މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ހަތަރެއް ނޫނީ ފަސް ޓީމެއް ވާދަކުރާނެ ކަމަށް އެންމެ ފަހުން ހަތަރު ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ މި ވަގުތު ހަވާލުވެ ހުރި ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
މި ވަގުތު ލީގުގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ހަތަރެއްގައި އޮތް ބުރުގެ އޮތީ ހަތަރު ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް، ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އަށް ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނުވަ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ޕޮއިންޓެއް އަދި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެ އަހަރެއްހާ ދުވަހަށް ފަހު، އާ ސީޒަނަކާ އެކު، މިދިޔަ މަހު ފެށިއިރު، ލީގުގެ ކުޅުން ގައުމީ ޓީމުގެ މެޗުތަކަށް ދެ ހަފްތާ އަށް މެދުކަނޑާލީ އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅުނު ދެ މެޗަށެވެ. އެ ބްރޭކަށް ފަހު، މިއަދު އަލުން ލީގު ފަށާއިރު، މިރޭ މާޒިޔާ އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ކުޅޭނެ އެވެ.
ލީގުގެ އެންމެ ކުރީގައި މި ވަގުތު އޮތް ތިން ޓީމު ޕޮއިންޓުން އެއްވަރުވެފައި އޮތްއިރު، މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ، ކުރިއަށް އޮތް މެޗުތަކުގައި އެކަންކަން ބަދަލުވެގެންދާނެ ކަމަށެވެ.
"އަހަންނަށް ފެންނަ ފެނުމުގައި ލީގު ވަރަށް ވާދަވެރިވާނެ. ތިން މެޗަށް ފަހު އެބަފެނޭ، އޮޑި، ނިއު ރޭޑިއަންޓް އަދި މާޒިޔާ މި އޮތީ ވަރަށް ރަނގަޅަށް. ހަމައެގޮތަށް ބުރު ވެސް އެބައޮތް، އީގަލްސް ވެސް އެބައޮތް، ޔުނައިޓެޑް ވިކްޓަރީ ވެސް އެބައޮތް. ހަމަ އެ ގޮތަށް ވެެލެންސިއާ ވެސް މެޗަކުން މޮޅުވެފައި އެ އޮތީ. ހަތަރެއް ނޫނީ ފަސް ޓީމެއް ލީގުގެ އެއް ވަނަ އަށް ވާދަކުރާނެ. ޔަގީން އަހަރެމެން އެއް ވަނައިގައި އޮންނަން ބޭނުމީ، ކުރިއަށް އޮތް ހަތަރު މެޗުން އަހަރެމެންނަށް ފެންނާނެ މެޗުތަކެއް މި ޓީމުތަކުގެ މެދުގައި، އަހަރެމެން އޮޑިއާ ކުޅެން، އޮޑި ކުޅޭނެ ނިއު ރޭޑިއަންޓާ، އެހެންވީމަ ފެންނާނެ ކަންކަން، ކުރިއަށް އޮތް ބްރޭކުގެ ކުރިން އޮންނާނީ ތަފާތު ލީގު ތާވަލެއް،" މި ފަހަރުގެ ލީގު ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބުނީ، މި ވަގުތު މުހިންމު ކަމެއްގެ ގޮތުގައި ބަލަމުން އަންނަނީ ގައުމީ ޓީމަށް ކުޅެފައި އެނބުރި އައި ކުޅުންތެރިން ރަނގަޅު ހާލަތެއްގައި ތިބެ، ޓީމުގެ ކަންކަމުގައި ބައިވެރިވެގެން ރަނގަޅަށް ކުރިއަށްދިއުމުގެ މަސައްކަތް ކަމަށެވެ. ގައުމީ ޓީމަށް ދިޔަ އެއްވެސް ކުޅުންތެރިއަކު އަނިޔާގެ މައްސަލައެއް ދިމާނުވެ، އެނބުރި އައުމުން ހިތްހަމަޖެހޭ ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެެވެ.
މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން މާޒިޔާ އިން ބައެއް ކުޅުންތެރިން ދޫކޮށްލި އެވެ. އެ ގޮތުން، މާޒިޔާ އިން ދިޔަ އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އިރުފާން (އިރޭ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އަންނަނީ ނިއުގައި ގިނަ ވަގުތު ކުޅެ، މޮޅު ކުޅުމެއް ދައްކަމުންނެވެ. ހެނާންޑޭޒް ބުނީ، ސެންޓޭ އާއި އިރޭ އަދި ހަންނަ އަށް ގިނަ ވަގުތުތަކެއް ކުޅެން ލިބި މޮޅު ކުޅުން ދައްކާ ގޮތަށް، މާޒިޔާގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި ނާއިޒު ހަސަން (ދާދު) ފަދަ ކުޅުންތެރިން ވެސް ކުޅުމުގެ ވަގުތު އިތުރުވާ ވަރަކަށް މޮޅު ކުޅުން ދައްކަމުން އަންނަ ކަމަށެވެ.
"އަހަރެން ކުރިން ބުނިހެން މި ކަމުން ފައިދާ އޮތީ ގައުމީ ޓީމަށް. އަހަރެމެންގެ އުންމީދުތައް ހުރީ ރަނގަޅު ލެވަލްގައި ކުޅެ، ޒުވާން ކުޅުންތެރިން ވެސް އިތުރަށް ރަނގަޅުކޮށް، މުސްތަގުބަލަށް ބަލާފައި އިތުރު ޒުވާން ކުޅުންތެރިން ވެސް ހޯދައި މި މަސައްކަތް ކުރާއިރު، ދެން އޮތް ޓްރާންސްފާގައި އިތުރު އެހެން ކުޅުންތެރިން ވެސް ހޯދުމުގެ މަސައްކަތްކޮށް ރަނގަޅު ލެވަލް ހިފަހައްޓަން މަސައްކަތް ކުރާނަން،" ހެނާންޑޭޒް ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ އިން މި މެޗަށް ވެސް ކުރިމަތިލާނީ އެހެން މެޗުތަކެކޭ އެއްގޮތަށް މޮޅުވެ، ލީގުގެ އެއް ވަަނަ މަގާމުގައި އޮންނަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، ޔުނައިޓެޑް ވިކްޓަރީގެ މެޗުތައް ބަލަމުން އަންނަ ކަމަށާއި އެ ޓީމުން މެޗަކުން މޮޅުވެފައިވާއިރު، ނިއު ރޭޑިއަންޓާ ދެކޮޅަށް ވެސް ރަނގަޅަށް ކުޅެ، ބަލިވީ ފަހު ވަގުތު ގޯލެއް ވަދެގެންކަން ހެނާންޑޭޒް ފާހަގަކުރި އެވެ.
އޭނާ ބުނީ ލީގުގެ މެޗުތަކުގައި ފެންނަ އަސްލު ހާލަތަކީ ކޮންމެ ޓީމަކުން ވެސް މާޒިޔާއާ ދެކޮޅަށް ދެގުނަ މަސައްކަތްކުރާތަން ފެނުން ކަމަށާއި އޭގެ ސަބަބުން މާޒިޔާ އަށް އަބަދުވެސް އޮންނަ ޗެލެންްޖް ބޮޑު ކަމަށެވެ.
"މިއީ، ސްޕެއިނުގައި ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެކޮޅަށް ޓީމުތައް ނުކުންނައިރު ވެސް ވާގޮތަކީ، (ފްރެންޗް ލީގުގައި) ޕީއެސްޖީއާ ކުޅޭއިރު، މިހެން ވަނީ، މި ކަހަލަ ޒިންމާ މި ހުންނަނީ، އަހަރެމެންނަށް އެނގޭ ކޮންމެ ޓީމެއް ވެސް ވަރުގަދަކޮށްކަން ޖައްސާނީ އަހަރެމެންނާ ދެކޮޅަށް، އެހެންވީމަ، އަހަރެމެން މި ހާލަތާ ކެރިގެން ކުރިމަތިލާނީ ވިސްނުންތެރިކަމާ އެކު،" ހެނާންޑޭޒް ބުންޏެވެ.
މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީން ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
ހަތަރެއް ނޫނީ ފަސް ޓީމެއް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ވާދަކުރާނެ ހަތަރެއް ނޫނީ ފަސް ޓީމެއް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ވާދަކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ