ލޮރީ ދަށުވެ ސީރިއަސް އަނިޔާ ލިބުނު މީހާ އައިސީޔޫގައި

ކ. ތިލަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ އުމުރުން 53 އަހަރުގެ ސްރީލަންކާ ރައްޔިތަކަށެވެ. އެ މީހާއަށް ފުރަތަމަ ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ހުކުރު ދުވަހު އައިޖީއެމްއެޗުން ބުންޏެވެ. އެ މީހާގެ ހާލަތާ ގުޅޭގޮތުން މިއަދު "ސަން"އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުން ބުނީ، އޭނާއަށް އިތުރު ފަރުވާދިނުމަށް އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ހާލަތަށް އައި ބަދަލާއި ލިބުނު އަނިޔާތަކާ ގުޅޭ ތަފުސީލެއް އައިޖީއެމްއެޗުން ނުދެއެވެ. މިދިޔަ ބުރާސްފަތި ދުވަހު މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ، އެކްސްކެވޭޓަރެއް ކައިރި އޭނާ މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓި، ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަަށެވެ. https://sun.mv/211250 މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި، އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ ހައްޔަރުކުރިއެެވެ. ވިގްނޭޝްގެ މައްޗަށް ފުލުހުން ކުރީ އެކްސިޑެންޓްގެ ސަބަބުން، ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނިކޮށް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ފިލިކަމުގެ ތުހުމަތެވެ. އެކަމަކު ފުލުހުންގެ ތުހުމަތާގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ