ޗެރިޓީ ޝީލްޑް މެޗަށް އީގަލްސް އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން ޗެރިޓީ ޝީލްޑް މެޗަށް އީގަލްސް އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް މާދަމާރޭ ނުކުންނައިރު، ކްލަބް އީގަލްސް އޮތީ އެންމެ ރަނގަޅު ހާލަތުގައެއް ނޫން ކަމަށް އެ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި އަހުމަދު ނިމާދު (ނިމާ) ވަނީ ބުނެފި އެވެ.
އީގަލްސް އިން މި ސީޒަނުގައި ޕްރީ ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. މޯހަންއާ އެކު ހަ ވަރަކަށް ޕްރެކްޓިސް އެ ކްލަބުން ކުރި ފަހުން، އޭނާ ގައުމީ ޓީމާ ހަވާލުވުމުން، އީގަލްސް ކޯޗުގެ ޒިންމާ ނެގީ ނިމާ އެވެ. ނިމާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން އީގަލްސްގެ ކޯޗުގެ މަގާމާ ހަވާލުވެފަ އެވެ.
އީގަލްސްގެ ސީނިއާ ޓީމުން ރަސްމީ މެޗެއް ކުޅެން ތައްޔާރު މި ވަނީ، 18 ވަރަކަށް މަސް ދުވަސް ތެރޭ ފުރަަތަމަ ފަހަރަށެވެ. މިދިޔަ، މެއި މަހު އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގައި އީގަލްސް ނުކުޅޭއިރު، ޗެރިޓީ ޝީލްޑްގައި އީގަލްސްއާ ދެކޮޅަށް ކުޅޭ މާޒިޔާ އިން އެ މުބާރާތް ކާމިޔާބުކުރި އެވެ.
ޝީލްޑް މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިމާ (ވ) އާއި މާޒިޔާ ކޯޗު ލުއިސްމާ ހެނާންޑޭޒް ސަލާމްކުރަނީ.
ޝީލްޑް މެޗުގެ ކުރިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިމާ ބުނީ، ދެ އަހަރެއްހާ ދުވަސް ފަހުން އީގަލްސްގެ އިތުރުން އޭނާ ވެސް ފުރަތަމަ ޑިވިޝަނުގައި މި ފަދަ މަސައްކަތަކަށް ނުކުތްއިރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެެވެ.
ނިމާ ބުނީ، އީގަލްސްއާ އެކު އޭނާ އަށް ލިބުނީ 16 ވަރަކަށް ޕްރެކްޓިސް ކަމަށެވެ. އަދި، އީގަލްސް އިން ރަސްމީ މެޗެއް ނުކުޅެ ދިގު މުއްދަތެއް ވެފައިވާކަން ނިމާ ފާހަގަކުރި އެެވެ.
"މި ވޭތުވެދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގެ ލީގެއް ނެތި މިދިޔައީ، އީގަލްސް ވަރަށް ގިނަ ދުވަހު ފުޓްބޯޅަ ނުކުޅެ، ބޮޑު ފުޓްބޯޅައިގެ ތެރޭގައި ނޫޅެ މިދިޔައީ. އެކި ކުދިން އެކި ތަންތާ ނުކުޅެއެކޭ އެއް ނޫން ކުޅެފައި ހުރީ،" ނިމާ ބުންޏެވެ.
"އެހެން ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި މާޒިޔާ އިން ރާއްޖޭގެ ފުޓްބޯޅަ ދަމަހައްޓަން ކުރި މަސައްކަތަށް ރެސްޕެކްޓްކޮށް އިހުތިރާމްކޮށް މާޒިޔާ އަށް މަރުހަބާ ވެސް ކިޔަން. ރާއްޖޭގެ ފުޓްބޯޅަ ނެޝަނަލް ލެވަލްގައި ވެސް ގައުމީ ޓީމު ލެވަލްގައި ވެސް މި ލިބުނު ކާމިޔާބީގައި އެއްކޮޅުން މާޒިޔާގެ ހިއްސާ ވަރަށް ބޮޑު، ރާއްޖޭން އެންމެ ފަހުން ހޯދި ކާމިޔާބީގައި ވެސް،"
ނިމާ ބުނީ ޗެރިޓީ ޝީލްޑްގައި އެ ޓީމާ ދެކޮޅަށް ކުޅޭ މާޒިޔާ އަކީ މި ފަހުގެ ތާރީހަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ "ކިންގް" ކަމަށެވެ. އަދި، އެ ޓީމާ ދެކޮޅަށް ޝީލްޑް މެޗަށް ނުކުންނައިރު، ނިމާ ދެގޭގޮތުގައި ތައްޔާރީތަކުގެ އެޑްވާންޓޭޖް އޮތީ މާޒިޔާ އަށެވެ.
"މި މެޗަށް ތައްޔާރު މި ވަނީ މާޒިޔާ ކައިރީގައި ހިފެެހެއްޓޭނެ ގޮތެއް ބަލަން. ވަރަށް އުނދަގޫ މެޗަކަށް ވާނެ. އެހެން ނަމަވެސް، އީގަލްސް އިން މިވީ ދުވަސްތަކުގެ ތައްޔާރީތަކަށް ބަލައި ނުކުންނާނީ ރަނގަޅު ފައިޓެއް ދޭން. މާޒިޔާ އަކީ ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގެ ކިންގް ކަމަށް ދެކިގެން،" ނިމާ ބުންޏެވެ.
ނިމާ ބުނީ، އީގަލްސް އިން ލީގު ފެށުމުގެ ކުރިން މެޗެއް ކުޅެން ލިބުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެކަމަކު އޭގެ ދެ ދުވަސް ފަހުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަނެއްކާ ވެސް މާޒިޔާއާ ކުޅެން ޖެހުމަކީ ޑިސެޑްވާންޓޭޖެއް ކަަމަށެެވެ.
"ޗެރިޓީ އަކީ ވެސް އީގަލްސް އަތްލާފައި އޮތް އެއްޗެއް، ދެ ވަނަ ފަހަރަށް ކުޅެލުމަކީ ވެސް އާ ކަމެއް ނޫން އަނެއްކާ މާޒިޔާއާ އެކީ ވެސް އީގަލްސް ޗެލެންޖް ކޮށްގެން ކުޅެ، ކާމިޔާބު ހޯދާފައި އޮތް ޓީމެއް، މާޒިޔާއާ އެކު ކުޅުމަކީ ޖެހިލުންވާންޖެހޭ އެކަހަލަ ކަމެއް ވެސް ނެތް. ވަރަށް ބޮޑު ފުރުސަތެއް މިއީ ލީގަށް ތައްޔާރުވާން ވެސް ލިބޭ ފުރުސަތެއް ޗެރިޓީ ޝީލްޑް މިއީ. ކުރިއަށް އޮތް ލީގު މެޗަށް ތައްޔާރުވާން ލިބޭ މެޗެއް ގޮތަށް ދެކެނީ،" ނިމާ ބުންޏެވެ.
އީގަލްސް ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ނިމާ ވަނީ ބުނެފަ އެވެ. ސަބަބަކީ، މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތްތަކަށް ޓީިމުތަކުއި ކުޅުންތެރިން ކުޅެން ޖެހުމެވެ. އެ ގޮތުން، އީގަލްސްގެ ޒައިން ޒަފަރު އާއި ހުމައިދު ހުސެއިން ހުރީ އަނިޔާގައި ކަމަށާއި ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަމަށް ނިމާ ވަނީ ބުނެފަ އެެވެ
އީގަލްސް ޓީމުގައި މި ފަހަރު ޒުވާން ކުޅުންތެރިން ގިނަ ކަމަށާއި މެޗުތަކުގައި ގިނައިން ކުޅެން ޖެހޭނީ އެ ކުޅުންތެރިން ލައިގެން ކަމަށް ނިމާ ވަނީ ބުނެފަ އެވެ.
މާޒިޔާ އާއި އީގަލްސް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުން ކުޅުނީ ވެސް އީގަލްސް އާއި މާޒިޔާ އިންނެވެ. އެ ގޮތުން، 2023 ވަނަ އަހަރު މާޒިޔާ އިން ޝީލްޑް ކާމިޔާބުކުރީ އީގަލްސް 2-1 އިން ބަލިކޮށްފަ އެވެ. އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑް ހޯދައިފަ އެވެ. އީގަލްސް އިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ