ދިވެހި ޑިޒައިނަރެއްގެ ކުރެހުން ހުއްދަ ނުހޯދައި ބޭނުންކުރުމަށް ފަހު ޕީއެސްއެމްއިން ބުނީ ކޯޓަށް ދިޔަޔަސް ދިފާއުވެވޭނެ ކަމަށް

ދިވެހި ޑިޒައިނަރު އަދި ތްރީޑީ އާޓިސްޓް ހުސައިން ނިޔާޒުގެ ކުރެހުމެއް ހުއްދަ ނުހޯދައި ބޭނުންކުރި މައްސަލައެއް ފެންމަތިވެ އެކަމުގެ ޝަކުވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ހުށަހެޅުމުން އެ ކަމުގައި ގާނޫނި ފިޔަވަޅު އަޅައިދިނުމަށް ކޯޓަށް ދިޔަ ނަމަވެސް ދިފާއުވެވޭނެ ކަމަށް އެ ކުންފުނިން ނިޔާޒުއަށް އަންގައިފި އެވެ. 
މި އަހަރުގެ ބޮޑު އީދު ކަވަރޭޖުގައި ޕީއެސްއެމްގެ ޓެލެވިޝަން މޯލްޑިވްސްއިން ބޭނުންކުރި ބްރޭންޑިންގައި ހިމެނޭ ބޮޑުމަހަކީ ނިޔާޒުގެ ތްރީޑީ ކުރެހުމެކެވެ. މިއީ އޭނާގެ ކުރެހުމެއް ދައުލަތުގެ މީޑިއާއިން ވަގަށް ބޭނުންކުރި ދެވަނަ ފަހަރު ކަމަށް ނިޔާޒުގެ ފޭސްބުކްގައި ލިޔެފައިވެ އެވެ. 
"ޓީވީ އެމްއަށް އަޅުގަނޑު މި ބޮޑުމަސް ބޭނުން ކުރަން ހުއްދަ އެއް ނުދެން. މިހުންނަނީ ވަރަށް ދެރަވަރު ކަންކަން.، އަޅުގަނޑުގެ މަސައްކަތުގަވެސް އަގެއް އޮންނަންވާނެ. އަޅުގަނޑު ދާއިރާގަ ކުރާ އެއްވެސް ކަމަކަށް ދުވަހަކު ސަޕޯރޓެއް ދިން ބައެއް ނޫން ޓީވީއެމް އަކީ،" މެއި 27، ގައި އޭނާ ލިޔުނެވެ. 
އޭނާއަކީ ދިވެހި ފޮންޓު ވެސް ފަރުމާކުރާ ކުޅަދާނަ ޓައިޕޯގްރާފަރެކެވެ. އޭނާ ހިލޭ ބޭނުންކުރުމަށް ދޫކޮށްފައިވާ ފޮންޓުތައް ބޭނުންކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ކުރެހުން ހުއްދަ ނުހޯދައި ބޭނުންކޮށްފައިވާތީ އަގު ދައްކަން ޖެހޭނެ ކަމަށް ނިޔާޒު ލިޔެފައިވެ އެވެ. 
އެ މައްސަލަ އީމެއިލް މެދުވެރިކޮށް ޕީއެސްއެމްއަށް ނިޔާޒު ހުށަހެޅުމުން އެ ކުންފުނިން ދިން ޖަވާބު އޭނާ ވަނީ މިއަދު ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. 
ޕީއެސްއެމްގެ ލީގަލް ޑިޕާޓްމަންޓުން ނިޔާޒުއަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވާ ގޮތުގައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ނިޔާޒު ކޯޓަށް ދިޔަ ނަމަވެސް އެކަމުން ދިފާއުވެވޭނެ ކަމަށެވެ. 
"ޓީވީއެމް ފަދަ ކުންފުންޏަކުން އާންމު ޑިޒައިނަރެއްގެ މަސައްކަތުން ވައްކަމެއް ކޮށްފައި އަދިވެސް އެކަމަށް އިންކާރުކޮށް، ހުއްޖަތު ދައްކަން ކޯޓަށް. މަރުހަބާ. އެދެނީ ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަމަށް،" އެ ޖަވާބު ހިއްސާކުރަމުން ނިޔާޒު މިއަދު ފޭސްބުކްގައި ލިޔުނެވެ. 
ޕީއެސްއެމްގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ވެސް ވަނީ ނިޔާޒުގެ ކުރެހުން ބޭނުންކޮށްފަ އެވެ. އޭނާ ވަނީ އެ ޕޯސްޓުތައް ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ