މިދިޔަ ހަފުތާގައި ހިމަބިހީގެ 22 ކޭސް؛ ޖުމްލަ އަދަދު 166ކަށް އަރައިފި
މީގެ ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހި، މިހާރު ބާރަށް ފެތުރެމުންދާއިރު މިދިޔަ ހަފުތާ އެކަނި ވެސް 22 ކޭސް ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ހިމަބިހީގެ ކޭސްތަކުގެ އަދަދު މިވަނީ 166ކަށް އަރައިފައެވެ. އަދި މިހާތަނަށް 9،918 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. https://x.com/HPA_MV/status/2079575332886319442 އެޗްޕީއޭއިން އެ ތަފާސްހިސާބު ހާމަކުރިއިރު، ހިމަބިއްސަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވެސް މިހާތަނަށް ވަނީ މަރުވެފައެވެ. ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ. https://sun.mv/224364 އެޗްޕީއޭއިން އަންނަނީ، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުން، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ގޮސް، ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ. ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވިދާޅުވީ، އާބާދީގެ ނިސްބަތުން، މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނައީ މިހާރު ރާއްޖޭގައި ކަމަށެވެ. https://sun.mv/224706 ފާހަގަކޮށްލެވޭ ގޮތުގައި، މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރެއްކަމުން، މިއީ ގިނަ ބަޔަކު ދަތުރުފަތުރުކޮށް، އެކި ބޭނުންތަކުގައި އެއްތަންވުން ގިނަ ދުވަސްކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ