ކުލަ އަކަށް ބެލުމެއް ނެތި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާން ޖެހޭ - މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދީއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފު ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް މަޖިލިސް މެމްބަރުކަން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނަން ހުށާހަޅާ އިސްލާހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއް ރީ ޓުވީޓް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ގާނޫނު ކުރިމަގައި އެންމެންނަކީ ވެސް ހަމަ ހަމަ ބައެއް ކަމަށެވެ.
"ޖިންސީ ކުލަ އަކަށް، އުފަން ރަށަކަށް އުމުރަކަށް ބެލުމެއް ނެތި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖެހޭ،" ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން ތެރޭގައި ހިމެނޭ ރައީސް މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސީދާ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅާފައިވީ ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ އާންމު މެންބަރުންނަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ ލަތީފު އެ އިސްލާހު ހުށަހެޅުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ.
" އެ ބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ލަތީފް ހުށަހެޅި ބިލެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ އެ ޝަރުތުތަކަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނޫނީ ބަދަލު ނުކުރެވޭނެ " ހަސަން ލަތީފް ވިދާޅުވިއެވެ.
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެފަދަ އިސްލާހެއް ހުށަހެޅުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެން ވެސް ވާނެ އިސްލާހެއް ނޫން ކަމަށާއި އެ އިސްލާހު މަޖިލީހުން ބަލައިގަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ