ކަލްކަތާގައި ބެހެއްޓި މެސީގެ ސްޓެޗޫ ވެއްޓިދާނެތީ ނަގައިފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ޝަރަފުގައި އިންޑިއާގެ ކަލްކަތާގައި ބަހައްޓާފައި ހުރި ބިޔަ ސްޓެޗޫ، ރައްކާތެރިކަމުގެ ސަބަބުތަކަށް ޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނަގައިފިއެވެ.
މެސީ ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލި މަންޒަރާ އެއްގޮތަށް، އޭނާ ސިފަކޮށްދޭ 70 ފޫޓު އުސް އެ ސްޓެޗޫ އާންމުނަށް ހުޅުވާފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެސީ އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
ނަމަވެސް، ކަލްކަތާގެ ލޭކް ޓައުން ސަރަހައްދުގައި ހުރި އެ ސްޓެޗޫ ވަޔާއެކު ހެލޭ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ރިޕޯޓްކުރުމާ ގުޅިގެން، އިންޖީނިއަރުން ވަނީ އެތަނުގެ ރައްކާތެރިކަންް ބަލައިފައެވެ.
އިންޖީނިއަރުންގެ ރިޕޯޓަށް ފަހު ކަމާބެހޭ ފަރާތްތަކުން ނިންމީ، އެ ސްޓެޗޫއަކީ އާންމުންގެ ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ނުރައްކާތެރި އެއްޗެއް ކަމަށެވެ. ވެސްޓް ބެންގޯލްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޝަރަދުވަތު މުކަރުޖީ ވިދާޅުވި ގޮތުގައި، ސްޓެޗޫ ވަޔާއެކު ހެލޭކަން ފާހަގަކުރެވި، އެންމެ ފުރަތަމަ ވާޖަހައިގެން ބުދު ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށްފަހު، އެންމެ ފަހުން ނިންމީ އެއްކޮށް ނަގާށެވެ.
އެ ސްޓެޗޫ ނެގުމަށް ޓަކައި މަސައްކަތްތެރިން ވަނީ ކްރޭނާއި ވާ ބޭނުންކޮށްގެން ސްޓެޗޫ ރޫޅާލައި، އެ ސަރަހައްދުން ބޭރުކޮށްފައެވެ. އެ ސްޓެޗޫ މިހާރު ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ. އަދި ސްޓެޗޫ އަލުން މަރާމާތުކޮށްގެން އެހެން ތަނެއްގައި ބެހެއްޓޭނެތޯ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުންނެވެ.
މެސީ އިންޑިއާއަށް ޒިޔާރަތްކުރި ”ގޯޓް ޓުއާ“ އަށް ފަހު ބެހެއްޓި އެ ސްޓެޗޫއަކީ އޭޝިއާ ސަރަހައްދުގައި މެސީގެ ޝަރަފުގައި ބެހެއްޓުނު އެންމެ ބޮޑު އެއް ބިނާއެވެ. އެ ސްޓެޗޫ ނަގާފައި މިވަނީ ބެހެއްޓިތާ ހަ މަސް ދުވަސް ވެސް ނުވަނީހެވެ.
އިންޑިއާގައި ކްރިކެޓްގެ މަގުބޫލުކަން ބޮޑު ނަމަވެސް، ކަލްކަތާ ފަދަ ސިޓީތަކުގައި ފުޓްބޯޅައަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ