭލައި، ބައިބޯ މުޖުތަމައުގެ ހިއްސާއަކަށް ވެގެން މަސައްކަތްކުރުމަށް ހިތްވަރުދޭ އަސްލު ސަބަބެވެ. އިކީގައި ބިނާވަނީ ހަތަރު ޝަރުތެއްގެ މައްޗަށެވެ. އެއީ އެކަމެއް ކުރުމަށް ޝައުގުވެރިވުމާއި، އެ ކަމަކީ މުޖުތަމައަށް މަންފާއެއް ލިބޭނޭ ކަމަކަށް ވުމާއި، ތިބާއަށް ރަނގަޅަށް ކުރަން އެނގޭ، ނުވަތަ ރަނގަޅަށް ކުރަން ދަސްކުރެވިދާނޭ ކަމަކަށްވުމާއި، އަދި އެކަމަކުން ދިރިއުޅުމުގެ ހަރަދު ބަރަދު ހަމަޖައްސާލެވޭނެ ކަމަކަށްވުމެވެ. އިކީގައި އަކީ މި ހަތަރު ބައިގެ މެދުގައިވާ ހަމަޖެހޭ ގުޅުމެވެ.
ފޮތުގައި ކިޔައިދީފައި އޮންނަގޮތުން، ޖަޕާނުގެ އޮކިނާވާ ފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ދިގު އުމުރުގެ ސިއްރު ހޯދުމަށް ކުރި ދިރާސާތަކުން ފާހަގަވީ ކަމަކީ އެމީހުންގެ ދިރިއުޅުން ވެއަތުކޮށްފައިވަނީ އެމީހުން ހިތްހަމަޖެހޭ، ނުވަތަ ހިތަށް އުފާވެރިކަން ގެނެސްދޭ މަސައްކަތް ކުރުމުގައި ކަމެވެ. އެރަށުގައި ދަނޑުވެރިކަން ކުރާ މީހާއަކީ ދަނޑުވެރިއެއްކަން އޭނާ ދަނެ އެވެ. އޭނާ ހެނދުނު ހޭލަނީ އޭނާގެ ދަނޑުގައި މަސައްކަތް ކުރުމަށެވެ. އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ދަނޑުގެ ގަސްތަކަށް ފަރުވާތެރިވެ، އެގަސްތައް ބެލެހެއްޓުމާއި އެ ގަހުން ކާނާ ހޯދުމެވެ. އެއީ އޭނާ އަދާކުރާ ވަޒީފާއެއް ނޫނެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ.
އިކީގައި ފަލްސަފާގެ އަސްލަކީ އެއީ އެވެ. ދިރިއުޅުމުގައި ކުރާ މަސައްކަތާއި ހިތްހަމަޖެހުމާ ދެމެދު ހަމަޖެހުން ހޯދުމެވެ. މިއީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއެކު އަމިއްލަ ނަފްސުގެ ބޭނުންތަކާއި، މުޖުތަމައަށް ފޯރުކޮށްދެވޭނެ ފައިދާތައް ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުމަށް ބާރުއަޅާ ފަލްސަފާއެކެވެ.
ތިބާގެ އަމިއްލަ އިކީގައި ދެނެގަތުމަކީ އަމިއްލަ ނަފްސު ދެނެގަތުމުގެ ދަތުރެކެވެ. މިއީ އެއް ދުވަހުން، ނުވަތަ މަދު ދުވަސްތަކަކުން ހާސިލުކުރެވޭނޭ ކަމެއް ނޫނެވެ. ތިރީގައިވާ ހަތަރު ސުވާލަށް ޖަވާބު ހޯދުމަކީ މި ދަތުރު ފަށައިގަނެވިދާނެ ގޮތެކެވެ.
1. ތިބާއަށް އެންމެ ކަމުދާ ނުވަތަ ޝައުގުވެރިވާ ކަންތައްތަކަކީ ކޮބާ؟
މި ސުވާލުން ދިރިއުޅުމުގެ ޝައުގުވެރިކަން ހޯދުމަށް މަގުދައްކައެވެ. ތިބާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަންތައްތަކަކީ ކޮބައިތޯ ބަލާށެވެ. އެއީ އުފެއްދުންތެރި ކަމެއް ނުވަތަ އެހެން ކަމެއް ކަމުގައިވެސް ވެދާނެ އެވެ. އެއީ މަސް ބޭނުން ކަމަށް ވެދާނެ އެވެ. ތަގުރީރު ކުރުން، ނުވަތަ އަމުރުވެރި މަގާމެއްގައި ހުރުން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން ކަމަށް ވެސް ވެދާނެ އެވެ. އަމިއްލަ ނަފްސާ މިގޮތަށް ކުރާ ސުވާލުތަކުން، ތިބާއަށް އެންމެ ކަމުދާ ކަންތައްތައް ލިސްޓުކޮށްލާށެވެ.
2. ތިބާއަށް އެންމެ ރަނގަޅަށް ކުރެވޭ ކަންތައްތަކަކީ ކޮބާ؟
މުޖުތަމައުގެ ގިނަ މީހުންނަށްވުރެ ރަނގަޅަށް ތިބާއަށް ކުރެވެނީ ކޮންކަމެއްތޯ ވިސްނާށެވެ. ވާހަކަ ދެއްކުންތެރިކަމާއި، ހިންގުންތެރިކަމުގައި ތިބާގެ ހުނަރު ހުރި މިންވަރާމެދު ވިސްނާށެވެ. އެހެން މީހުންގެ ވިސްނުމަށް ނުފޫޒު ފޯރުވައި، ތިބާގެ ވިސްނުމާ އެއްގޮތްކުރުވުމަށް ވާހަކަ ދެއްކުމުގެ ހުނަރު އެބަހުރި ހެއްޔެވެ؟ ހިންގުންތެރިކަމުގެ އެއްވެސް ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާނަމަ މިއީ މުހިންމު ހުނަރުތަކެވެ.
3. ދުނިޔެއަށް ނުވަތަ ތިބާގެ މުޖުތަމައުއަށް ބޭނުންވަނީ ކޮންކަމެއް؟
މި ސުވާލުން ތިބާގެ މަސައްކަތުން ނުވަތަ ހިދުމަތުން މުޖުތަމައަށް ފައިދާއެއް ލިބިގަންނަން ފަހިކުރުމަށް ބާރުއަޅަ އެވެ. މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ނުވަތަ އެހެން މީހުންނަށް އެހީތެރިވުމަށް ތިބާއަށް ކުރެވޭނެ ކަންތައްތަކަކީ ވިސްނާށެވެ. ކޮންމެ ދާއިރާއަކަށް ޝައުގުވެރިކަން ހުރިނަމަވެސް، އެ ދާއިރާއަކުން މުޖުތަމައުއަށް ކޮށްދެވޭނޭ ކޮންމެވެސް ހިދުމަތެއް އޮންނާނެ އެވެ. އެއީ ވިޔަފާރިކުރުން ނުވަތަ ކުޅިވަރުގެ ދާއިރާކަމަށް ވީނަމަވެސް ވެހެވެ.
4. ޝައުގުވެރިވީ ދާއިރާއިން އާމްދަނީއެއް ހޯދޭނެތަ؟
މި ޒަމާނުގައި އެންމެ މުހިންމު ކަމަކީ މިއީ އެވެ. ދިރިހުރުމަކީ ހަރަދު ހިނގާ ކަމެކެވެ. އެހެންވީމާ ހަމައެކަނި ޝައުގުވެރިވާ ކަމެއް ކޮށްލަކޮށްލާ ހުއްޓަކަސް ދިރިއުޅުން ހަމަޖައްސަން ހަރަދަބަރަދެއް ނުހޯދޭނެ އެވެ. ކުރިން ކުރެވުނު ސުވާލުތަކަށް ދިން ޖަވާބުތަކުގައި ހިމެނި ކަންކަމަކީ އެކަމުގެ ސަބަބުން އާމްދަނީއެއް ހޯދިދާނޭ ކަމެއްތޯ ވިސްނާށެވެ.
މި ހަތަރު ސުވާލުގެ ޖަވާބުތައް އެއްގޮތްވެ، ހިމުންވެގެން އަންނަ ހިސާބު ހޯދުމަކީ އަމިއްލަ އިކީގައި ދެނެގަތުމެވެ. އެއީ ތިބާގެ ޝައުގުވެރިކަމާއި، ހުނަރާއި، މުޖުތަމައުގެ ބޭނުންތަކާއި، މާލީ ބޭނުންތައް އެއްކޮށް ހަމަޖެހޭނެ މަގެއް ހޯދުމެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ވެސް ބޭނުންތެރި ދުވަހެއްކަމުގެ އިސުސާސު ކުރެވި، ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދާނެއެވެ.
މިހާތަނަށް މި ދެއްކީ އެއްކަލަ ބުނި ފޮތުގައި ހުރި ވާހަކަތަކެވެ. އެއްގޮތަކުން ބަލާއިރު އިންތިހާ ދަރަޖައިގެ ފަލްސަފީ ވާހަކަތަކެކެވެ. ޒަމާނުގެ ހަގީގަތްތަކާ ނުބައްދަލު، ހިޔާލުތަކެއް ނޫންބާވައޭ ވެސް ހީވެ އެވެ.
މުޖުތަމައުގެ ހަގީގަތް ނިޔާކުރާ ގޮތުން، ވަޒީފާއެއް އަދާކުރުމުގައި އަޅުގަނޑުމެން ފުރަތަމަ ބެލޭ ކަމަކީ ލިބޭ އާމްދަނީ އެވެ. ދެން ބެލެނީ އެ ވަޒީފާއަކީ ހަށްޓަށް ލުއި ވަޒީފާއެއްތޯ އެވެ. އެ ވަޒީފާގެ އިތުރުން، އިތުރު ދެތިން ކަމެއް ކޮށްލެވޭނޭ މިންވަރަށް ވަގުތު ވާނަމަ އަދި މާ ފައްކަލެވެ. މި ޝަރުތުތައް ފުރިހަމަވާނަމަ އެވީ އެ ވަޒީފާއެއް އަދާކުރާށެވެ. އެ ވަޒީފާއިން ލިބޭނޭ ހިތްހަމަޖެހުމާއި، މުޖުތަމައުއަށް ކުރާނޭ އަސަރަކީ އަޅުގަނޑުމެން ރިއާޔަތްކުރާ ކަމެއް ނޫނެވެ. ކުރެވެން ނުވެސް އޮންނަނީ އެވެ. ނަތީޖާ ވަރަށް ވެސް ގޯހެވެ. 'ކަމަށް، ކަމޭ ނުހިތުމުގެ ބަލި' އާންމުވެގެން މިއުޅެނީ ގިނަ މީހުން ކުރަނީ ހިތާވާ މަސައްކަތެއް ނޫންވީމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ