ޕީއެސްއެމްގެ އެންޓަނާ ފީލްޑެއްގެ މަސައްކަތް ނުނިމިގެން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކުރުމުން، ވަކާލާތުކުރި ގޮތް ބަލަނީ
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ލަންކާ ކުންފުންޏަކާ ހަވާލުކޮށް ރޭޑިއޯ ފްރީކުއެންސީ ފޮނުވުމަށް ހަދަމުން އައި އެންޓެނާ ފީލްޑެއްގެ މަސައްކަތް ނުނިމޭތީ، އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް ދިއުމުން، އެ މައްސަލަ ކޯޓުން ބޭރުކުރުމުން، އެ މައްސަލައިގައި ޕީއެސްއެމްގެ ވަކީލުން ވަކާލާތުކުރި ގޮތް ބަލަމުން އަންނަކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މި މައްސަލައަކީ ޕީއެސްއެމުން ރާއްޖޭގެ ޚާއްސަ އިކޮނޮމިކް ޒޯން (އީއީޒެޑް)އަށް ރޭޑިއޯ ފްރީކުއެންސީ ފޮނުވުމަށް ހަދަމުން އައި އެންޓެނާ ފީލްޑުގެ މަސައްކަތް ނުނިމޭތީ އެ މަސައްކަތް ހަވާލުކުރި ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް ވެއްދި މައްސަލައެކެވެ. ސިވިލް ކޯޓުން މައްސަލަ ބޭރުކުރީ، އެ މައްސަލައިގައި ޕީއެސްއެމުން ދައުވާކުރި ސްރީލަންކާގެ ކުންފުނި ވުޖޫދުގައި އޮތްކަން ކަށަވަރުކުރެވެން ނެތް ކަމަށް ބުނެއެވެ. އެ ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ޝަރީއަތުގައި ފާހަގަކުރެއްވި ގޮތުގައި، ޕީއެސްއެމުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން، ޕީއެސްއެމުން އެންޓެނާ ފީލްޑުގެ މަސައްކަތް ހަވާލުކުރި ސްރީލަންކާގެ ކުންފުނި ކަމަށްވާ ތާންތުރީ ޓްރެއިލާސްއަށް ލިޔެކިއުންތައް ރައްދުކުރުމަށް ޓަކައި އެ ކޯޓުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ޕީއެސްއެމުން ތާންތުރީ ޓްރެއިލާސް އާ ރައްދުކުރެވިއްޖެ ނަމަ އެ ކަން މިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު ކޯޓާ ހިއްސާކުރުމަށް އެންގި ކަމަށާއި، ނަމަވެސް ޕީއެސްއެމުން މިއަދާ ހަމައަށް ވެސް ވާނުވާ ނާނގާ ކަމަށް، ގާޒީ ފާހަގަކުރައްވާފައިވެއެވެ. ސްރީލަންކާގެ ތާންތުރީ ޓްރެއިލާސް އާ އެކު ޕީއެސްއެމުން 2017ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު ހިންގި މި މުއާމަލާތުގައި ތާންތުރީ ޓްރެއިލާސް އާ މުއާމަލާތުކުރުމަށް ކުރި މަސައްކަތުން އެއީ ވުޖޫދުގައިވާ ކުންފުންޏެއްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތި، އެ ކުންފުންޏަށް ލިޔެކިއުންތައް ރައްދުކުރުމުގެ ފުރުސަތު ޕީއެސްއެމަށް އޮތް ނަމަވެސް، ލިޔެކިއުންތައް ރައްދުކުރިކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓުން ނިންމީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނީ، އެންޓެނާ ފީލްޑުގެ މަސައްކަތް ހަވާލުކުރި ސްރީލަންކާގެ ތާންތުރީ ޓްރެއިލާސް އަކީ އެ ގައުމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. މި މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެ، ޕީއެސްއެމުން ބުނީ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރާއްޖޭގެ ޚާއްސަ އިކޮނޮމިކް ޒޯން (އީއީޒެޑް)އަށް ރޭޑިއޯ ފްރީކުއެންސީ ފޮނުވުމަށް ހަދަމުން އައި އެންޓެނާ ފީލްޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް ތާންތުރީ ޓްރެއިލާސްއިން މަސައްކަތް ފުރިހަމަކޮށްފައިނުވާތީ އެ މަސައްކަތް ފުރިހަމަކުރުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ކަމަށެވެ. ނޫން ނަމަ އެ މަސައްކަތް ފުރިހަމަކުރުމަށް ހިނގާނެ ޚަރަދު ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ކަމަށެވެ. މި މައްސަލައިގައި ޕީއެސްއެމުން ވަކާލާތުކުރުމުގައި އަމަލުކުރި ގޮތް ބަލައި، ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ރާއްޖޭގެ ޚާއްސަ އިކޮނޮމިކް ޒޯން (އީއީޒެޑް)އަށް ރޭޑިއޯ ފްރީކުއެންސީ ފޮނުވުމަށް ޓަކައި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން" މަޝްރޫއުގެ ދަށުން އެންޓެނާ ފީލްޑެއް ހެދުމަށް ޕީއެސްއެމުން ސްރީލަންކާގެ ތާންތުރީ ޓްރެއިލާސް އާ ހަވާލުކުރީ ޑިސެމްބަރު 3، 2017ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ